އެނަރޖީ ސޭވިން ބޮކީގެ ނުރައްކާތެރިކަން އެނގޭނަމަ ބޭނުމެއް ނުކުރާނެ!

ދުނިޔޭގެ ގިނަބަޔަކު އެނަރޖީ ސޭވިން ބޮކި ބޭނުންކުރާތާ ދުވަސްކޮޅެއް ވެދާނެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި، ތަރައްޤީވަމުން އަންނަޤައުމުތަކާއި، އަދި ފަޤީރު ބައެއް ޤައުމުތަކުގައިވެސް އެނަރޖީސޭވިން ބޮކި ބޭނުންކުރާމީހުންގެ ޢަދަދު އެއްދުވަހުން އަނެއްދުވަހަށް އަންނަނީ އިތުރުވަމުންނެވެ.

ޓެކްނޯލޮޖީގެ ގޮތުން ދުނިޔެ ކުރިއަރަމުން މިދާ ދުވަސްވަރުގައި އެންމެ ޚަރަދުކުޑަ އެނަރޖީ ސޭވިން ބޮކި ބޭނުންކުރާމީހުން އިތުރުވަމުންދަނީ ހަމައެކަނި ކަރަންޓް ޚަރަދު ކުޑަކުރާކަށްނޫނެވެ. ގިނަދުވަހު އެބޮކި ބޭނުންކުރެވުމާއި، ބައެއް ޙާލަތްތަކުގައި އަގުގެ ގޮތުންވެސް އެވައްތަރު ބޮކި ގަތުން މާބޮޑަށްވެސް ރަގަޅުވުމުންނެވެ.

އަދި މީގެ އިތުރުން  ދުނިޔޭގައި އަލަށް އީޖާދުކުރި މި ބޮތްކަކީ ތިމާވެއްޓާވެސް ރައްޓެހި ސިފަތަކެއް އެކުލެވިގެން އުފައްދާފައިވާ ރަގަޅު ބޮތްކެކެވެ. ނަމަވެސް ސިއްޙީ އެތައް ދިރާސާތަކެއް ހަދާފައިވާ ސައިންޓިސްޓުން ބުނަނީ ތިމާވެއްޓާ ރައްޓެހި ނުވަތަ އީކޯ ފްރެންޑްލީ ބަލްބަކީ އިންސާނުންގެ ސިއްޙަތަށް ނުރައްކާވާ ކެމިކަލެއް ކަމުގައިވާ ޓޮކްސިކް ގިނަޢަދަދަކަށް އެކުލެވިގެން ފަރުމާކޮށްފައިވާ ބޮއްތްކެކެވެ.

އެމެރިކާގެ އެންވައިރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އިން ދާދިފަހަކުން ނެރުނު ރިޕޯޓެއްގައިވެސް ބުނެފައިވަނީ ބޮކި ކުއްލިއަކަށް ގޮވަނީ ބޮކީގައި އުފައްދާ ނުރައްކާތެރި ގޭހެއްގެ ސަބަބުންކަމުގައެވެ.  އަދި އެގޭހަކަކީ އިންސާނާގެ ސިއްޙަތަށް ނުރައްކާ ކުރުވާފަދަ ގޭހެއްކަމުގައި ކަމަށްވެސް އެރިޕޯޓްގައިވެއެވެ.

އަދި އެނަރޖީ ސޭވިން ބޮކީގައި ގިނަޢަދަދަކަށް މާކިޔުރީ އެކުލެވިފައި ވުމަކީވެސް މިފަދަ ދިރާސާތައް ކުރާ ފަރާތްތަކުން ދެކޭގޮތުގައި މި ބޮކި ބޭނުންކުރުމުގައި ކުޑަކުދިންނާއި، މާބަނޑު އަންހެނުންނަށް ގެއްލުންތަކެއް ލިބިދާނެކަމެކެވެ. އެގޮތުން ސިނކުޑިއަށް އަސަރުކުރުމާއި، ނާރުތަކުގެ ސިސްޓަމަށް ގެއްލުންދިނުމާއި، ލިވަރ އަދި ކިޑްނީއަށްވެސް އޭގެ ސަބަބުން ނުރައްކާވެދާނެކަމަށް މާހިރުން ދަނީ ބުނަމުންނެވެ. އަދި އެނަރޖީ ސޭވީންބޮކި ބޭނުންކުރާނަމަ ކެންސަރަށް މަގުފަހިވުމާއި، ހަނދާންނެތޭ ބަލި ޖެހުމުގެ ފުރުޞަތު ބޮޑުކަމަށްވެސް ވެއެވެ.

މިފަދަ ދިރާސާތަކުން ދައްކާގޮތުގައި އެނަރޖީ ސޭވިން ގެ ބަދަލުގައި ކުރިން ބޭނުންކުރަމުންއައި އޯޑިނަރީ ބަލްބް ސިއްޙީ ގޮތުން ބަލާނަމަ މާރަގަޅެވެ. އަދި އެންމެ ރަގަޅީ އެންމެފަހުގެ ޓެކްނޯލޮޖީ ކަމުގައިވާ ލެޑް ބޮތްކެވެ. އޭގައި މިފަދަ ވިހަ އެއްވެސް މާއްދާއެއް ނެތުމާއި އަދި ގިނަދުވަހު ބޭނުންކުރެވުމާއި، ކަރަންޓް ޚަރަދު މާބޮޑަށްވެސް ކުޑައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz