އެޕްރީލް

މެންދަމުގެ ހަމަހިމޭންކަން ފަޅުފިލުވަމުން ދިޔައީ އަރާމު ނިދީގައި އޮތް އާރިފްގެ ހުވަފެންތަކެވެ. ކޮޓަރިތެރޭގައި ޖަހާފައި ހުރި  މަޑު މިއުޒިކާއި އެއްވަރަށް އޭނާގެ ގުގުރީގެ އަޑުވެސް ދެމެމުން ދިޔައެވެ. ކޮޓަރިތެރެ އެހާ ފިނިކޮށް އެހުރީ އޭސީގެ ފިނިމިން ދަށްކުރަން އާރިފް ހަނދާން ނެތުމުންނެވެ. އެފިނިކަމުގެ ތެރޭގައި އެނާގެ ހުވަފެނުގެ ރާނީ އާއި ބައްދަލު ކުރުމަށް ތައްޔާރު ވަމުން ދަނީއެވެ. އޭގެ ކުރިން އޭނާ ދަނީ ކޮންމެވެސް ތަނަކުން ސިޓީ ލިޔާ ފޮތެއް ގަންނާށެވެ. އެ ފޮތް ލިބުމާއި އެކުހެން އޭނާ ލިޔަން ފެށިއެވެ.

“ކަލާޔާއި ވަކިވި ދުވަހުންފެށިގެން ބަދަލުތަކެއް އަހަރެންގެ ދިރިއުޅުމަށްއައެވެ. އެހެނަސް އަހަރެންގެ ހިތުގައި ކަލާޔަށްޓަކައި ދެވިފައިވާ މަޤާމަށް އެއްވެސް ހީނަރުކަމެއް ނާދެއެވެ. އަހަރެންގެ ހިތް ކަލާޔަށްޓަކައި އަދިވެސް އިންތިޒާރުކުރެއެވެ. ކަލާ އަލުން އަހަރެންގެ ދިރިއުޅުމަށް އަންނާނަންހެއްޔެވެ؟” ސުވާލަކުން އޭނާ ލިޔަމުން ދިޔަ ސިޓީ ނިންމާލިއެވެ. ކުއްލިއަކަށް އާރިފަށް  ހޭލެވިއްޖެއެވެ. ވެދާނެއެވެ. މާ ފިނިބޮޑުވީކަމަށެވެ. ކުޑައިރުކޮޅަކު އެނދުމަތީ އިނދެފައި ތެދުވިއެވެ. އޭނާގެ ސިކުނޑި އެވަގުތު ފަތަޙަ ކުރަމުން ދިޔަ ފުވަފެންތަކާއި މެދު ފިކުރު ކުރަމުން ފާޚާނާއަށް ވަނެވެ.

އާރިފް އޭނާގެ ހުވަފެންތަކުގައި ފެންނަމުން ދިޔަ ކަންތައްތައް ސިޓީއެއްގައި ލިޔެ އޭނާގެ ހިތުގައި ޖާގަ ހޯދައިފައިވާ ލޯބިވާ އީޝާއަށް ފޮނުވިއެވެ. އޭނާ ވަނީ މީގެ ކުރިން އީޝާއާއި އެކުގައި އެކުވެރިކަމުގެ އެތަށް ވަގުތުތަކެއް ހޭދަކޮށްފައެވެ. އެގުޅުމަށް އައި ހީނަރު ކަމަކީ ތިން އަހަރުގެ ކޯހެއްގައި އީޝާ ފުރައިގެން ދިއުމެވެ. ކޯސް ނިންމާ ރަށަށް އެނބުރި އައިފަހުން އާރިފްގެ ސަމާލުކަން ހޯދަމުން ދިޔަ އީޝާގެ ހިތުގައި އޮތީ ކޮން ވާހަކައެއް ބާއެވެ؟ ކޮންމެ ގޮތެއްވިޔަސް އާރިފްގެ ހިތުގައި އީޝާއަށް އޮތް ޝައުޤުވެރިކަން ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.

އެ ސިޓީ ވެގެން ދިއައީ ފުރަތަމަ އާރިފްގެ ލޯބި ހުށަހެޅުމެއް ކަމުގައިވިއެވެ. އެހެނަސް އެ ސިޓީގެ ޖަވާބެއް ނުލިބުނެވެ. އެ ސިޓީގައި އާރިފް ލިޔުނު ޢިބާރާތްތައް އަދިވެސް ހަނދާނުގައިވެއެވެ. ” އަހަރެންގެ އެކުވެރި އީޝާއާއި މިހާރު ކިތަންމެހައިވެސް ދުރެވެ. އެކަމަކު އަހަރެން ކަލާދެކެވާ ލޯތްބެއްގެ ބޮޑުކަމުން އެ ލޯތްބާއި ދުރަށް ދާން އުނދަގޫވެއްޖެއެވެ. ކަލާޔާއެކު އުފަލުގައިވާ ވަގުތު ވަރަށް އުފާވެރިއެވެ. ކަލާޔާނުލާ ހިތަމާގައި ވާވަގުތު އެހާމެ ހިތާމަވެރިއެވެ. މިއީ ދުނިޔޭގެ އާދައެވެ. އަހަރެންގެވެސް ޙާލަތެވެ. ކަލާގެ ކުޑަނަމަވެސް އިޝާރާތެއް އާރީއަށް ވާނެކަމަށް އުއްމީދުކުރަން……..”

އާރިފް ހުރީ އެޕްރީލްމަހުގެ 21 ވަނަދުވަހަށް އިރުއަރާތޯ ބަލަބަލައެވެ. އާރިފަށް އެރޭ ރަނގަޅަށް ނުވެސް ނިދުނެވެ. އީޝާގެ އުފަންދުވަހުގެ ސަޕްރައިޒު ދޭން އޭނާ ރާވަމުން ދަނީއެވެ. އޭނާ އުއްމީދުކޮށްގެން އެހުރީ އެރެއަކީ އީޝާގެ ފަރާތުން އޭނާ އުފާވާނެ ފަދަ ޖަވާބެއް ލިބޭނެ ރެއަކަށްވާނެ ކަމަށެވެ. އެއީ އާރިފްގެ އަލަތު  ލޯބި އޭނާއަށް ލިބޭނެ ރެއެކެވެ. އޭނާގެ ހިތުގައި އީޝާގެ ތަސްވީރު ކުރެހެމުންދަނީއެވެ. ސާދަފަނަރާއިގެ ހަނދެއްފަދަ ދޮންމޫނެކެވެ. ފުރިހަމަ ޗާލު ދޮން ހަށިގަނޑެކެވެ. ރަކި ހިނިތުންވުމެކެވެ. ކައިރިން ބަލާނަމަ ލޮލުގެ ހުދުކަން ހުދުބޯކިރުފޮދެއް ފަދައެވެ. ކަޅިރަވަ ތޫނުވެފައި ހިތްގައިމެވެ. ބޮޑު ދެލޮލެވެ. ތުންފަތާއި ކޮލަށް ވަނީ މަޑު ދަނބުކުލަރާފައެވެ.

އާރިފް ފަތިސް ނަމާދުކޮށްގެން އަތިރިމައްޗާއި ދިމާއަށް ހިނގަމުން ދިޔައެވެ. އޭނާގެ ސިކުނޑީގައި ވަނީ އެއް ވާހަކައެކެވެ. އަތިރިމަށްޗަށްގޮސް ފުރަތަމަވެސް އާރިފްގެ ނަޒަރު ހިންގާލެވުނީ އުދަރެހާއި ދިމާއަށެވެ. އިރުއެރުމުގެ ކުލަވަރުތައް އުދަރެހުގައި ޖެހެމުންދަނީއެވެ. ކާޅާއި ކޮވެލިތައްވެސް އުފާވެރި ދުވަހަކަށް ގޮވަމުން އުދުހެމުން ދިޔައެވެ. އާރިފްގެ ހިތް އަވަސް ވާންފަށައިފިއެވެ. ނަމަވެސް އިރުއެރުމުގެކުރިން އުދަރެސްމުޅިން ބަދަލުވާން ފަށައިފިއެވެ. ކަޅުވިލާތައްއައިސް އިރުގެ ރަންދޯދިތައް ފޮރުވާލައިފިއެވެ. ހަމައެބީދައިން އޭނާ ކުރަމުންއައި އިންތިޒާރުވެސް މުޅިން ބަދަލުވެގެން ހިނގައިދާނެތީ ބިރުގަންނަނީއެވެ.

ކޮންމެއަކަސް އާރިފް ނުހަނު ބޮޑަށް އީޝާގެ އުފަންދުވަސް ފާހަގަ ކުރަން އޭނާގެ އެކުވެރިންނާއި ވާހަކަދައްކާ އެކިއެކި ސާމާނުތައް ގަނެ އެތަކެއް ބޮޑަތި ޚަރަދުތަކެއް ކޮށްފިއެވެ. އޭނާގެ ރައްޓެއްސެއްގެ ގޭގެ ތަނަވަސް ސިޓިންރޫމެއް އެ ޙަފްލާއަށް ޒީނަތްތެތިކުރަމުން ދިޔައެވެ. ދަޢުވަތު ދިނީ ހަމައެކަނި އާރިފްގެ އެކުވެރިންނަށާއި އީޝާގެ ގާތް އެކުވެރިންނަށް އެކަންޏެވެ.

ދަޢުވަތު ކާޑުގައި ލިޔެފައިވާ ގަޑިއަށް ހުރިހާ އެންމެވެސް ނަލަހެދިގެން އޯކިޑުގޭ ދޮށަށް ޖަމާވެއްޖެއެވެ. އެ އެންމެން އެތެރެއަށް ވަދެ އާރިފްގެ ޕުލޭނާއި އެއްގޮތަށް ފިލަން  ބުނެފައިވާ ތަންތަނަށް ވަދެ ފިލާ ރަނގަޅަށް ނިމިއްޖެއެވެ. އޭރު އީޝާގެ ދެ އެކުވެރިން އޭނާ ގޮވައިގެން އެ ގޭދޮށަށް އަންނަނީއެވެ. ކޮންމެވެސް ބަހަނާތަކެއް ދައްކައިގެން ނާންނަށްވެސް އީޝާ އުޅުނެވެ. އޭނާގެ އުފަންދުވަސްކަމަށް ވީތީ ކޮންމެވެސް ލަނޑެއްދޭން އުޅޭހެން ހީވެގެންނެވެ. އެހެނަސް ވަރަށް ބޮޑު ވާހަކައެއް ދައްކާށޭ ކިޔާ އެ ދިމާއަށް ގެންދިޔައެވެ. އެމީހުން އޯކިޑުގެއާއި ކައިރިވުމުން ކޮންމެވެސް ބިރުވެރި އަޑެއް އިވިއްޖެއޭ ކިޔާ ދުއްވައިގަތެވެ. އީޝާވެސް ބިރުން އެމީހުން ފަހަތުން ގޮސް އެ ގޯތިތެރެއަށް ވަނެވެ. އަދި ދުވެފައި ގޮސް  ގޭގެ ދޮރުގައި ނިކަން ބާރަށް ތަޅަންފެށިއެވެ. ތިން މީހުންވެސް ނިކަން ހާސްވެ ބިރުންތިއްބާ ކުއްލިއަކަށް އަނެއްކާވެސް އެ ބިރުވެރި އަޑު ވަރަށް ކައިރިން އިވުނެވެ. އެއާއެކު……….( ނުނިމޭ)

ލިޔުނީ: އިބްރާހިމް ޝާމިލް

އިބްރާހިމް ޝާމިލް އަކީ ޒުވާން ލިޔުންތެރިއެކެވެ. ޢާއްމުކޮށް ލިޔެއުޅެނީ ތަފާތުވައްތަރުގެ ވާހަކައެވެ. އަދި މުޖުތަމަޢުގެ ޙާލަތާ ގުޅޭގޮތުން މަޒުމޫނާއި ، ޅެންވެސް ހައްދަވާ އުޅުއްވައެވެ.

ޚިޔާލެއްދެއްވާ

avatar
ސޭޚު ހަސީނާ
ސޭޚު ހަސީނާ

ލިޔުންތެރިޔާގެ އައިޑިއަރ ވަރަށް މޮޅުކަމަށް ފެނޭ . މުޅިން އާ ސަޅި އައިޑިއަރ އެއް ފެށުންވެސް ވަރަށް ހިތްގައިމު ހުވަފެނެއްގެ ތެރެއިން ލޯބީގެ ސިޓީއެއް އަދި އެސިޓީގެ ތެރެއިން ވާހަކަ ކިޔައިދެމުން ގެންގޮސްދެނީ … ވަރަށް ފައްކާ.

wpDiscuz