އިސްތަށިގަނޑު ނުރަވަނީތަ؟ މިއޮތީ އެކަމުގެ ގުދުރަތީ ފަރުވާ! ބޭނުންވަނީ އެންމެ ހަފްތާއެއް

ޢުމުރުން މާގިނަދުވަސް ނުވިޔަސް މިހާރަކަށް އައިސް ފެންނަނީ ގިނަޢަދަދަކަށް ނުރަޖަހާ މަންޒަރެވެ. ބޮލުގެ އިސްތަށިގަނޑުގެ އިތުރުން ވަރަށް ޒުވާނުން ކުދިންވެސް ތުނބުޅިއާއި، މަތިމަސް އެއްކޮށް ނުރަވެފައި ހުންނަތައް ފެންނަމުން ދަނީ މަދެއްކޮށެއްނޫނެވެ.

މިކަން ދިމާވަނީ ހަމައެކަނި ފިރިހެނުންނަށް އެކަންޏެއްނޫނެވެ. ޒުވާން އަންހެނުން ކުދިންނަށްވެސް މިމައްސަލަ ދިމާވަނީ މަދެއްކޮށެއްނޫނެވެ. އެކުދިންގެ ބޮލުގެ އިސްތަށިގަނޑު ނުރަވަނީ އާދަޔާ ޚިލާފު އަވަސް މިނެއްގައެވެ.

އެހާ ޅަޢުމުގައި މުޅި މީހާ ނުރަވެފައި ހުންނާކަށް އެކަކުވެސްބޭނުމެއްނުވާނެއެވެ. އެހެންކަމުން ގިނަމީހުން ކުރާކަމަކީ ބާޒާރުން ބޯކަޅުކުރާ ކޮންމެވެސް ބާވަތެއްގެ ބޭހެއް ގަނެގެން ހަފްތާއަކު އެއްފަހު ނުވަތަ ދެފަހަރު ބޯކަޅުކުރަނީއެވެ. މިއީ ސިއްޙީ ގޮތުންވެސް އަދި ދީނީ ގޮތުންވެސް އެހާރަގަޅު ކަމެއްނޫނެވެ.

ނުރަޖަހަނީ ކީއްވެ؟

ނުރަޖެހުމަކީ ހަށިގަނޑުގެ ސިއްޙީ ޙާލަތު އާދައިގެ ގޮތެއްގައި ހުރިކަމުގެ ދަލީލެއްކަމަށާއި އެއީ ބަލީގެ ނިޝާނެއް ނޫން ކަމަށް ސައެންސްވެރިން ބުނެ އެވެ.

ނުރަޖެހުމާ ގުޅޭ ދިރާސާތަކެއް ދާދިފަހުން ކުރި އެމެރިކާ ސައެންސްވެރިން ބުނިގޮތުން ނުރަޖަހަނީ އެންޓި އޮކްސިޑެންޓަލް މާއްދާއެއްކަމަށްވާ “ގުލުޓަތިއޮން” ނަމަކަށްކިޔާ މާއްދާއެއް ލޭގައި މަދުވުމުގެ ސަބަބުންނެވެ. މިއީ އިންސާނާގެ ހަށިގަނޑުގައި ގުދްރަތީ ގޮތުން އުފައްދާ މާއްދާއެކެވެ. މިމާއްދާގެ ބޭނުމަކީ ހަށިގަނޑުގައި ހުންނަ އޮކްސިޑޭޝަންގެ ލެވެލް އެއްވަރެއްގައި ހިފެހެއްޓުމެވެ. އޮކްސިޑޭޝަންގެ ލެވެލް މައްޗަށްދާ ނަމަ ނުރަޖެހުން ގިނަވާނެ އެވެ. “ގުލުޓަތިއޮން” ހަށިގަނޑުގައި ގިނައިން އުފައްދާމީހުންގެ އިސްތަށި ނުރައަށް ބަދަލުވުން ކުޑަވާނެ އެވެ. މިމާއްދާ މަދުވެ އޮކްސިޑޭޝަންގެ ލެވެލް މަތިވެއްޖެ ނަމަ އަވަހަށް އަދި ގިނައިން ނުރަޖަހާނެ އެވެ.

މިކަމުގެ އެންމެ ރަގަޅު ފަރުވާއަކީ ކޮބާ؟

ނުރަޖެހުން ހުއްޓުވުމަށް ކުރެވިދާނެ އެންމެރަގަޅު އެއްފަރުވާއަކީ އަލުވި ތޮށި ފެނެވެ. އަލުވި ތޮށި ފެން ތައްޔާރުކުރާނެގޮތަކީ

  1. އާދައިގެ 5 ނުވަތަ 6 އަލުވީގެ ތޮށި މަށާށެވެ.
  2. އެތޮށިތައް ކުޑަތެއްޔަކަށް އަޅާށެވެ. އަދި އޭގެ ތެރެއަށް 2 ޖޯޑު ފެން އަޅާށެވެ. ދެން ހޫނުވަންދެން އުނދުންމަތީ ބަހައްޓާށެވެ. ފެންފޮދު ހޫނުވުމުން އުނދުނުގެ ގިނި މަޑުކޮށް 15 ނުވަތަ 20 މިނިޓްވަންދެން އުދުންމަތީ ބަހައްޓައިގެން ކައްކާށެވެ.
  3. ދެން ފެންފޮދު އުނދުނުން ބާލާ އިހޫވަންދެން ބެހެއްޓުމަށްފަހު ބޮޑު ބޯތައްޓަކަށް ފެންފޮދު އަޅާލާށެވެ. ދެން ފުރާނާލުމަށްފަހު އަލުވިތޮށިތައް ނަގާށެވެ. ދެން ފެންފޮދުގެ ވަސް ރަގަޅު ކޮށްލުމަށް ބޭނުމިއްޔާ ދެތިން ތިކި ރޯސެމްރީ އޭގެ ތެރެއަށް ޖަހާލާށެވެ.
  4. ދެން އެފެނުން ކޮންމެ ދުވަހަކު ބޯދޮންނާށެވެ. ބޯދޮންނައިރު ބޮލުގައި އެ ފެން އުނގުޅުމަށްފަހު ކޮންމެ ފަހަރަކުވެސް ބޯނުދޮވެ ގާތްގަޑަކަށް ދެ މިނިޓެއް ހާއިރު ބަހައްޓާލަންވާނެއެވެ.
  5. މިފެން ބޭނުންކޮށްގެން ބޮލުގެ އިސްތަށިގަނޑު މަސާޖު ކުރާށެވެ. ޔަޤީނުންވެސް ނުރަވުން މަޑުމަޑުން ހުއްޓި މުޅި ބޯ އެއްކޮށް އިސާހިތަކު ކަޅުވެދާނެއެވެ.
  6. މިފެން ބޭނުންކުރުމަށްފަހު އާދަވެގެން ބޯހިއްކާ އުޞޫލުން ބޯހިއްކާށެވެ. އަދި ރީތިކޮށްފުނާއަޅާލާށެވެ.
  7. އަލުވި ތޮށި ފެން ފުރިޖް ގައި ބަހައްޓައިގެން ގިނަދުވަސް ވަންދެން ބޭނުން ނުކުރާށެވެ. ރަގަޅީ ކޮންމެ ދުވަހަކުވެސް ފްރެޝްކޮށް މިފެން ތައްޔާރުކުރުމެވެ.
  8. މިފަރުވާ ދުވާލަކު އެއްފަހަރު ނުވަތަ ހަފްތާއަކު 3 ފަހަރު މަދުވެގެން ބޭނުންކުރާށެވެ.
  9. ޔަޤީންކަމާ އިތުބާރާއެކު މި ފަރުވާ ކުރާށެވެ. ނަތީޖާ ފެންނާނީ 1 ހަފްތާ އާއި 1 މަހާ ދެމެދުގައިކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ.
  10. މިފަރުވާ ކުރިއަސް ޢުމުރުން މާގިނަދުވަސް ވެ ، މުޅި މީހާ ނުރައަށް ވެފައި ތިބި ބައެއް މީހުންނަށް މީގެ ނަތީޖާ ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް 50 އަހަރުން ދަށުގެ ކޮންމެ މީހަކަށްވެސް މީގެ ހެޔޮ ބަދަލު އަންނާނެކަމީ ، އިންޝާﷲ ޔަޤީންކަމެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz