“އެއީ ހަމަ ވަހުމް”

އަޅުގަނޑަކީ ވިލާކޮލެޖުން ހިންގާ މާސްޓަރ އޮފް ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒް ކޯހުގެ ފުރަތަމަ ބުރުގައި ތަޢުލީމު ޙާޞިލް ކުރަމުންދާ ދަރިވަރަކީމެވެ. އަޅުގަނޑުގެ އުޞޫލުލް ފިޤުހު އުސްތާޛް  ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލެވިފައިވާ ކަމުގެ ޚަބަރު ލިބުނީ މިހިނގާ އޮކްޓޯބަރ މަހުގެ 2 ވީ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. ހަމަ އެފަތިހު އެތަނަށް ދިޔައިމެވެ. އެސަރަހައްދު ވަނީ  ބަންދުކުރެވިފައެވެ. އެވަގުތު ފުލުހުންގެ އިންވެސްޓިގޭޝަން ކުރިއަސްދަނީއެވެ. ނަމަވެސް ސީން ބަލައިލުމަކީ ނޫސްވެރިޔެއްގެ ހައިސިއްޔަތުންވެސް ކުރަންޖެހޭނެކަމަކަށްވާތީ އެސަރަޙައްދުގައި މަޑުކޮށްލީމެވެ. މަރުޙޫމްގެ ހަށިކޮޅު އޭޑީކޭ ހޮސްޕިޓަލްގައި ވީ ޚަބަރު ލިބުމުން އެތަނަށްވެސް ދިޔައިމެވެ. ނަމަވެސް ފެންނަގޮތެއްނުވިއެވެ. ސަބަބުތަކެއް ނެތިއެއްވެސްނޫނެވެ. އެވަގުތު ޢަދާވާތްތެރިންގެ ތޫނުހަތިޔާރުން ނިޔާވެފައިވާ އުސްތާޛުގެ ބޮލުގެބައެއްވެސް ވަކިވެފައިވާތީ، އެބައި ހަރުކުރުމުގެ މަސައްކަތް ޑޮކްޓަރުން ކުރައްވަނީއެވެ.

އަޅުގަނޑު ނިދަން އޮށޯތީ އުސްތާޛު ޤައުމީ ޓީވީއިން ދެއްވި އެންމެ ފަހުގެ ވަދާއީ މެސެޖު އަޑުއަހާފައެވެ. އެޕްރޮގުރާމް ބަލަން އިނދެގެން އަޅުގަނޑު މިވާހަކަ ކިޔައިދެމުން ދިޔައިމެވެ.

އުސްތާޛު ވަރަށް މަޖާވާނެއެވެ. ކިޔަވައިދެއްވާއިރު ވަރަށްގިނައިން ބޭނުންކުރައްވާ ބަސްފުޅެކެވެ. އެއީ ހަމަ ވަހުމެވެ. މިބަސް ތަފްޞީލުކޮށްދެއްވަމުން ވިދާޅުވެއެވެ. އުސްތާޛް ކުޑައިރު ރަށުގައި ދިރިއުޅުއްވި ގޭގެ ގިފިލީގައި ދޮންކެޔޮ ގަސްތަކެއް ހުރެއެވެ. ވަރަށްގިނަފަހަރަށް ގިފިއްޔަށްވަންނައިރު ދެގަސްދޭތެރޭ ކޮންމެވެސް އެއްޗެއް ހުންނާނެޔޭ ހީކުރެވެއެވެ. ދެންހަމަ ވަންނައިރު އެއީހަމަ ތެދެއްކަމަށް ޤަބޫލުކުރެވެއެވެ. މިވާހަކަ ކިޔައިދެއްވާފައި ހިނިފުޅު ވަޑުވާލައްވާފައި ވިދާޅުވެއެވެ. ކުދިންނޭ ބުނަންތަ އެއީ ހަމަ ވަހުމެވެ.

މިފަދަ ޢިބުރަތްތެރި އެތައް ވާހަކަފުޅުތަކެއްގެތެރެއިން އުސްތާޛަށް ބަހުގެ ހަމަލާތަށް އަންނަ ވާހަކަވެސް ވިދާޅުވެއެވެ. އަދި މިވާހަކަތައް އަޅުގަނޑު ގޭގެ މީހުންނަށް ކިޔައިދީ ނުނިމެނީ ސް ޓީވީ ބެލުންތެރިންގެ އަރިހުން އުސްތާޛު މަޢާފަށް އެދިވަޑައިގަތެވެ. ނަސޭޙަތުގެތެރެއިން މަޢާފަށްއެދިލެއްވުމުގެ ރިވެތި ނަމޫނާވެސް ދެއްކެވީއެވެ. އުނގަންނައިދެއްވުމުގައި އެތައްބަޔަކު ހޭހަންކުރައްވާފައިވެއެވެ. އަޅުގަނޑުފަދަ ކިތައްކިތައް ދަރިވަރުން ވާނެތޯއެވެ؟ ވުމާއެކު އަޅުގަނޑުގެ އުސްތާޛު މިދުނިޔެއާއި އަލްވަދާޢު އެވިދާޅުވީ ޢިލްމުވެރިން ބިނާކުރެއްވުމުގެ މަސައްކަތް ކުރެއްވުމުގެ އިތުރުން ލިބިލެއްވި ޢިލްމު ފަތުރުއްވާފައެވެ.މިއަދު އަޅުގަނޑަށް ހަމަރަނގަޅަށްވެސް ވަހުމު ދަސްވެއްޖެއެވެ. އެވިދާޅުވީ ހަމަ ވަހުމުގެ ވާހަކައެވެ. އެކަންވަނީ އަޅުގަނޑުގެ ހިތުގައި ބިންވަޅުކަނޑާ ނެގިފައެވެ.

ނަމަވެސް ހިތާމައަކީ އެވަހުމަށްތަބާވެގެން އަޅުގަނޑުމެންގެ މިދިވެހިރާއްޖޭގައި ލޭއޮހޮރުވުންތައް ހިންގުމާއި މާރާމާރީ ހިންގުން މުސްލިމް މުޖުތަމައެއްގައި ގޮސްގެންނުވާނެހާ ދަށުދަރަޖައަކަށް ގޮސްފައިވާކަމެވެ. ވެރިންނާއި ޙާކިމުންވެސް ތިމަތިމާމެންގެ އަމިއްލަ މަޞްލަހަތު ކުރިއަށްނެރުމުގެ ނަތީޖާ މިއްދު މިދަނީ ފެންނަމުންނެވެ. އެމެރިކާފަދަ ޤައުމުތަކުގައި އެންމެ ގިނަބައެއްގެ ވޯޓްލިބޭ ވެރިޔަކަށްވަނީ އެންމެ ހަރުދަނާ އިޤުތިޞާދީ ސިޔާސަތެއް ހުށައަޅާ ފަރާތެކެވެ. ވުމާއެކު އަޅުގަނޑުމެންފަދަ އިސްލާމީ މުޖުތަމަޢެއްގައި އެންމެގިނަ ވޯޓްދޭފަރާތަކީ މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ޙުކުމްތަނފީޒުކުރާ ވެރިޔަކު ޢައްޔަންކުރުންކަމުގައި ހެދުން ކިހިނެތްވާނެތޯއޭ ހިތައްއަރައެވެ. ޤިޞާސް ހިފުމަކީ ދިރުމެއްލިބިގެންވާކަމެއްކަމުގައި ޝަރީޢަތް ކަނޑައެޅުއްވި ޢާލަމްތަކުގެވެރި މާތް ﷲ އަންގަވާފައިވާއިރު އެކަންއެގޮތަށްކުރުމަށް ފަސްޖެހޭވެނީ ކީތްވެބާވައޭ ހިތައްއަރައެވެ.

މިފަނާވެދަނިވި ދުނިޔެއާއި ޢަލްވަދާޢު އެކީ އަގުހުރި ދިވެހި ދަރިއެކެވެ. ޢިލްމީ ފުންކަނޑެކެވެ. ނުލިބޭނެ އަގުހުރި ރައުސުލްމާލެކެވެ. މާތްﷲ މިދިވެހިބިން ޙިމާޔަތްކުރައްވާ ޢަދުލު އިންޞާފު މިބިމުގައި ޤާއިމްކުރައްވާށިއެވެ! މަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ނިޢުމަތް މިންވަރުކުރައްވާށިއެވެ!

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

އެއްވެސް މެޗަކުން ބަލިނުވެ މިލަދޫއިން ޗެމްޕިއަންކަން ހޯދައިފި

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިލަދޫޓީމުން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދައިފިއެވެ. މިއީ ނ.އަތޮޅުގެ …

ޚިޔާލެއްދެއްވާ

avatar
ބެއްޔާ
ބެއްޔާ

ޢާމީން

wpDiscuz