އެއްބައިވަންތަކަމާއި އެކުވެރިކަން

ކަރުދާސް ހުށަހަޅުއްވައިދެއްވީ : އައްޝައިޚު އިސްޙާޤު މުޙައްމަދު

                           އެއްބައިވަންތަކަމާއި އެކުވެރިކަމަކީ : އިސްލާމީ ޢަޤީދާގެ ގުޅުމުން ގުޅިފައިވާ ކޮންމެ މީހަކާއިމެދު އިޙްތިރާމާއި ކުލުނާ ލޯބިންފުރިފައިވާ ފުން ޖަޒުބާތުތަކުގެ ޝުޢޫރު ވާރުތަކޮށްދޭ ނަފްސާނީ ގުޅުމެކެވެ.

ޙަޤީޤީ ފުރިހަމަ އެއްބައިވަންތަކަމުގެ ސަބަބުން އެމީހެއްގެ ކިބައިގައި އެކުވެރިކަމުގެ މާތް އަދި ތެދުވެރި ޖަޒްބާތުތައް އަށަގަންނުވައިދެއެވެ.

މިސާލު : އެހެންމީހުންގެ މައްޗަށް ގަދަވެ ނަޞްރުލިބޭހިނދު އަނެކުންނަށް މަޢާފުކުރުން. މީސްތަކުންނަށް ރަޙުމާ ހަމްދަރުދީވުން. އަމިއްލަނަފްސައްވުރެ އެހެންމީހުން އިސްކުރުން. މީސްތަކުނަށް އެހީތެރިވެ އެއްބާރުލުންދިނުން. މީސްތަކުންނަށް އެބައިމީހުންގެ ނަފްސާ އަދިމުދަލާ އަދިއެބައިމީހުންގެ ޢިރްޟާ އަދިކަރާމަތުގައި ގެއްލުންލިބޭ ކަންކަމުން ދުރުހެލިވުން. މިކަންކަމަކީ ޙަޤީޤީ އެއްބައިވަންތަކަމުން މެނުވީ ޙާޞިލްވާނޭ ކަންކަމެއްނޫނެވެ.

އިސްލާމްދީން ބާރުއަޅުއްވައިފައިވަނީ މިފަދައެކުވެރިކަމަށެވެ. އަދިމިއެކުވެރިކަން ލާޒިމުކުރުވާ އަދިނިޔާކުރާ ކަންތައްތައް ކަނޑައަޅުއްވާ ބަޔާންވެސްކުރެއްވިއެވެ. ﷲ ވަޙީކުރައްވާފައިވޭ : وَاعْتَصِمُواْ بِحَبْلِ اللّهِ جَمِيعًا وَلاَ تَفَرَّقُواْ وَاذْكُرُواْ نِعْمَةَ اللّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاء فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىَ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا كَذَلِكَ يُبَيِّنُ اللّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ  ] آل عمران : ١٠٣[  އަދި ތިޔަބައިމީހުން (އެއްބަޔަކު އަނެއްބަޔަކަށް) ޢަދާވާތްތެރިން ކަމުގައިވަނިކޮށް ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ. އެއިލާހު ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން އެއިލާހު ދެއްވި ނިޢުމަތުގެސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން އެއިލާހު ތިޔަބައިމީހުން އެއިން ސަލާމަތް ކުރެއްވިއެވެ.

އިސްލާމީ އުންމަތުގެ އަފްރާދުންގެމެދުގައި މިއެކުވެރިކަން ޤާއިމްވެފައިވާކަމަށް ތާރީޚުގެ ހެކިތަކުން ދައްކައެވެ. އަޝްޢަރީ ވަންހައިގެ މީހުން އެމީހުންގެ ތެރޭގައި ކާބޯތަކެއްޗަށް ދަތިވެ ބޭނުންޖެހިއްޖެނަމަ އެބައިމީހުންގެ އަތުގައިހުރި ހުރިހައިކާނާއެއް ފޮތިގަނޑަކަށްއަޅާ ޤަބީލާގެ އެންމްންގެ މެދުގައި އެއްވަރަށް ބަހަތެވެ.

އެކުވެރިކަމާ އެއްބައިވަންތަކަމުގެ ޙައްޤުތަކާއި އެކަމުގެ އަދަބުތައް

މުސްލިމަކާ އޭނަގެ އަޚާއާއި ދެމެދުގައި އޮންނަންވާ އެކުވެރިކަމާ އެއްބައިވަންތަކަމުގެ އަސާސަކީ :ތިމާގެ އަމިއްލަ ނަފްސަށް ލޯބިކުރާ ކޮންމެކަމެއް އަނެކާއަށްވެސް ލޯބިކުރުމެވެ.

ނަބިއްޔާ ޙަދީސްކުރެއްވިއެވެ. (( لاَ يُؤمِن أَحَدُكُم حَتَّى يُحِبَّ لِأخِيه ما يُحِبُّ لِنَفسِه ))  އެމީހެއްގެ އަމިއްލަ ނަފްސަށް ލޯބިކުރާކަމެއް އޭނަގެ އަޚާއަށް ލޯބިކުޅައްޖައުމަށް ދާންދެން ތިޔަބައިމީހުންގެ ތެރެއިން އެކަކުގެވެސް އީމާންކަން ފުރިހަމަނުވާ ހުއްޓެވެ.

މިއަސާސްގެދަށުން އެކުވެރިންނާއި މުޢާމަލާތްކުރާ ކޮންމެމީހަކީ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ޙައްޤު ފުރިހަމައަށް އަދާކޮށްފި މީހެކެވެ.

އެކުވެރިކަމާ އެއްބައިވަންތަކަމުގެ ޙައްޤުތަކުގެތެރޭގައި ޢާއްމުކޮށް ހުރިހައިއެންމެން ބައިވެރިވާ (ޢާންމު ޙައްޤުތައް) އަދިޚާއަޞަކޮ ދޭދޭރަޙްމަތްތެރިންގެ މެދުގައިވާ (ޚާއްޞަ ޙައްޤުތައް) ހިމެނެއެވެ.

1- ބައްދަލުވާހިނދު ސަލާމްކުރުން އަދިދަޢްވަތެއް ދެވިއްޖެނަމަ އެކަމަށް އިޖާބަދިނުން އަދިނަސޭހަތަކަށް އެދިއްޖެނަމަ ހެޔޮނަސޭހަތްދިނުން އަދިކިނބިއްސެއް އެޅިއްޖެނަމަ ދުޢާކޮށްދިނުން އަދިބަލިހާލު ބެލުމަށްޓަކާ ޒިޔާރަތްކުރުން އަދިމަރުވެއްޖެނަމަ ޖަނާޒާގަ ބައިވެރިވުން.

ނަބިއްޔާ ޙަދީސްކުރެއްވިއެވެ. ((حَقُّ الْمُسْلِمِ عَلَى الْمُسْلِمِ سِتٌّ إِذَا لَقِيتَهُ فَسَلِّمْ عَلَيْهِ وَإِذَا دَعَاكَ فَأَجِبْهُ وَإِذَا اسْتَنْصَحَكَ فَانْصَحْ لَهُ وَإِذَا عَطَسَ فَحَمِدَ اللَّهَ فَشَمِّتْهُ وَإِذَا مَرِضَ فَعُدْهُ وَإِذَا مَاتَ فَاتْبَعْهُ )) : ހަކަމެއް މުސްލިމަކަށް އަނެއްމުސްލިމާގެ މައްޗަށް ވާޖިބު ވެގެންވެއެވެ. ކަލެއާ އޭނަ ބައްދަލުވެއްޖެނަމަ ސަލާމް ކުރާށެވެ. އަދި ކަލެއަށް އޭނަ ދަޢުވަތެއް ދިންނަމަ އެކަން ޤަބޫލުކުރާށޭވެ. އަދި ކަލޭގެ ފުށުން ނަސޭހަތަކަށް އެދެފިނަމަ ހެޔޮނަސޭހަތް ދޭށެވެ. އަދި އޭނަ ކިބިހިއަޅައިފިނަމަ ދުޢާކޮށްދޭށެވެ. އަދި އޭނަ ބަލިވެއްޖެނަމަ އޭނައަށް ޒިޔާރަތް ކުރާށެވެ. އަދި އޭނަ މަރުވެއްޖެނަމަ ޖަނާޒާގަ ބައިވެރިވާށެވެ.

2- ކުށްހީކުރުމާއި އަދި ޖާސޫސްކުރުމާއި އަދި ތިމާއާނުބެހޭ މީސްތަކުންގެ ކަންކަން ހޯދާބެލުމާއި އަދި ދުނިޔަވީކަންކަމުގައި ވާދަޖެހުމާއި އަދި ޙަސަދަވެރިވުމާއި އަދިރުޅިވެރިކަމާއި އަދި ފުރަގަސްދީ މޫނުއަނބުރާލައި ނެހެދުން.

ނަބިއްޔާ ޙަދީސްކުރެއްވިއެވެ. : (( إِيَّاكُمْ وَالظَّنَّ ، فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ ، وَلَا تَحَسَّسُوا ، وَلَا تَجَسَّسُوا ، ولاَتنافسوا ، وَلَا تَحَاسَدُوا ، وَلَا تَبَاغَضُوا ، وَلَا تَدَابَرُوا ، وَكُونُوا عِبَادَ اللَّهِ إِخْوَانًا )) ތިޔަބައިމީހުން ކުންހީކުރުމުން ރައްކާތެރިވާށެވެ. ހަމަކަށަވަރުން ކުންހީއަކީ ވާހަކައިގެތެރެއިންވާ އެންމެދޮގުވާހަކައެވެ. އަދިތިޔަބައިމީހުން މީހުންގެކަންކަން ބަލައިހޯދައި ނަހަދާށެވެ. އަދިޖާސޫސުނުކުރާށެވެ. އަދިދުނިޔަވީ ކަންކަމާވާދަޖަހައި ދަހިވެތިނުވާށެވެ. އަދިޙަސަދަވެރިނުވާށެވެ. އަދިރުޅިއައުމާއި ރުޅިއަތުވެދާނެ ކަންކަމުން ދުރުހެލިވާށެވެ. އަދިއެކަކު އަނެކަކާ ފުރަގަސްދީ މޫނުއަނބުރާ ނުލާށެވެ. އަދިއަޚުންތަކެއް ކަމުގައި ﷲ ގެ އަޅުތަކުން ވާށެވެ.

3- އަނިޔާވެރިވުމާއި އަދި އަޅާނުލައި ދޫކޮށްލުމާއި އަދި ދެރަނިކަމެތިކޮށްލުމުން ދުރުހެލިވުން.

ނަބިއްޔާ ޙަދީސްކުރެއްވިއެވެ. : (( المُسلِم أَخُو المُسلِم ، لاَ يَظلِمُه ، ولا يَخذُلُه ، وَلا يَحقِرُه ، التَّقوَى هاَ هُنا ، التَّقوَى هاَ هُنا ، التَّقوَى هاَ هُنا ، وَيُشِير إِلى صَدْرِه ، بِحَسبِ امرِئٍ مِنَ الشَّر أَن يَحقِر أَخاَهُ المُسلِم )) މުސްލިމާގެ އަޚަކީ މުސްލިމްމީހާއެވެ. މުސްލިމާ އޭނަގެއަޚާއަށް އަނިޔާވެރިއެއްނުވާނެއެވެ. އަދިއޭނައެކަނި ދޫވެސްނުކުރާނެއެވެ. އަދިއޭނައަށް އިހާނެތިކޮށް ދެރަކޮށްވެސް ނަހަދާނެއެވެ. އަދި މެއަށް އިޝާރާތް ކުރައްވާ ޙަދީޘްކުރެއްވިއެވެ. ތަޤުވާވެރިކަންވަނީ މިތަނުގައެވެ. ތަޤުވާވެރިކަންވަނީ މިތަނުގައެވެ. ތަޤުވާވެރިކަންވަނީ މިތަނުގައެވެ. މުސްލިމާ އޭނަގެއަޚާއަށް ދެރަ ނިކަމެތިކުރުންވަނީ އޭނަކުރާ ނުބައިކަމަކަށެވެ.

4- ބައްދަލުވާހިނދު ސަލާމްކުރުން: ނަބިއްޔާ ޙަދީސްކުރެއްވިއެވެ. (( ماَ مِن مُسلِمَين يَلتَقِيان فَيتَصاَفَحاَن إِلاَّ غُفِر لَهُما )) މާނައަކީ “ދެމުސްލިމަކު ބައްދަލުވެ ސަލާމްކުރާނަމަ އެދެމީހުންގެ ފާފަފޮހެވުމަށް ދާންދެންމެނުވީ ވަކިނުވާހުއްޓެވެ.”

5- ހިނިތުންވުމާއެކު ބައްދަލުވުން: ނަބިއްޔާ ޙަދީސްކުރެއްވިއެވެ. (( لاَ تَحْقِرنَّ مِن المَعرُف شَيئًا وَلَو أَن تَلقَى أَخاَكَ بِوَجهٍ طَلْقٍ )) މާނައަކީ “ކަލޭގެ އަޚާއާ ހިނިތުން މޫނަކައިގެން ބައްދަލުކުރުންފަދަ މިންވަރެއްގެ ހެޔޮކަމެއް ކަމުގައި ވީނަމަވެސް އެކަމަކާމެދު ފަރުވާކުޑަކޮށް ކުޑަކަމެއްގެގޮތުގައި ނުދެކޭށޭވެ.

6- ދެރަކަމެއް ދިމާވެއްޖެ ހިނދެއްގައި އެކަމާމެދު އުފާކޮށްނެހެދުން.

7- މަޖްލިސެއްގައިނަމަ ޖާގައޮތް މިންވަރަކުން ތަނަވަސްކޮށްދިނުން: ނަބިއޔާ ޙަދީސްކުރެއްވިއެވެ. (( لاَ يُقِيمُ الرَّجلُ الرَّجلَ عَن مَقعَدِهِ يَقعُدُ فِيه وَلكن تَفَسَّحُوا وَتَوسَّعُوا )) މާނައަކީ “މީހަކު އިށީންދެ އިންތަނުން ނެގުމަށްފަހު އެތަނުގައި އިށީންދެ ނަހަދާށޭވެ. އެކަމަކު އިށީންދެވޭނެގޮތް ފަސޭހަކޮށްދީ ތަނަވަސްކޮށްދޭށެވެ.”

8- ޢިރްޟައް އަރައިނުގަތުމާ އެރައްކާތެރި ކޮށްދިނުން: ނަބިއްޔާ ޙަދީސްކުރެއްވިއެވެ.(( مَن رَدَّ عَن عِرضِ أخِيه رَدَّ اللهُ عَن وَجْهِهِ الناَّرَ يومَ القِياَمَة )) މާނައަކީ “އެމީހެއްގެ އަޚާގެ ޢިރްޟު ރައްކާކޮށްދިން މީހާގެމޫނު ﷲ ތަޢާލާ ޤިޔާމަތްދުވަހު އަލިފާނުން ސަލާމަތް ކޮށްދެއްވާނެއެވެ.”

9- އެމީހެއް އެންމެ ލޯބިވާ އަދި ލޮބުވެތިކަންބޮޑު ނަމުން ގޮވުން: ޢުމަރު ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. : ތިންކަމަކުން ކަލޭކެގެ އެކުވެރިޔާ ކަލެޔާމެދު  ހިތްސާފުވެ އޭނަގެލޯބި ކަލެޔަށް ލިބޭނެއެވެ. ކަލޭ އޭނައާ ބައްދަލުވާހިނދު ސަލާމްކުރުން ، އޭނައަށް އިށީނުމަށް ޖާގަ ތަނަވަސްކޮށްދިނުން ، އޭނައަށް އެންމެރީތި އެންމެ ލޮބުވެތިކަންބޮޑު ނަމުން ގޮވައިހެދުން.

10- ބޭނުންވެއްޖެ ހިނދެއްގައި އަމިއްލަ ނަފްސާއި މުދަލުން އެހީތެރިކަން ފޯރުކޮށްދިނުން: ނަބިއްޔާ ޙަދީސްކުރެއްވިއެވެ. (( وَمَن كاَنَ فِي حاَجَة أَخِيه كان اللهُ في حاَجَتِهِ )) މާނައަކީ “އެމީހެއްގެ އަޚާގެ ބޭނުން ފުއްދައި ދިނުމުގައިވާ މީހެއްގެ ބޭނުން ﷲ ތަޢާލާ ފުއްދަވައި ދެއްވާނެއެވެ.”

11- ކޮށްދީފައިވާ ޚިދްމަތެއް އަދި ވެދީފައިވާ އެހީއެއްގެ ވާހަކައިން ކަލަގޮވައި ނެހެދުން: މާތްﷲ ވަޙީކުރެއްވިއެވެ. يَا أَيُّهَا الَّذِينَ آمَنُواْ لاَ تُبْطِلُواْ صَدَقَاتِكُم بِالْمَنِّ وَالأذَى (البقرة : ٢٦٤ )” މާނައަކީ “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ ޞަދަޤާތްތައް ބާޠިލު ނުކުރާ ހުށިކަމެވެ.”

12- ކޮށްދިން ޚިދްމަތަކަށް އަދި ވެދީފައިވާ އެހީއަކަށް ޝުކުރު އަދާކުރުން: ނަބިއްޔާ ޙަދީޡްކުރެއްވިއެވެ. (( مَن لَمْ يُشكُر النَّاسَ لاَ يَشكُر اللهَ )) މީސްތަކުންނަށް ޝުކުރު އަދާނުކުރާ މީހެއް ﷲ އަށް ޝުކުރު ނުކުރެއެވެ.

13-ވަޢްދާ ޚިލާފުނުވުން.

14- ރިވެތި އަޚްލާޤުން ޒީނަތްތެރިވުން (އެކަކު އަނެކަކާމެދު ކަންކަން ތަޙައްމުލު ކުރުމާއި ކެތްތެރިވުން ، ތަވާޟުޢުވެރިކަމާއި އަދިމަޑުމައިތިރިކަން ، ލަދުވެތިކަން ، ތެދުވެރިކަމާ އަދިޙިލްމުވެރިކަން)

15- ސިއްރުތަކާއި އަދިއެކަކު އަނެކަކުގެ އުނިސިފަތައް ރައްކާތެރިކުރުން.

16- އުފަލާ އަދިހިތާމައިގައި ބައިވެރިވުން.

17- ރިވެތިކޮށް މަޑުމައިތިރި ކަމާއެކުގައި ވާހަކަދެއްކުން ، އަދިވާހަކަ މެދުކަނޑާލައި ނެހެދުން ، އަދިދައްކާ ވާހަކައާމެދު ކަނުލައި އަހަންއިނުން.

18- މީސްތަކުން އެމީހަކާމެދު ބުނާހެޔޮބަސްތައް ކިޔައިދިނުން ، އަދިނުރަނގަޅު ބަސްތަކުގެ ވާހަކަނުދައްކާ އެފަދަކަންކަން އިޞްލާހުކުރުމަށް ނަސޭހަތްތެރިވުން.

19- ނަސޭހަތްތެރިވުމާއި އަދި ނަސޭޙަތް ދިނުމަށް އެދުން.

20- ދެބަސްވުންތައް މަދުކޮށް އެކަމުން ދުރުހެލިވުން ، އަދިކަމަކާމެދު ދެބަސްވެ ޚިލާފުވެއްޖެނަމަ އަދަބު އަޚްލާޤުގެ މިންގަޑުން ބޭރުނުވުން.

21- ކުށެއް ކުރެވިއްޖެނަމަ އެކަމަށް މަޢާފު ކުރުމާއި މަޢާފަށް އެދުން.

22- އަޑުލައިހެދުން ގިނަނުކުރުން.

23- ޢުޛުރު ޤަބޫލުކުރުން.

24- ހެޔޮކަންތައް ކުރުމާއި ނުބައިކަންތައް ދޫކުރުމުގައި އެއްބާރުލުން.

އެކުވެރިކަމާ އެއްބައިވަންތަކަން ގެއްލޭކަންކަން

1-ޖަދަލުކުރުމާއި ދެބަސްވުން.

ޢަބްދުއްރަޙްމާން ބިން އަބީލައިލާ ވިދާޅުވިއެވެ. އަހަރެން ދުވަހަކުވެސް މީހަކާ ޒުވާބުކޮށް ޖަދަލު ނުކުރަމެވެ. އެއީ ޒުވާބުކުރުމަކީ އަނެއްމީހާ ރުޅިއަރުވާލައި ނުވަތަ އޭނަދައްކާ ވާހަކައާ އަދި އޭނަ ދޮގުކުރެވޭ ކަމެއްކަމުގައި ވާތީއެވެ.

2- ޙަޤީޤަތާއި ޙައްޤު ފޮރުވައި ހިތުގައި ފޮރުވިފައިވާ އެއްޗަކާ ޚިލާފަށް ބޭރުފުށަށް ދެއްކުން.

3- ބައެއްކަންކަމުގައި ވާދަވެރިވުން : އެއްފުރުޞަތަށްވުރެ އިތުރުފުރުޞަތެއް ނުވާކަމެއްގައި ވާދަޖަހައި އެކަކަށްވުރެ އަނެކަކު ކުރިހޯދާ ވާދަވެރިވުން.

4- އަމިއްލަނަފްސު އިސްކުރުމާއި އެކަމަށް ލޯބިކުރުން.

5- އެކަކު އަނެކަކުމައްޗަށް ފަޚުރުވެރިވުމާ މޮޅުކަން ދެއްކުން.

6- ފުރައްސާރަ ކުރުމާއިއެކު އަނެއްމީހަކާމެދު ހީސަމާސާކުރުން.

7- ވަކިޝަޚްސަކާމެދު އެއްވެސް އުނިސިފައެއް ނެތްމީހެއްގެ ގޮތުގައި ލޯކަނުމީހަކު ބަލާފަދައިން ބެލުން.

އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މޭވާ

މިދުނިޔެމަތީ ލިބޭނެ އެއްބައިވަންތަކަމުގެ ފައިދާއަކީ :

1- އެކަތިގަނޑެއްގެ ގޮތުގައިވާ ހައިބަވަންތަ ބޮޑޮޖަމާޢަތެއްގެ ގޮތުގައި އޮތުމުގެ ނަސީބުލިބުން.

2- މުޖުތަމަޢުގެ އަފްރާދުންގެ މެދުގައިވާތަފާތު ނެތިގެންދިއުން.

3- އެއްބަޔަކު އަނެއްބަޔަކުގެ މެދުގައި ނަސޭޙަތާއި އިރުޝާދު ދިނުމުގެމަގު ތަނަވަސްވުން.

4- ކުރިއެރުން ލިބިފައިވާ ޙަޟާރަތެއްގެ ވެރިބައެއް ކަމުގައިވުމާއި އަދި ހުރިހައި ދާއިރާތަކާ މައިދާންތަކުގައި ފައިތިލަ ސާބިތުކުރުމުގެ މަގުތަނަވަސްވުން: އެއްބައިވަންތަކަމާއި އެކުވެރިކަން ވެގެންގޮސްފައިވަނީ ކުރިއެރުމާއި ޙަޟާރާތްތައް އުފެދުމުގެސިއްރު ކަމުގައެވެ. އެއްވެސް މުޖުތަމައަކީ ބައިބައިވެފައިވާ މުޖުތަމައެއް ކަމުގައި ވެއްޖެނަމަ އެއީ ތަރައްޤީއާ ކުރިއެރުމުގެ އެންމެފަހަތުގައިވާ ދެރަނިކަމެތި މިސްކީނު މުޖުތަމައެކެވެ. ތިމާމެންގެ އާރާބާރުދެރަވެ ދުނިޔޭގައިވާ ބައެއްކަމުގެ އަސަރުވެސް ފޮހެވިގެން ދިއުމާއި ނުދިއުންވަނީ ތިމާމެންގެ މެދުގައިވާ އެކުވެރިކަމާ ދެކޮޅުވެރިކަމުގެމައްޗަށް ބަރޯސާވެގެންނެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

މޮޅުކުޅުންތެރިއަކަށް ވުމަށް އަޚްލާޤު ވަރަށްމުޙިއްމު

ދިރިއުޅުމުގެ ހުރިހާ ކަމެކޭ އެއްފަދައިން ފުޓްބޯޅައިގައިވެސް ކާމިޔާބު މޮޅުކުޅުންތެރިއަކަށް ވުމުގައި އަޙްލާޤު ވަރަށް މުޙިއްމު ދަޢުރެއް އަދާކުރާކަމީ މިއަދު ދުނިޔެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz