އަތޮޅު ފައިބޯޅަ ދަނީ ކުރިއަށްތޯ؟

އަމިއްލަ ބޭނުމެއްގައި، މިދިޔަ ހަފްތާގައި މާލެދަތުރެއް ކޮށްފީމެވެ. ނޫނު އަތޮޅަށް އަލަށް ދަތުރުތައް ފަށައިގެންއުޅޭ އެނެކްސް، 4 އިންޖީނުއެޅި ލާންޗުގައި މެންދުރުފަހު ފުރައިގެން ހަވީރަށް މާލެ ދެވިއްޖެއެވެ. ކުރަންދިޔަ ބޭނުން ނިންމާ ހަމަ އެރޭ ފުރި މަންޒިލް ބޯޓުން އަތޮޅަށް އަންނަން ނައްޓާލައިފިމެވެ. ބޮޑު ޗުއްޓީ ދުވަސްވަރުކަމުން ބޯޓުގައި އިށީންދެލާނެ ތަންކޮޅެއްވެސް ނެތެވެ. އަރަން ގެންގުޅުނު ޓެނިސް ކޮތަޅަކަށްލައި، ދަބަސް ހިފައިގެން ބޯޓުގެ ޑެގު މަށްޗަށް އަރައިފީމެވެ. އެތަނުގައިހުރި ޖޯލިފައްޗެއްގައި، އެއްކޮޅުގައި ހުހަށް ހުރި ހަމައެކަނި ޖޯލީގައި ހަމަޖެހިލައިފީމެވެ. ހަނދުވަރު ރީތި، ވައިޖެހޭ ރެއެކެވެ. ވަޔާ ވިހުރެންފެށި އިސްތަށިގަނޑު ކިޔަމަންކުރެވޭތޯ އުޅެމުން ދަބަހުގައި އޮތް ކޯރިނަގާ ބޮލަށް މަހާލައި، ދަބަސްނަގާ އުނގަށްލައިގެން ދެލޯ ތަގުޅިކޮށް، ނިދޭތޯ އުޅެފީމެވެ. ނަމަވެސް އެތަނުގައި ދެކެވެމުންދިޔަ ވާހަކައާމެދު ޝައުގުވެރިވެ، ކުޑައިކޮށް މިކިޔާނުކިޔާއެއް އަޑުއަހަން ފަށައިފީމެވެ.

ވާހަކަ ފެށުނީ ބަޔަކު އުފެއްދި ޖަމިއްޔާއަކުންނެވެ. ޖަމިއްޔާ ހިންގާގޮތާމެދު ހިތްހަމަނުޖެހި، އެކަމާ ދުރުގައި ހުރިކަމަށް އެކަކު ބުންޏެވެ. އެތަނުގައި ތިބީ ނޫކަށިފުރައިގެ ޒުވާނުންތަކެކެވެ. އެހިސާބުން ފެށުނީ އަތޮޅު ފައިބޯޅައިގެ ވާހަކައެވެ. އާދެ ނިމިދިޔަ ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ވާހަކައެވެ. ޖުމްލަގޮތެއްގައި ދެކެވުނީ ޓީމްތަކުގެ ހިންގުމުގެ ދޯދިޔާކަމާއި ކުޅުންތެރިންގެ ފަރުވާކުޑަ ވާހަކައެވެ.

މިތަނުގައި، މިވާހަކައިން ދެކަމެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކަމަކީ ކުޅުންތެރިންގެމައްޗަށް ބަސްކިޔުމުގެ ބާރު ޓީމުގެ އިސް ހިންގުންތެރިންނަށް ނޯންނަކަމެވެ. ކުޅުންތެރިންނަށް ބުއްފުޅި ޖައްސައިގެން މިކަމެއް ނުވާނެކަމަށާއި، ނަމަަވެސް ފެންނަނީ އެމަންޒަރު ކަމުގައެވެ. މިކަމަށް މިސާލުޖަހަމުން އެޒުވާނާ ބުނީ ދަރިފުޅު މިވެނި އެއްޗެއް ބޭނުންވެގެން ރޯންފެށީމަ، މަސަލަސްކުރަން ކޮންމެވެސް އެއްޗެއްދީގެން ހުއްޓާލައްވާ އުސޫލުން ކުޅުންތެރިން ގެންގުޅޭ ވާހަކައެވެ.

މިކަހަލަ އެހެން ވާހަކައެއް، މިފަހަރުގެ ސޮކާ ކަޕްގެ ސެމީ ފައިނަލާ ހިސާބުން ވަނީ އަޑުއިވިފައެވެ. މަނަދޫ ފައިބޯޅަ ޓީމުގެ ކޯޗާއި ކޯޗުގެ އެހީތެރިޔާ ޓީމާވަކިވި ހާދިސާއަށް އިޝާރާތްކޮށް، ގޮނޑިކެފޭގައި އިނދެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަލީ ނާޒިމް(ނާއްޓޭ) ބުނީ، “ވެލިދޫ، ހޮޅުދޫ ނަގާފަ މިސަރަހައްދުގެ އެއްވެެސް ޓީމެއްގައި، އަމިއްލަ ބަސްވިކޭ ކޯޗަކު ނުހުންނާނެ” ކަމުގައެވެ. 90 އިގެ އަހަރުތަކުގައި، އަތޮޅުގެ ގިނަޓީމްތަކާ ދެކޮޅަށް ކުޅުނު ކުޅުންތެރިޔާ އަމިއްލަ ތަޖުރިބާއަށް ބުރަވެ ބުނީ ބާކީހުރި ރަށްރަށުގެ ޓީމްތައް ހިންގަނީ ރަށުގެ ނުފޫޒުގަދަ ދެތިން މީހަކު ކަމުގައެވެ.

މިވާހަކައިން ފާހަގަވި ދެވަނަ ކަމަކީ ކުޅުންތެރިންގެ ފަރުވާކުޑަ ކަމެވެ. ކަމަށް ކަމޭނުހިތުމާ އަމިއްލަ ހުނަރު ކުރިއަރުވަން އަކަށީގެންވާ މަސައްކަތެއް ނުކުރާކަމެވެ. ކުރިން ވާހަކަ ދެއްކި ޒުވާނާ ފާހަގަކުރިގޮތުގައި، ނިމިދިޔަ ސޮކާ ކަޕްގައި، ފަރުވާކުޑަވެގެން ވަރަށްގިނަ ކަންކަން ގޮސްފައި އެބަހުއްޓެވެ. “އެބަ އެނގޭ މި މަގާމަށްކުޅޭ އެހެން ކުޅުންތެރިޔަކު ނެތްކަން. ކޮންމެ ގޮތަކަށް ކަންތައްކުރިޔަސް ޓީމުން ޖާގަލިބޭނެކަން” އެޒުވާނާ ބުންޏެވެ.

ދަނޑުބޭރުން، ސަޕޯޓަރުންގެވެސް ފަހަތުން އަޅުގަނޑަށްފެންނަނީ، ކުޅުންތެރިން ވަކިއަމާޒެއްނެތި ކުޅެމުންދާ ތަނެވެ. ހަވީރުގެ ބޮޑުބައި ފާއިތުވާއިރު ކުޅެންނުފެށި، ހަކުރާގެއަށް ޒަންގީން ދާހެން، ހަވީރު 17:30 ވާއިރު ޓީމު ހަމަނުވާ މަންޒަރެވެ. މިކަމާ އަޅާލާނެ ހަމައެކަކުވެސް ނުވާކަހަލަ އެވެ. މީގައި ކުޅުންތެރިންގެ ފަރުދީޒިއްމާ ވަރަށްބޮޑެވެ. އަމުދުން ފައިބޯޅަ ކަހަލަ އަވަހަށް އޮއްސޭ ކަމެއްގައެވެ. އާއްމުކޮށް ގިނަކުޅުންތެރިންނަށް، މަތީފަންތީގައި ހިފަހައްޓާލެވެނީ 10 ވަރަކަށް އަހަރު އެވެ. އެއީވެސް ވަރަށް ގިނަ ގުރުބާނީތައް ވެގެންނެވެ. ކެއިންބުއިމާ އަރާމުކުރުން ވަކި އިމެއްގައި ހިފަހައްޓައިގެންނެވެ.

އަޅުގަނޑުމެންގެ ވަރަށްގިނަ ކުޅުންތެރިން އާދަވެފަ ތިބެނީ، ސިނގިރޭޓު، އެނާޖީ ޑްރިންކްސް ބުއިމަށާ ދަންވަރު ހޭލާ ތިބުމަށެވެ. ބާރާބަރަށް ފަރިތަކުރުންތަކުގައި ބައިވެރި ނުވުމާއި، ގަޑިއަށް ފަރުވާތެރި ނުވުމަށެވެ. އިސް ހިންގުންތެރިންނާ ދެބަސްވެ، ތަފާތު ސުލޫކީ މައްސަލަތައްވެސް ދަނީ އިތުރުވަމުންނެވެ.

ފަހުގެ ތާރީހްގައި ޓީމްތަކަށް ހަރަދުކުރީ ރަށްރަށުގެ ރައްޔިތުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މާލީ އެހީތެރިކަމާ ތަފާތު ޖާފަތްތައް ދީހަދަނީ، ހަގީގަތުގައި ޓީމާ މެދު ވަރަށްބޮޑު އުއްމީދެއް ކުރާތީއެވެ. ކުރަންހުރި ހުރިހާ މަސައްކަތެއް ހުއްޓައި، ހުރިހާ ދަރިން ފެންވަރުވާ ނަލަހައްދައިގެން، ޖެހިގެންއޮންން ރަށަށް މިދަނީކީ ހަމަ ގޮސްލަނީ އެއްނޫނެވެ. ނަމަވެސް ހިތާމާޔާއެކު ދަންނަވަން ޖެހެނީ، ޓީމްތަކަށް ނުވަތަ ކުޅުންތެރިންނަށް މިކަމެއް ނޭންގޭ ކަމުގައެވެ. އެންމެންގެ ކުރިމަތީ ސިނގިރޭޓް ބުއިމާ، މެޗް އޮންނަދުވަހުގެ ކުރީރޭ، ދަންވަރުހޭލާ، ރަށުތެރޭ އެނބުރުމަކީ، ޓީމަށް އެބައެއްގެ އަގުހުރި ވަގުތާ މާލު ހުސޮކޮށްގެންތިބި މީހުންގެ އުއްމީދުތައް ވިއްސިވިހާލި ކުރުމާ އެބައިމީހުންގެ ހުވަފެންތައް ބިލާހަކަށް ހެދުންނޫންތޯއެ؟ މޮޅަށްކުޅެ ބަލި ވުމާއި، ފެށުނީއްސުރެ ފަރުވާކުޑަކުރުމުގެ ސަބަބުން އަތުންދޫވުމުން އެމީހުންގެ ހިތުގައިލާ ލަކުނު ހާސްބައި ތަފާތު ވާނެއެވެ.

ލިޔުނީ: ލޭފަވެތި

ލޭފަވެތި މީ އަމިއްލަ ޝައުގުގައި މިދާއިރާއިން ކުރިއަށްދާން މަސައްކަތްކުރާ ޒުވާނެކެވެ. އާއްމުކޮށް ހުރިހާ ދާއިރާއެއްގެ ހަބަރާ މައުލޫމާތު، ލިޔުންތައް ގެނެއެވެ.

މިލިޔުންވެސް ކިޔާލާ

ދަރިވަރުން ޓެބްލެޓް ބޭނުންކުރާނެގޮތް ބެލެނިވެރިންނަށް އޮޅުންފިލުވައިދޭން ފަށައިފި.

މިއަހަރުގެ ދެވަނަ ޓަރމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ މަޝްރޫއުގެ ދަށުން، …

ޚިޔާލެއްދެއްވާ

avatar
Naappe
Naappe

Asluvess varah furihama liyumey

ނުފޫޒު ދީދާރު
ނުފޫޒު ދީދާރު

ވަރަށް ރަގަޅު ވާހަކައެއް މަގޭ ހަމަ ތާއީދު މިވާހަކަ ތަކަށް