އައްޑޫސިޓީގައި ރޭ ފުލުހުން ރަބަރު ވަޒަން ބޭނުންކުރިކަމަށް އެމްޑީޕީން ފެތުރި ޚަބަރު ދޮގުކޮށްފި.

ފުލުހުން ރޭ އައްޑޫސިޓީގައި ހިންގި އޮޕަރޭޝަންގައި ރަބަރު ވަޒަން ބޭނުންކޮށްފިކަމަށާއި، އެތައްބަޔަކަށް އަނިޔާކޮށް ހައްޔަރު ކޮށްފިކަމަށް އެމްޑީޕީގެ އެކްޓިސްޓުންނާއި، މަޖްލިސް މެމްބަރުން ރޭ ތިލަދުންމަތީ ދިއްދޫގައި ބޭއްވި ޖަލްސާގައި މުޅިރާއްޖެއަށް ޚަބަރު ދާގޮތަށް ފަތުރާފާއިވާ ވާހަކަތައް ދޮގުކޮށްފިއެވެ. އައްޑޫސިޓީގައި މިވަގުތު ހުރި ލަންދޫ އިންފޯއާއި، ގުޅުންހުރި ކުއްޖަކު ބުނީ ރޭ ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިންގި ކަމަށާއި، ފުލުހުންގެ މީހަކަށް ޢާއްމުންގެ ބަޔަކު އަނިޔާ ކުރުމުން އެމީހުން ހިފާހައްޔަރުކުމުގެ އޮޕަރޭޝަނެއް ފުލުހުން ކުރިކަންއެނގިގެން ދިޔަކަމުގައެވެ. އެހެންނަމަވެސް ރަބަރު ވަޒަން ބޭނުންކުރިކަން އޭނައަށް އެނގިފައިނުވާކަމަށެވެ.

ފުލުހުންރޭ ނެރެފައިވާ ނޫސްބަޔާނެއްގައިވެސް ވަނީ ފުލުހުން ރޭ އެމްޑީޕީ ހަރުގެއަށް ގެއްލުންދިން ކަމަށާއި ބައެއް މީހުންނަށް އަނިޔާކުރިކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމުގައި ހާމަކުރާ ކަމަށެވެ.

އަދި ރޭ ހިނގި މިކަންތައްތަކާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ނުވާކަމަށާއ، ނަމަވެސް ފުލުހުންނާއި ސިފައިން ބަންދުކޮށްފައި އޮތް ސަރަހައްދަކަށް ބަޔަކު އައިސް ގަދަކަމުން ވަދެ، އެސަރަހައްދުގައި ހަރަކާތްތެރިވި ސީނިއަރ ފުލުހަކަށް ހަމަލާދިން މައްސަލަ މިހާރު ތަހުގީގު ކުރަމުންދާކަމުގައެވެ.

ރޭ ހއ.ދިއްދޫގައި އެމްޑީޕީގެ ފަރާތުން ބޭއްވި ބޮޑު ޖަލްސާގައިވަނީ  އައްޑޫސިޓީގައި ވަރަށް ނުރައްކާތެރި ހާދިސާ ތަކެއް އޭރު ހިނގަމުންދާކަމަށާއި، އަންހެނުންނަށާއި، ކުޑަކުދިންނަށްވެސް އެއްވެސް ބެލުމެއްނެތި ފުލުހުން އަނިޔާކުރަމުންދާކަމަށްބުނެ  ޖަލްސާގައި ވާހަކަދެއްކި ގިނަބަޔަކު އަޑުއުފުލާފައެވެ.

ރޭ ޖަލްސާގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސާ ވެސް ބުނީ އެޖަލްސާގައި އިންދާ އައްޑޫން އޭނަގެ ރައްޓެއްސަކު ގުޅާފަ ރަބަރު ވަޒަން މިހާރު ބޭނުންކުރަމުންދާ ކަމަށް ބުނިކަމަށެވެ. އަދި އަންހެނުންނަށާއި، ކުޑަކުދިންނަށްވެސް ބެލުމެއް ނެތި މިރުސްދުމާއި، ހޫނުފެނާއި، ކަރުނަގޭސްވެސް ބޭނުންކުރަމުންދާކަމަށެވެ.

އެ ޖަލްސާވަނީ ރާއްޖެޓީވީއިން ލައިވް ކޮށްފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz