އާބިޓްރޭޝަންގެ ބިލަކީ ކޮރަޕްޝަނާއި ގުޅުންހުރިބިލެއް ނޫން- މެމްބަރު ނަޝީދު

މިހާރު މަޖިލީހަށް ހުށައެޅިފައިވާ  އާބިޓްރޭޝަންގެ ބިލަކީ ކޮރަޕްޝަނާއި ގުޅުންހުރިބިލެއް ނޫންކަމަށް ކުޅުދުއްފުށީ ދެކުނު  ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގެ ހެދުނު ދަންފަޅީގައި އާބިޓްރޭޝަން ބިލަށް ބަހުސް ކުރައްވަމުން ބައެއް މެމްބަރުން ވިދާޅުވީ އެއީ ރާއްޖޭން ކޮރަޕްޝަން ނައްތާލުމަށްޓަކައި މުހިންމު ބިލެއް ކަމަށެވެ. އަދި އަނެއް ބައި މެމްބަރުން ވިދާޅުވީ، މި ބިލް މި ގޮތަށް ފާސްވެގެން ގޮސްފިނަމަ ކޮރަޕްޝަނަށް މަގު ފަހިވެގެންދާނެ ކަމަށެވެ. ނަމަވެސް ރަގަޅަށް ބިލާއި ބެހޭ ދިރާސާނުކޮށް ބިލާއި ބެހޭގޮތުން ވާހަކަ ދެއްކެވި މެމްބަރުންނަށް ރައްދުދެއްވާއި ނަޝީދު ވިދާޅުވީ މި ބިލަކީ  ބައިނަލްއަގުވާމީ ވިޔަފާރީގެ ގާނޫނާ ބެހޭ އދ.ގެ ކޮމިޝަން (އަންސިޓްރަލް)ގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ހުށަހަޅާފައި އޮތް ބިލެއް ކަމަށެވެ. އަދި މި ބިލަކީ ތަހުކީމުގެ އުސޫލުން ކަންކަން ނިންމާ ގޮތަށް އޮތް ބިލެއް ނޫން ކަމަށް ނަޝީދު  ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އާބިޓްރޭޝަންގެ އުސޫލުން ކަންކަން ނިންމަނީ، އާބިޓްރޭޓަރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ތިބޭ ކޮލިފައިޑް ލޯޔަރުން ތިބެގެންކަމަށެވެ. އަދި އާބިޓްރޭޝަންގެ އުސޫލަކީ ތަހުކީމާއި މީޑިއޭޝަނާއި ކޮންސިލިއޭޝަނާ އެއްގޮތް އުސޫލެއް ކަމަށް ވިޔަސް، އާބިޓްރޭޝަނަކީ މުޅިން ތަފާތު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާރބިޓްރޭޝަން ބިލަކީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގެ ފަރާތުން، ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، މިދިޔަ އަހަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވެސް ކޯރަމް ހަމަވުމުގެ މައްސަލަ ދިމާވެގެން ދެފަހަރެއްގެ މަތިން ޖަލްސާ މެދުކަނޑާލަން ވަނީ ޖެހިފައިވެއެވެ. މިއަދުގެ ޖަލްސާ މެދުކަނޑާލައްވަޖެހިވަޑައި ގަތުމުން މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ބައެއް މެމްބަރުން މަޖިލީހަށް ވަޑައިގެން ޖަލްސާ ކުރާ މާލަމަށް ވަޑައި ނުގެން ސައިކޮޓަރި އާއި އެހެންތަންތަނުގައި މެންބަރުން ތިއްބެވުމަކީ، ގަސްތުގައި މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދަން ބޭނުންނުވާކަން އަންގައިދޭ ކަމެއް ކަމަށެވެ. މިއަހަރުގެ ޖަލްސާތަކުގައި ކޯރަމް ހަމަނުވުމުހެ މަސައްލަ ވަރަށް ބޮޑަށް ވަނީ ކުރިމަތިވެފައެވެ.

 

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz