ވަރުގަދަ ޓީސީ އާއި ދެކޮޅަށް މިލަންދޫ ނިކުންނަނީ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ށ.މިލަންދޫ ނުކުންނާނީ ވަރުގަދަ ޓީސީ އާއި ދެކޮޅަށެވެ. މި މުބާރާތުގައި މިލަންދޫޓީމު ޕޮއިންޓް ޓޭބަލްގެ ފަހަތުން 2 ވަނައިގައި އޮތްނަމަވެސް އެޓީމުގެ ކުޅުމަށް ތައުރީފްކުރާ މީހުން މަދެއްނޫނެވެ.

މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗް މުޙައްމަދު ނިޒާމް ބުނީ މިލަންދޫ އަތުން މޮޅުވުމަކީ ފަސޭހަކަމެއް ނޫންކަން އެޓީމް އަންނަނީ ސާބިތުކޮށްދެމުންކަމަށާއި، ނިމިގެންދިޔަ މާޒިޔާ މެޗަށް ބަލާލުމުންވެސް އެކަން ހާމަވާކަމަށެވެ.

ޓީމްގައި ނަން މަޝްހޫރު ކުޅުންތެރިން ނެތް ނަމަވެސް މިލަންދޫ ޓީމަކީ ތޯތޯ ސަމާސާ ޓީމެއް ނޫންކަމަށް ވެސް ޓީސީގެ ކޯޗް މުޙައްމަދު ނިޒާމް ބުނެއެވެ.

ބިދޭސީ އެއްވެސް ކުޅުންތެރިއެއް ނުލައި ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިންނާއި ދެކޮޅަށް ނިކުމެ މިލަންދޫ އާ ކުޅުންތެރިން ދަނޑުމަތީގައި އެ ދައްކާ ކުޅުމަކީ އެޓީމަކީ ވަރުގަދަ ޓީމެއް ކަން ޔަގީންކޮށްދޭކަމެއްކަމަށް ނިޒާމް ބުންޏެވެ. އޭނާ ބުނީ ޓީސީން މި މެޗު އެއްވެސް ވަރަކަށް ފަސޭހަ ނުކުރާނެކަމަށާއި، ލީގު މެދުކަނޑާލާއިރު މި މެޗުން މޮޅުވުން މުހިންމުކަމަށެވެ.

“އަސްލު މިލަންދޫގެ ކޯޗާއި ކުޅުންތެރިން އެކުރާ މަސައްކަތަށް ތައުރީފް ހައްގު. އެމީހުންގެ ކުޅުން ވަރަށް ފާހަގަކޮށްލެވޭ.” ނިޒާމްބެ ބުންޏެވެ.

ޓީސީއާއި ދެކޮޅަށް ނިކުންނަ މެޗާއި ގުޅޭ ގޮތުން ށ.މިލަންދޫގެ ކޯޗް މުޙައްމަދު ނާސިރު ބުނީ އޭނާގެ ޓީމް އަންނަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުންކަމަށާއި، މާޒިޔާ އަތުން އެންމެ ފަހުން ކުޅުނު މެޗުން ބަލިވިޔަސް އެ މެޗުގައި ޓީމުން ދެއްކި ކުޅުމުގެ ސަބަބުން އުއްމީދު އާވެއްޖެކަމަށެވެ.

ލީގުގެ ވަރުގަދަ ޓީމްތައް އަތުން ޕޮއިންޓް ހޯދުމަކީ ކުރިއަށްދާން ލިބޭނެ އެންމެ ބޮޑު ހިތްވަރުކަމަށާއި، ޓީސީ ކަހަލަ ވަރުގަދަ އެޓޭކެއް އޮތް ޓީމެއް ހުއްޓުވުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށްވެސް ނާސިރު ފާހަގަކުރިއެވެ. ކުޅުންތެރިއެއްގެ ގޮތުގައި އޭނާއަކީ ޓިސީގެ ކޯޗް ނިޒާމްބެގެ އިރުޝާދުގެ ދަށުން ކުޅުނު ކުޅުންތެރިއަކަށް ވުމާއިއެކު ނިޒާމްބެގެ ގޭމް ޕްލޭން ދެނެގަންނަން މާ ބޮޑެތި އުނދަގޫތަކެއް ދިމާނުވާނެކަމަށްވެސް ގައުމީ ޓީމްގެ ކުރީގެ ޑިފެންޑަރު ބުންޏެވެ.

“އަސްލު މާޒިޔާ މެޗުގައި ބޭނުންވި ގޮތަށް ނަތީޖާ ނުނިކުތަސް ކުޅުމާއިމެދު ހިތްހަމަޖެހޭ، މިލަންދޫއެއް ބޭނުމެއް ނުވޭ ލީގް ނިމޭއިރު ފުލުގައި އޮންނަން. އަމާޒަކީ ބޮޑެތި ޓީމްތައް އަތުންވެސް ޕޮއިންޓް ހޯދުން” ނާސިރު ބުންޏެވެ.

މިލަންދޫ ޓީމު މިހާރު 1 ޕޮއިންޓާއި އެކު އޮތީ ޓޭބަލްގެ ފުލުން ދެވަނައިގައެވެ. އެންމެފުލުގައި އޮތީ ކުޑަހުވަދޫއެވެ. އެޓީމަށްވެސް 1 ޕޮއިންޓް ލިބިފައިވެއެވެ. ނަމަވެސް އެޓީމުން އެންމެފުލަށް ގޮސްފައިވަނީ ބައިކޮޅަށް ވަދެފައިވާ ގޯލްގެ ޢަދަދު އިތުރުކަމުންނެވެ. އެޓީމުކޮޅަށް 12 ގޯލް ވަދެފައިވެއެވެ. މިލަންދޫޓީމުގެ ގޯލަށް ވަދެފައިވަނީ 5 ގޯލެވެ.

މައުލޫމާތު ނެގީ: ޕީއެސްއެމްނިއުސް އިން.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ފުޓްބޯޅައިގެ މުސްތަޤްބަލް ކިހިނެތްވާނެބާ !!!؟

ދިވެހި ރާއްޖޭގެ ފުޓްބޯޅައިގެ މައިޢިދާރާ އެފްއޭއެމްގެ ހިންގާ ކޮމިޓީ އުވާލައި، އެ އިދާރާ ހިންގުމަށް ފީފާ އިން އިއްޔެ އައްޔަންކުރި …

ޚިޔާލެއްދެއްވާ

avatar