އެޕްރީލް (ދެވަނަ ބައި)

(ކުރީގެ އަދަދާއި ގުޅޭ)

ތިން މީހުންވެސް ނިކަން ހާސްވެ ބިރުން ތިއްބާ ކުއްލިއަކަށް އަނެއްކާވެސް އެ ބިރުވެރި އަޑު ވަރަށް ކައިރިން އިވުނެވެ. އެއާއިއެކު ކުއްލިއަކަށް ދޮރުހުޅުވުނެވެ. އެމީހުން އަވަސްވީ ގޮތަކުން އެތެރެއަށް ދެމިގަތެވެ. އޭރު ގޭތެރޭގައި އެއްވެސް  ކަހަލަ އަލިކަމެއް ފެންނާކަށް ނެތެވެ. މީހަކު އައިސް ދެލޮލަށް އިނގިލި ހެރިޔަސް ނޭނގޭހައިވެސް އަނދިރިއެވެ. ބިރުވެރިކަން އިންތިހާއަށް ދިއައީ އެހެންވެއެވެ. އީޝާ ބިރުން ހަޅޭލައްވައިގަންނަންވެސް އުޅުނެވެ. އެހެނަސް ހިތްވަރުކޮށްފައި  އަނގަމަތީގައި ދެ އަތްއަޅަލިއެވެ. ވަރުބަލިވެގެން އިށިއިނދެވުނީ ކޮންތާކު ކަމެއްވެސް ނޭނގެއެވެ. ތިން މީހުންގެ ހާސްކަމުގެ ފުންނޭވާތަކެއް ދޫކުރަމުން ދިޔަ އެ މާޙައުލުގައި ވާ އަނދިރިކަން ފިލާގޮސް، ކުއްލިއަކަށް މުޅިތަން އަލިވެގެން ދިޔައެވެ. އެއާއެކުގައި ފިލާތިބި އެންމެންގެ ހުނުމުގެ އަޑާއިއެކުގައި “ހެޕީ ބާރތު ޑޭ” ގެ ލަވައިން އީޝާ ސިއްސައިގެން ދިޔައެވެ. އީޝާގެ ދެއެކުވެރިން ކުޅުނު މޮޅު ޑުރާމާގެ ކުށްނަށް އާދެވުނީއެވެ.

އެމީހުން ފިލާ ތިބީ ސިޓިންރޫމުގައެވެ. ގިނަ އެކުވެރިން ތިބީ އެމީހުންގެ ލޯބިވެރިން ގޮވައިގެން އައިހެވެ. އާރިފް ހުރީ އެފަދަ ވަގުތަކަށް ކެތްމަދުވެފައެވެ. އޭނާވެސް ބޭނުންވަނީ އެކަނިވެރިކަމުގެ ބޭކާރު ދުވަސްތަކާއި އަލްވަދާޢު ކިޔާށެވެ. އެއްވެސް ހާލެއްގައި އުއްމީދުގެ ސިގުނަލް ފެހިކުލައިން ރަތަށް ބަދަލުވާކަށް މިރެއަކު ނޭދެއެވެ. ކަރުދާހުގައި ހިތުގެ އުދާސްތައް ލިޔެ އަލިފާނަށް އެޅުމުގެ ބޭނުމެއް އޭނާގެ މިހާރަކު ނެތެވެ. ލޯބިވެރިޔާގެ ހާލަކީ ކޮބައިތޯއެވެ؟ އާރިފް އީޝާއަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އީޝާ ހުރީ ހަމަ ރަނގަޅަށްވެސް ސަޕްރައިޒުވެފައެވެ. އޭނާ އުފަލުން ފޮޅުނު ކަހަލައެވެ. ” ކޮބާ ސަޕްރައިޒު ކިހިނެތް؟ ބާރތު ޑޭ ގާލް…”  އާރިފް އޭނާގެ އަތުގައި އޮތް ކޭކު ފަޅާ ވަޅި އީޝާއަށް ދިއްކޮށްލީ ދުވަހުގެ ތަޙްނިޔާވެސް ކިޔަމުންނެވެ.

ބުނާނެ އެއްޗެއްވެސް ނޭނގިފައި ހުއްޓުން އަރާފަކަހަލަ ގޮތަކަށް އީޝާއަށް ކުޑައިރުކޮޅަކު ހުރެވުނެވެ. ” ވަރަށް ހަބޭސް ބުރޯ… ތެންކުސް އިނގޭ” އީޝާގެ ފަހަތުން އައިސް ޒުވާނަކު ބުނެލިއެވެ. އެއީ އެޕާޓީއަށް ދަޢުވަތު ދިން މީހެއްނޫނެވެ. އޭނާގެ އަތް އީޝާގެ ކޮޑުމަތީގައި ބޭއްވީވެސް ހަމަ އެވަގުތެވެ. އެޒުވާނާ ކޭކާއި ދިމާއަށް ބަލަމުން އީޝާ އޭނާއާއި ކައިރިކޮށްލައި ހަތަރުކަޅި ހަމަކުރި ތަން ބަލަން އާރިފަށް ކުޑަކޮށް އުނދަގޫވިއެވެ. އެޒުވާނާގެ އަތުގައި އޮތް ރަތްކުލަގަދަ ފިނިފެންމަލުން އީޝާގެ ކޯތާފަތުގައި ފިރުމައިލީވެސް އާރިފް ކައިރީގައި ބަލަން ހުއްޓައެވެ. އޭނާއަށް ހުރެވުނީ ކަޅިޖަހައިލަންވެސް ނޭނގިފައެވެ. ވާނުވާއެއް އެއްގޮތަކަށްވެސް ނޭނގޭ ހާލުގައެވެ. އާރިފްގެ އެކުވެރިއެއް އެޒުވާނާއަށް ނާފިއުއޭ ކިޔާ ގޮވައިލައި ކަރުކެހިލިއެވެ. އެމީހުން ތިބީ އީޝާއާއި ދިމާކުރަން ދަނޑިވަޅަކަށް ބަލަބަލައެވެ. ޒީނަތްތެރިކޮށްފައިވާ ކޭކުގެވަށައިގެން ތިބި އެކުވެރިންގެ ތެރެއިން އާރިފް ކުޑަކޮށް ފަހަތަށް ޖެހެމުން ދިޔައެވެ. ފެންނަމުން ދިޔަ މަންޒަރުތަކުން އޭނާގެ ހިތުގައި މީހަކު ވަކިއަޅަމުން ދާކަހަލަ ވޭނީ އިހްސާސްތަކެއް ކުރެވެމުންދާންފެށިއެވެ.

އެންމެން ކިޔަމުން ދިޔަ އުފަންދުވަހުގެ ލަވަޔާއެކުގައި އަގުބޮޑުކޮށް އެޅި އެ ރީތި ކޭކު ފަޅައިލީވެސް އީޝާއާއި ނާފިއުގެ ދެއަތުންނެވެ. އެއާއެކު އާރިފްގެ ހިތްވެސް އެކޭކާއި އެކު ފަޅިވެގެން ދިޔަކަހަލައެވެ. ކޭކުގައި އީޝާގެ ނަން އާރިފް ލިޔެފައިވަނީ ކިތަންމެހައިވެސް ލޯބިންނެވެ. އެހެނަސް އެލޯބީގެ އަގު ލިބެމުން އެދަނީ ކޮންފަދައަކުން ހެއްޔެވެ؟ ފުރަތަމަ ނެގި ކޭކު ފޮތި އީޝާ ލެވީ ވެސް ނާފިއުއަށެވެ. “ނާފިއު އެއީ އީޝާގެ ކާކު ހެއްޔެވެ؟” އާރިފްގެ ސިކުނޑީގައި އެވަގުތު އެނބުރެމުން ދިޔައީ ހަމައެކަނި އެސުވާލެއް ނޫނެވެ. އާރިފްގެ ހިތް ނޭނގި ނަމަވެސް އީޝާ މިއަދު ޒަހަމްކޮށްލައިފިއެވެ. އުއްމީދުގެ ދޮރުގައި ޓަކިދިނުމުން، އީޝާ މަޑުމަޑުން އެދޮރުފަތް ލައްޕައިލިހެން ހީވިއެވެ. ވަރަށް ސިއްރު ސިއްރުންނެވެ. އެތައް ދުވަހެއް ވަންދެން އޭނާއާއި ދުރުގައި ހުރުމަށްފަހު އައިސް އެދިން ހަދިޔާ ކިހާ ބޭއިންސާފުހެއްޔެވެ؟ ވެދާނެއެވެ. އާރިފް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރަން އެވަގުތު ބޭނުންނުވަނީއެވެ. އޭނާއަށް އީޝާއާއި މެދުގައި މާ ފޮނި އުއްމީދުތަކެއް ކުރެވުނީތީއެވެ. އީޝާވެސް އޭނާދެކެ އެވަރަށް ލޯބިވާނެކަމަށް ހީކުރެވުނީތީއެވެ.

“ކުރެވުނީ ހައްތާވެސް ކުށްހީތަކެއް…” އެންމެފަހުން އަމިއްލަ ޟަމީރު އޭނާއަށް މަލާމާތް ކުރިކަހަލައެވެ. ޕާޓީ މުޅިން ނުނިމެނީސް އޭނާ ގެއަށްދާން ބޭނުންވިއެވެ. އެހެނަސް އެކުވެރިން އެފުރުޞަތެއް އޭނާއަކަށް ނުދިނެވެ. އެ ކުޑަ އެހެނަސް ޚާއްޞަ ޙަފްލާ ނިންމާލުމަށްފަހު ގެއަށް އެނބުރި ދިޔައިރުވެސް އާރިފް ހުރީ ފާޑަކަށް ގަބުވެފައެވެ. މީހަކާއި ވާހަކަ ދައްކާނެ މޫޑެއް އޭނާގެ ނެތެވެ. ޙަޤީޤަތުގައި އޭނާގެ ހިތުގައި އެވާ ލޯބީގެ އެއްވެސް ވާހަކައެއް އީޝާގެ އެކުވެރިން ކީއްކުރަން އޭނާގެ އެކުވެރިންނާއި ވެސް އަދި ހިއްސާއެއް ނުކުރެއެވެ. އެހެންކަމުން އެއްވެސް ކަމެއް އެއިން މީހަކަށް ކުޑަކޮށްނަމަވެސް ފާހަގައެއް ނުކުރެވުނެވެ. އެންމެންވެސް ހީކޮށްގެން އެތިބީ އާރިފަކީ އީޝާގެ ބެސްޓްފުރޭންޑުކަމަށެވެ. އަދި އެ ޕާޓީއަކީ އެހެންވެ ދިން ޕާޓީއެއް ކަމަށެވެ.

 ކޮޓަރިއަށް ވަދެ އާރިފް ފޯނު ބަލައިލީ ދާދި ދެންމެއަކު ޕާޓީގެ ތެރެއިން ނެގުނު ފޮޓޯތަކަށް  ކުޑަނަމަވެސް ކަޅިއެއް ހިނގާލުމަށެވެ. އީޝާއާއިއެކުގައި ނެގި ގުރޫޕް ސެލްފީ ފެނިފައި އޭނާގެ ހިތަށް އަދި މާބޮޑަށް ތަދުވިއެވެ. ޑިލިޓް ކޮށްލުމަށް ސްކުރީނަށް ފިތާވެސް ލެވުނެވެ. އެހެނަސް ދެވަނަ ވިސްނުމަކަށް އޭނާއަށް ދެވުނެވެ. އަދިވެސް އޭނާގެ ޚިޔާލުގެ ދުނިޔޭގައި ވަނީ ދެންމެއަކާއި ޖެހެންދެން ކުރިމަތިލި ހަނގުރާމައިގެ މަންޒަރުތަކެވެ. ފޮޓޯ އަލްބަމެއް ފަދައިން ފަހަރަކު ކަމެއް ޚިޔާލުގެ ސްކުރީނުގައި ތަމްސީލުވަމުން އެހެރަ ދަނީއެވެ. އޭނާގެ ލޮލުން އަންނަ ފެނަކީ އެ މަންޒަރުތަކުން ފާއްދައިލި ހިތި ކަރުނަ ތަކެވެ.

ބޯއަޅައިގެން އޮތް ބާލީހުގެ އެއްފަޅި ކަރުނައިން ތެމެމުން ދިޔައިރުވެސް އާރިފުގެ ލޮލަކަށް ނިންޖެއް ހަމަ ނާދެއެވެ. އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ އީޝާގެ ފަރިހިނިތުންވުމުގެ އަޑާއެކުގައި އޭނާ ނާފިއު ތަޢާރަފް ކޮށްދިން ޖުމުލަތަކެވެ. އެ މަންޒަރު ދެންމެ ދެންމެ އޭނާގެ ކުރިމަތީގައި ސިފަވަމުން ދާ ކަހަލައެވެ. ” އާރީ…. މިއީ އަހަރެންގެ ބީ.އެފް… ނާފިއު….ނާއްޕެ… މިއީ އަހަރެމެންގެ  ސެކަންޑު އެނަވަސަރީ…. އެޕްރީލް 22 މިއީ ނާއްޕެ އަހަންނަށް ޕްރޮޕޯސް ކުރި ޑޭޓް..” އާރިފް ފޮނުވި ސިޓީގެ ޖަވާބު ނުލިބުމުގެ ސިއްރަކީ މިއީބާވައޭ އޭނާގެ ހިތަށް އެހިނދު އެރިއެވެ. ހަމައެދަނޑިވަޅު އާރިފުގެ ހިތް ކުދިކުދިވި ކަހަލައެވެ. އޭނާ ނިކަން ހިތްވަރުގަދަކުރިއެވެ. އަދި އެލޯބި ކޮންމެވެސް ގޮތަކުން ހޯދުމަށް ހަމަ އެރޭގައި އޭނާ އަޒުމުކަނޑައެޅިއެވެ. މިފަދަ އެތައް ފިކުރުތަކެއްގައި އޮތްވާ އޭނާގެ ލޯމެރުނެވެ. އޭގެ ބައިގަޑިއިރު ފަހެވެ. ސިޓީ މެދުކެނޑުނު ހިސާބުން އަނެއްކާވެސް އަލުން އާރިފް ލިޔަމުން ދިޔައެވެ.  

“ކަނޑުގައި ދަތުރުކުރަމުންގޮސް މަންޒިލާއި ކައިރިވުމުން ހިތަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބެއެވެ. އެހެނަސް މާ ގިނައިރުތަކެއްނުވެ އެހިތް މާޔޫސް ކުރުވައެވެ. އަހަރެންނަށްވެސް މިވީ އެފަދަ ގޮތެކެވެ. ފެނުނީކީ ބޭނުންވި އައްސޭރިއެއްނޫނެވެ. ހޫނުގަދަވުމުން ފެންނަފަދަ އަވާމެންދުރެކެވެ. އާއެކެވެ. ކަލާ އަހަންނަށް ދެއްކީ އެފަދަ މަންޒަރެކެވެ. އޭގައި އެއްވެސް ހަޤީގަތެއް ނުވެއެވެ. އެހެންކަމުން ކަލާއާއި ދުރަށް ދިޔުމަށްޓަކައި އަހަރެން ދަތުރު ފަށައިފީމެވެ. އެއީ އަހަރެންގެ ހިތްރޮއްވައިލާ ދެލޯ ކަރުނައިން ތެއްމާލުމަށްފަހުގައެވެ. ކަލާއާއި ނުހަނު ދުރަށެވެ. އެނބުރި އައުމެންނުވާ ފަދަ މަންޒިލަކަށެވެ. ކަލާ އަހަރެންނަށް އިންތިޒާރު ކުރުމުގެ ބޭނުމެއް މިހާރަކު ނެތެވެ. އެކަން ނުކުރާށެވެ. އެކަމަކު ކިތަންމެ ދުރުގައިވިޔަސް އަހަރެންގެ ނިކަމެތި ހިތް އަބަދުވެސް އެދެނީ ކަލާގެ ލޯތްބެވެ. އަހަރެންނަށް ދެވަނަ އެހެންލޯތްބެއް މިދުނިޔޭގައި ނުވާފަދައެވެ….”

ދުންފިނީގެ އަސަރުކޮށްފައިވާ ކަން ކުޑަދޮރަށް ބަލައިލުމުން އެނގެއެވެ. ކަންނެތް ގޮތަކަށް ގޮސް އާރިފް އެކުޑަދޮފަތް ހުޅުވައިލީ އޭނާގެ މަންމަ ފަތިސް ނަމާދަށް ގޮވާ އަޑަށެވެ. ނިދިފިލުވާލުމުގެ ގޮތުން ބޭރުބަލައިލުމުގެ ބޭނުމުގަވެ. އޭރު ގަޑިން ފަސްގަޑި ބައިވެދާނެއެވެ. އަވަސް ގޮތަކަށް………(ނުނިމޭ)

 

ލިޔުނީ: އިބްރާހިމް ޝާމިލް

އިބްރާހިމް ޝާމިލް އަކީ ޒުވާން ލިޔުންތެރިއެކެވެ. ޢާއްމުކޮށް ލިޔެއުޅެނީ ތަފާތުވައްތަރުގެ ވާހަކައެވެ. އަދި މުޖުތަމަޢުގެ ޙާލަތާ ގުޅޭގޮތުން މަޒުމޫނާއި ، ޅެންވެސް ހައްދަވާ އުޅުއްވައެވެ.

ޚިޔާލެއްދެއްވާ

avatar
އަގުލީ
އަގުލީ

ވާހަކަ ރީތި. އެހެންނަމަވެސް ލިޔުމުގައި ވަރަށް މައްސަލަތައް ހުރިކަން ފާހަގަ ކުރަން. ޕޯސްޓް ކުރުމުގެ ކުރިން ރަނގަޅަށް ޗެކުކޮށްލަން ފެނޭ

wpDiscuz