އަންހެންކުއްޖަކާ ކައިވެނިކުރުމުގެ ނިޔަތް ހާމަކުރުމަށް އިސްލާމްދީނުގައި އޮންނަ ގޮތާއި ރާއްޖޭގައި އެކަން ކުރެވޭ ގޮތް

މުޤައްދިމާ  

الْحَمْدُ لِلَّهِ رَبِّ الْعَالَمِيْن  وَالصَّلاَتُ وَالسَّلاَمُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرُسَلِيْنَ وَعَلَى آلِهِ وَصَحْبِهِ أَجُمَعِيْنَ . ޢާލަމްތަކުގެ ވެރި މާތްﷲ އަށް ޙަމްދާއި ޝުކުރު ކުރަމެވެ. ނަބީކަމާއި ރަސޫލުކަން ޚަޠިމުކުރެއްވި ސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަމެވެ.

މިއީ ވިލާ ކޮލެޖުން ހިންގާ ދޮޅު އަހަރު ދުވަހުގެ މާސްޓަރ އޮފް ޝަރީޢާ ބެޗް 1 ކޯހުގައި ކިޔަވައިދޭ އެއް މޮޑިއުލް ކަމުގައިވާ “ފިޤުހުލް އުސްރާ” ގެދަށުން ކޮންމެ ދަރިވަރަކުވެސް ތައްޔާރު ކުރަންޖެހޭ ދިރާސީ ކަރުދާހެކެވެ. އަޅުގަނޑުގެ ދިރާސީ މަޢުޟޫޢަކީ “އަންހެންކުއްޖަކާ ކައިވެނިކުރުމުގެ ނިޔަތް ހާމަކުރުމަށް އިސްލާމްދީނުގައި އޮންނަ ގޮތާއި ރާއްޖޭގައި އެކަން ކުރެވޭ ގޮތް” މިމަޢުޟޫޢެވެ.

މިހާރަކަށްއައިސް ބައެއްދިވެހިން އިސްލާމްދީނާއި ތަޢާރުޟުވާގޮތަށް މިފަދަ ޢަޤުދުތައް ކުރާވާހަކައާއި ހުޅަނގުގެ ފިލްމުތަކުގައި ފެންނަ މަންޒަރުތަކަށް ތަބާވަމުންދާކަމަށް ދެކެވޭ ވާހަކަތަކަކީވެސް އޭގައި ކިހާވަރެއްގެ ޙަޤީޤަތެއް އޮތް ވާހަކަތަކެއްތޯ ބަލައިލަން ނިކަމެތި އަޅުގަނޑުގެ ހިތް ބޭނުންވީއެވެ. މިމަޢުޟޫޢުގެ ދަށުން މި އެސައިންމަންޓްގައި ބަލައިލެވޭނެ ބައިތަކުގެތެރޭގައި އެކިއެކި ޢިލްމީ ލިޔުންތަކުން ކައިވެނީގެ މާނަކުރެވިފައިވާގޮތާއި، ދިވެހި ތާރީޚުގައި މިމަތިވެރި ޢަޤުދު ކުރުމުގައި މީސްތަކުން ޢަމަލުކުރަމުން އައިސްފައިވާ ގޮތާއި، ދިވެހިންގެ އާދަކާދައަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން މިކަންކުރުމަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށް ބަލައިލަން ޤަޞްދުކުރަމެވެ.

މީގެ އިތުރުން ކައިވެނިކުރުމުގެ އެދުން ފާޅުކުރުމުގައި މައިންބަފައިން ޝާމިލުކުރުމުގެ މުހިންމުކަމާއި އަދި ދެމީހަކު އެތައްދުވަހަކު ރައްޓެވެހިވެގެން އިންނަ އިނުމާއި،  ދެފަރާތުގެ ޢާއިލާގެ މީހުންގެ މެދުގައި އެއްބަސްވެގެން ކުރެވޭ ކައިވެނީގެ ތަފާތު ވެސް ބަޔާންކޮށްދެވޭތޯ ބަލާނަމެވެ. މީގެ އިތުރުން އަންހެންކުއްޖަކާ ކައިވެނިކުރުމުގެ ނިޔަތް ހާމަކުރުމަށް އިސްލާމްދީނުގައި އޮންނަ ގޮތަށް ރާއްޖޭގައި އެކަން ކުރެވޭ ކަން ނުވަތަ ނޫންކަން ކުރެވުނު ދިރާސާގެ އަލީގައި ބަޔާންކޮށްދީފައި ވާނެއެވެ.

މިކުރު ބަޙުޘް ލިޔަން ފެށުމުގެ ކުރިން އަޅުގަނޑަށް ވަނީ ދިވެހިން އަންހެންކުއްޖަކާ ކާވެނިކުރުމުގެ ނިޔަތް ހާމަކުރުމަށް މިހާރަކަށްއައިސް ވަރަށްގިނަ ގޮތްތައް ގެންގުޅޭކަމަށް ތަފާތު ލިޔުންތަކުންނާއި ތުންތުންމަތިން އިވިފައެވެ. ބައެއްޤައުމުތަކުން ޣައިރު މުސްލިމުން ގެނެސްގެން އެމީހުން ގޮވައިގެންވެސް ކައިވެނި ނުކޮށް ޙަޔާތުގެ ބައިވެރިޔަކާއެކު  އުޅޭގޮތަށް އުޅޭކަމަށްވެއެވެ. ކޮންމެއަކަސް ޙަޤީޤަތް އޮޅުން ފިލާނީ ހަމަ މަސައްކަތެއް ކޮށްލީމާކަން ކަށަވަރުވެ އެނގޭތީ މިއީ ދޫކޮށްލައިގެން ވާވަރުގެ ކަމެއްނޫނެވެ.

މިބަޙުޘް ތައްޔާރުކުރުމަށްޓަކައި ދިވެހިންގެ ތެރެއިން ފުރާވަރު ޢުމުރުގެ، މެދުޢުމުރުގެ އަދި ދުވަސްވީ ޢުމުރުގެ މީހުންގެ ތެރެއިން ކޮންމެ ޖިންސަކުން މީހެއްގެ ޚިޔާލު ހޯދިފައި ވާނެއެވެ. ބޭނުމަކީ ފޮތްތަކުން އެގެންއޮތް މަޢުލޫމާތާއި އަދި އިސްލާމްދީނާއި އެއްގޮތަށް ނުވަތަ ކުޑަނަމަވެސް ތަފާތުވާ ގޮތަކަށް މިކަން ކުރަމުން އައިސްފައިވާ ދުވަސްވަރެއް ވާނަމަ، އެކަމެއް ސާފުކޮށް ކިޔުންތެރިންނަށް ބަޔާންކޮށްދިނުމެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް ވެފައި ޢާއިލާއާއި ބެހޭ ޤާނޫނުގައި އަންހެންކުއްޖަކާއި ކައިވެނިކުރުމުގެ ނިޔަތް ހާމަކުރުމަށް އޮންނަގޮތްވެސް ބަލާލެވިފައި ވާނެއެވެ.

އިސްލާމްދީން އައުމުގެ ކުރިން އަންހެނުން ނަށްލިބުން މަޙުރޫމް ކުރެވިފައިވާ ކައިވެނީގެ ރަންލިބުމާއި، މުދާވާރުތަވުމާއި، ތަކެތި މިލްކުކުރުމާއި، އުނގެނުމާއި، ލިބޭ ފައިސާއިން ބޭނުންވާ ކަންކަމަށް ޚަރަދުކުރުމުގެ އިޚްތިޔާރުލިބުމާއި، ކައިވެނި ކުރާއިރު އެއްވެސް މީހެއްގެމަޖުބޫރު ކަމެއްނެތި ފިރިމީހާ އިޚްތިޔާރުކުރުމުގެ ބާރުލިބުމާއި، ފިރިމީހާއާއި އެކު އުޅުމަކީ ދަތިކަމެއް ކަމަށް ވާނަމަ ޚުލްޢު ކޮށްގެން ފިރިމީހާގެގާތުން ވަކިވުމާއި މިހިރަ މިހިރަ ކަންކަމަކީ އިސްލާމްދީން އަންހެނުންނަށްދެއްވާފައިވާ ޙައްޤުތަކެވެ. ހަމައެފަދައިން މާތްވެގެންވާ އިސްލާމްދީނުގައި ފިރިހެނުންނަށްވެސް އަނބިމީހާ އިޚުތިޔާތިރު ކުރުމުގައި އަންހެނާގެ އަޚުލާޤާއި ދީންވެރިކަމާއި ހަސަބާއި ނަސަބަށް ބެލުމާއި އަދި މުދާވެރިކަމަށް ބެލައިގެން އަންހެނާ އިޚުތިޔާރުކުރުމުގެ މިނިވަންކަން ވަނީ ދެއްވާފައެވެ.

މިތާނގައި އުފެދޭ ސުވާލަކީ ލިބިފައިވާ ބާރުގެ ތެރެއިން އަންހެންކުއްޖަކާ ކައިވެނިކުރުމުގެ ނިޔަތް ހާމަކުރާނީ ކޮންގޮތަކަށްތޯއެވެ؟ ކައިވެނިކުރުމުގެ ކުރިން ކިހާ ގާތްކަމެއް އިންނަންެއުޅޭ އަންހެން ކުއްޖާއާއި ފިރިހެން ކުއްޖާއާއި ދެމެދު ބޭއްވިދާނެތޯއެވެ؟ މިގޮތުން ރައްޓެހިވެގެން ފިރިހެންކުއްޖާގެ އަތުން އެއްވެސް އެއްޗެއް އަތުލެވިދާނެތޯއެވެ؟ ނޫންނަމަ، ހޮޓާ ރެސްޓޮރަންޓް ތަކަށް އަންހެންކުއްޖާ ގެންގޮސްގެން އެއްވެސް ވަރަކަށް ފިރިހެންކުއްޖާ ކާންދީ ޚަރަދުކުރަންޖެހޭ ތޯއެވެ؟ އަންހެންކުއްޖާ އިޚުތިޔާރުކުރުމުގައި ޢާއިލާގެ އެއްވެސް ރޯލެއްއޮވޭތޯއެވެ؟ މިހުރިހާ ސުވާލެއްގެ ފުރިހަމަ ޖަވާބު ކީރިތި ޤުރުއާނާއި މާތް ރަސޫލާﷲ (ސަލާމާއި ޞަލަވާތް އެކަލޭގެފާނުގެ މައްޗަށްލައްވާށި) ވަނީ ބަޔާންކޮށްދެއްވާފައެވެ.

ކާވެނީގެ ތަޢާރަފް އަދި ޚިޠުބާ (ލިޓްރެޗަރ ރިވިއު)

ކާވެންޏަކީ ޒަވާޖީ ޙަޔާތެއް ފެށުމުގެ ގޮތުން އަންހެނަކާއި ފިރިހެނެއްގެ ދެމެދުގައި ވެވޭ ވަރަށް މުޤައްދަސް ޢަޤުދަކަށް ކިޔާނަމެކެވެ. މިތާންގައި ބޮޑަށް އަލިއަޅުވާލާނީ އަންހެނަކާ އިނުމަށް ކާވެނިކުރުމުގެ ނިޔަތް ހާމަކުރުމުގެ މައްޗަށެވެ. ނުވަތަ ހުށަހަޅާ ހުށަހެޅުމުގެ މައްޗަށެވެ. މަޢުޟޫޢަކީވެސް މިއީ ކަމުގައި ވާތީއެވެ.

ޚިޠުބާގެ މާނަކަމުގައި އަލްއަޒުހަރިއްޔު ވިދާޅުވެފައިވެއެވެ.އެއީ ބަސްބުނުމެވެ. ނުވަތަ ކާވެންޏަށް އެދުމެވެ. ނުވަތަ ކާވެނިކުރަން އެދޭއަންހެނާއަށް ކިޔާނަމެވެ. [[1]]

އަދި އިމާމް އިބުނު މުންޡިރު ވިދާޅުވެފައިވެއެވެ.خطبتهގެމާނައީ: “އޭނާގެ ޚިޠުބާ” މިހެން ބުނެވިއްޖެނަމަ އޭގެ މުރާދަކީ އޭނާ ކައިވެނިކުރަން ގަސްތުކުރާ އަންހެނާއެވެ. އެހެންކަމުން ބަހުގައި ޚިޠުބާނަމެއްގެ ގޮތުގައިވެސް ބޭނުންކުރެވޭނެއެވެ.[[2]]

ފިޤުހު ޢިލްމުވެރިންގެ އިޞްޠިލާޙުގައި ޚިޠުބާގެ މާނައަކީ ކަނޑައެޅިގެންވަކި އަންހެނަކާ ކައިވެނިކުރުމުގެ އެދުން ފާޅުކުރުމާއި، އެކަން އަންހެނާގެ ވަލީވެރިއާއަށް ނުވަތަ އަންހެނާއަށް އެންގުމެވެ. މިކަން ޚިޠުބާއަށް އެދޭ ފިރިހެނާއަށް ސީދާގޮތެއްގައިވެސް ކުރެވިދާނެއެވެ. ނުވަތަ އޭނާގެ އަހުލުވެރިން މެދުވެރިކޮށް ކުރެވިދާނެއެވެ. އަދި އަންހެންމީހާ ނުވަތަ އޭނާގެ ވަލީވެރިޔާއެދެމީހުން ކާވެނިކުރުވުމަށް އެއްބަސްވެއްޖެނަމަ، އެހިސާބުން ޚިޠުބާފުރިހަމަވީއެވެ. ކާވެނީގެ ކުރިން ޚިޠުބާ އުވައިލުމުގެ އިޚުތިޔާރުދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ.[[3]]

އެހެން ބައެއް ޢިލްމުވެރިން އެއީ ހަމައެކަނި އަންހެނާގެކާވެންޏަށް، މީސްތަކުންގެ މެދުގައި މަޝްހޫރުވެފައިވާ ވަސީލަތްތައްމެދުވެރިކޮށް އެދުންކަމުގައި މާނަކުރައްވައެވެ.[[4]] އެކަމަކު އިސްވެދިޔަތަޢުރީފަކީ ތަފްޞީލު ތަޢުރީފެކެވެ.

ކޮންމެއަކަސް ޚިޠުބާއަކީ ކާވެނީގެ ކުރިން ދެމީހުންދެނެގަތުމަށް އިސްލާމްދީން އުނގަންނައިދިން އުޞޫލެވެ. ނުވަތަ ގޮތްތަކޭވެސް ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ދެންނެވިދާނެއެވެ. އެއީ ކާވެނިކުރުމަށް ހިތުލައިގެން ފިރިހެނަކު އެކަން އަންހެނެއްގެ ކުރިމަތީގައި ފާޅުކުރުމެވެ.

ޢިލްމުވެރިންގެ ބަޔާންވެދިޔަ ބަސްފުޅުތަކުން ޚިޠުބާއަކީ ކޮބައިކަމާއި ޚިޠުބާ ވެވޭގޮތް އަޅުނަގޑުމެންނަށް ވަރަށް ސާފުކޮށް އެނގިއްޖެއެވެ. އަދި މިއީ ކުޅޭކުޅޭ ވައްތަރަށް ކުރަންޖެހޭ ކަމެއްނޫންކަންވެސް ހާމަވެއްޖެއެވެ. ވީމާ މީހަކު ދެރަބަހެއްބުނެގެން ކަމެއް ކާމިޔހާބުކުރުމުގެ މަޤުޞަދުގައި ބައެއްދިވެހި ފިރިހެނުން އަންހެނާއާ ކައިވެނިކުރުމުގެ އެދުން ހާމަކުރަނީ އެންމެ ރަނގަޅަށް ބާވައޭ އަޅުގަނޑުގެ ހިތައްއަރައެވެ.

ޚިޠުބާގެބޭނުމަކީ ކޮބާ؟

ޚިޠުބާފަދަ ބޭނުންތެރި މުޢާމަލާތެއް ޝަރުޢުކުރެއްވުމުގެ ވަރަށްމުހިއްމު ޙިކުމަތެއް އެކުލެވިފައި ވާނޭކަން ކަށަވަރެވެ. ޝައިޚު ސައްޔިދު ސާބިޤު ބަޔާންކޮށްފައިވެއެވެ. ޚިޠުބާގެބޭނުމަކީ ކާވެންޏަކާ ހަމައަށް ދެމަފިރިން ދާއިރު އެދެމީހުން އެކަމަށްފުރިހަމައަށް ތައްޔާރުވެފައިތިބުމެވެ. އަދި އެމީހުން އެކަކު އަނެކަކުދަނެގަތުމެވެ.[[5]]

ޑަކްޓަރ ވަހުބަތުއްޒުޙައިލީ މިކަމަށް ބާރުދީފައިވެއެވެ. ކާވެނީގެކުރިން ދެމީހުންގެ ދެމެދުގައި ލޯތްބާއި މަވައްދަތު ބޭއްވޭނެ ކަމުގެޔަޤީންކަން ލިބިގަތުމެވެ. އަދި އެކަކު އަނެކަކު ދަސްކުރުމެވެ. ހިތުގައިއިޚުލާޞްތެރިކަމާއެކު ބަލައިގަނެވޭނެކަން ނުވަތަ ނޫންކަން ނިންމުމެވެ.[[6]]މިބަސްފުޅަށް ކީރިތި ރަސޫލުﷲ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްލައްވާށި)ގެއަންނަނިވި ބަސްފުޅުން އިތުރަށް ބާރު ލިބެއެވެ.”انظرإليهافإنه أحرى أن يؤدم بينكما”[[7]]މާނައީ: (ތިބާ އެކަނބުލޭގެއަށް ބަލާށެވެ. އެގޮތް ތިޔަދެމީހުންގެ ދެމެދުގައި ގުޅުން ދެމިގެން ދިޔުމަށް ގާތްކަން ބޮޑުވެގެންވެއެވެ.)

އަލްއިމާމް އަބޫޒަހްރާ ބަޔާންކުރާ ގޮތުގައި ކާވެނީގެ ކުރިންދެމީހުންވެސް އެކަކު އަނެކަކު ޖިސްމާނީ ޞިފަތައް ކޮންމެވެސް މިންވަރަކަށްދެނެގަތުމަކީޚިޠުބާގެ ޙިކުމަތެކެވެ. އެއީ ކޮންމެ ފަރާތަކުންވެސްއަނެއްފަރާތުގެ ޖިސްމާނީ ޞިފަތަކާމެދުވެސް ރުހިހުރެގެން ކާވެންޏާ ހަމައަށްދިއުމަށެވެ.[[8]]

ވުމާއެކު ޚިޠުބާއަކީ ހަމައެކަނި ދެމީހުންގެ މިޒާޖާއި އަޚުލާޤު ދަސްކުރުންއެކުލެވިގެންވާ ޝަރުޢީ އިންތަކުގެ ތެރޭގައި ކާވެނީގެ ކުރިން ފިރިހެނަކާއިއަންހެނެއްގެ ދެމެދުގައި އޮންނަ ގުޅުމެކެވެ. ޢިލްމުވެރިންގެ ރަޢުޔުގައި ޚިޠުބާގެ މަޤުޞަދަކީ މިއީ ކަމުގައި ވާއިރު ތިން ޢުމުރުފުރައެއްގެ ދިވެހި ދެޖިންސުގެ މީހުން ދެކޭގޮތް ބަލައިލެވުނެވެ. ބައެއް ދިވެހިން ދެކޭގޮތުގައި ކައިވެނިކުރުމުގެ ނިޔަތް ހާމަކުރުމުގައި ޚިޠުބާގެ ބޭނުމަކީ ރައްޓެހިވެގެންއުޅޭ ދެކުދިން ރަނގަޅަށް ދަސްކުރުމެވެ. މިކަން ކުރެވޭނީ ދެކުދިން ދުވަސްކޮޅަކު އެކުއުޅެ ދިރިއުޅުމުގެ ކަންތައްތައް ހިއްސާކޮށްގެންނެވެ. އަދި މިކަމުގައި އެކެއްގެ ފަތިފުށް އަނެކާއަށް ކިޔައިދިނުންވެސް ހިމެނޭކަމަށް ބައެއްފަރާތްތަކުން ބުނެއެވެ.

ނަތީޖާއަކަށްވަނީ ރައްޓެހިވާން ހުށަހެޅުނު އަންހެންްކުއްޖާ ކުރިން އެހެންކުއްޖަކާ އެފަދަ ގުޅުމެއް ހިންގާފައިވާނަމަ، ފަހުން ރަށްޓެހިވިކުއްޖާ އޭނާއާއި މާރާމާރީ ހިންގުމެވެ. މިމައްސްަލައިގައި ދިވެހި އެތައް ޒުވާން ފިރިހެންކުދިންނެއްގެ ފުރާނަ ޤުބުބާން ކޮށްލާފައިވާކަމަށް ބައެއްފަރާތްތަކުން މަޢުލޫމާތު ދީފައިވެއެވެ.

ޚިޠުބާގައި ކައިވެނިވެވޭ އަންހެނާއަށް ބެލޭނެ މިންވަރަކީ ކޮބާ؟

ފިތުނަވެރިކަމެއް އުފެދިދާނެކަމުގެ ބިރެއްނެތަސް އޮތަސްއަޖުނަބީ އަންހެނެއްގެ ޢައުރައަށް ބާލިޣުވެފައިވާ ބުއްދި ސަލާމަތުންހުރި ފިރިހެނަކު ބެލުން ހުއްދަވެގެންނުވެއެވެ.[[9]] އެހެނީ ބެލުމަކީ ފިތުނައިގެއަޞްލެވެ. އަދި ޝަހުވަތުގެ މަޞްދަރެވެ. މާތްﷲ ވަޙީކުރެއްވިއެވެ.وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ ނޫރު:31 މާނައީ: (އަދި ކަލޭގެފާނު މުއުމިނު އަންހެނުންނަށް އެކަބަލުންގެބެލުންތައް ތިރިކުރުމަށާއި ފަރުޖު ރައްކާތެރިކުރުމަށް އަންގަވާށެވެ.) އަދިރަސޫލުﷲ (ސަލާމާއި ޞަލަވާތް އެކަލޭގެފާނުގެ މައްޗަށްލައްވާށި)ޙަދީސްކުރެއްވިއެވެ.النظرةسهم من سهام إبليس[[10]] މާނައީ: “ބެލުމަކީ އިބިލީހުގެ ދުނީގެ ތެރެއިން ދުންޏެކެވެ.”ޝަހުވަތާއެކު، އަނބިމީހާ ފިޔަވައި އެހެން އަންހެނަކަށް ބެލުންހުއްދަވެގެންނުވެއެވެ. އެއީ ބެލުމުން އަރާމު ލިބިގަތުމުގެ ޝަހުވަތުގައިނުވަތަ ގުޅުން ހިންގުމުގެ އެދުންވެރިކަމުގައި ބަލާބެލުމެއްކަމުގައިވިޔަސްމެއެވެ. އެހެންކަމުން ބެލުން ޙަލާލުވެގެންވާ މީހުންނަށްވެސް ޝަހުވަތާއެކު ބެލުން ހުއްދަވެގެންނުވެއެވެ. މިސާލަކަށް މަޙްރަމަކަށް ޝަހުވަތާއެކު ބެލުން ހުއްދަވެގެންނުވެއެވެ. އަދި ޑަކުޓަރަކު ބަލިމީހަކަށްޝަހުވަތާއެކު ބެލުން ހުއްދަވެގެންނުވެއެވެ.

ކުއްލިއަކަށް ޝަހުވަތަކާނުލައި ބަލާބެލުން ހުއްދަވެގެންވެއެވެ. މިގޮތުން ފުރަތަމަ ނަޡަރު ހުއްދަވެގެންވެއެވެ.ޝަހުވަތަކާ ނުލައި ޝަހުވާ އުފައްދާފާނެ ތަނަކަށް މުޢުތަބަރުބޭނުމަކަށްޓަކައި ގަސްތުގައިވެސް ބެލުން ހުއްދަވެގެންވެއެވެ. އެއީޚިޠުބާގައި ފިރިހެނާ ޚިޠުބާހެދެވުނު އަންހެނާއަށް ބަލާ ބީދައިންނެވެ.އެކަމަކު ފިތުނަވެރިކަމެއް އުފެދުމާމެދު ބިރެއް އޮތްނަމަ ބޭނުމެއްނެތިބެލުން ހުއްދަވެގެންނުވެއެވެ.[[11]]

އިމާމް އިބްނު ތައިމިޔާ ދެކެވަޑައިގަންނަވާ ގޮތުގައިއަންހެނާއަށް ޚިޠުބާގައި ބެލުމަކީ މުސްތަޙައްބުކަމެކެވެ.[[12]]ހަމައެފަދައިން ގިނަ ޢިލްމުވެރިންގެ އަރިހުގައި ޚިޠުބާގައިބެލުމަކީ މުސްތަޙައްބުކަމެއްކަމުގައި ޞަންޢާނީ ވިދާޅުވެފައިވެއެވެ.[[13]] ޙަންބަލީ މަޛުހަބުގެ ގިނަ ޢިލްމުވެރިންގެ އަރިހުގައި އަންހެނާއަށް ބެލުމަކީހަމައެކަނި ހުއްދަ ދަރަޖައިގެ ކަމެކެވެ. އިންޞާފުގައި ވިދާޅުވެފައިވެއެވެ.ޚިޠުބާގައި އަންހެނާ ދެކެން ބޭނުންވާ މީހާއަށް އެކަން ހުއްދަވެގެންވެއެވެ.އެއީ މުޣީރަތުގެފާނުގެ ޙަދީސުގައި ބެލުމަށް އަމުރު ވާރިދުވެފައިވަނީއިންޒާރުގެ ފަހަތުންނެވެ.[[14]]

ޤާޟީ ޢިޔާޟްވަނީ ޚިޠުބައިގައި އަންހެނާއަށް ބެލުމަކީ މަކުރޫހަކަމެއްކަމުގައި ވިދާޅުވެފައެވެ. އެކަމަކު މިރައުޔަކީ ޖުމްހޫރުޢިލްމުވެރިން ޤަބޫލުކުރައްވާ ރައުޔެއް ނޫނެވެ. އަދި ޙަދީސްތަކުން ދަލީލުލިބޭ ގޮތުގައި މިރައުޔަކީ ޞައްޙަ ރައުޔެއްނޫނެވެ. އަދި އިމާމް ޝައުކާނީމިރައުޔު ޞިފަކުރައްވަނީ ވަރަށް ޣަރީބު ރައުޔެއްގެ ގޮތުގައެވެ.[[15]]

ޝާފިޢީ މަޛުހަބުގައި މިމައްސަލައިގައި ދެރައުޔެއްވާރިދުވެފައިވެއެވެ. ފުރަތަމަ ރައުޔަކީ ބެލުން ހުއްދަވެގެންވުމެވެ. ދެވަނަގޮތަކީ މުސްތަޙައްބު ކަމެއްކަމުގައިވުމެވެ. އިމާމް ނަވަވީ ތަރުޖީޙުކުރައްވަނީ ދެވަނަ ރައުޔެވެ. އެއީ މިކަމުގައި ވާރިދުވެފައިވާޙަދީސްތަކުގެ ގިނަކަމަށްޓަކައެވެ.[[16]] އިމާމް ނަވަވީ ވިދާޅުވި ފަދައިންމިމަސައްލައިގައި އެންމެ ޞައްޙަ ރައުޔަކީ ޖުމްހޫރު ޢިލްމުވެރިންގެރައުޔެވެ.

މިދިވެހި މުޖުތަމަޢުގައި މިކަމުގައި ޢިލްމުވެރިންގެ ބަޔާންވެދިޔަ ގޮތަށް ކަންތައްކުރަނީ ވަރަށްމަދު ފަރާތްތަކުން ކަމުގައި ޚިޔާލުހޯދުންތަކުން އެނގުނެވެ. ޚިޔާލުހޯދުނު 70 އިންސައްތަ މީހުން ބުނެފައިވާގޮތުގައި ދިވެހި ފިރިހެންކުދިން ކައިވެނިވާ އަންހެންކުދިންނަށް ބެލުމުގެ އިތުރުން މައިންބަފައިންނާއި ދުރަށްގޮސް އެކަހެރިވެ ބަދުއަޚުލާޤީ ޢަމަލު ހިންގައެވެ. އަދި 20 އިންސައްތަ މީހުން ބުނެފައިވަނީ ދީނީ ގޮތުން ހޭލުންތެރި ޢާއިލާތަކުން މިކަމުގައި ޢަމަލުކުރަނީ އިސްލާމްދީނުގެ އިމުގެތެރޭގައި ކަމުގައެވެ. ނަމަވެސް 10 އިންސައްތަ މީހުން ބުނެފައިވާ ގޮތުގައި ގިނަދިވެހިންނަށް ޚިޠުބާ ވެވުނުކަމަށްވަނީ ކައިވެނިވެގެން ޙާޞިލްކުރަންޖެހޭ ލައްޒަތު އޭގެކުރިން ޙާޞިލްވުމުނަ ކަމުގައެވެ. އޭގެމާނައަކީ ޚިޠުބާގެތެރޭގައި ޖިންސީގުޅުން ހިންގުމެވެ.

ކައިވެނިވާ އަންހެނާ ޖިސްމާނީ ގޮތުން ދެނެގަތުން ހުއްދަ ގޮތްތައް

އަންހެންމީހާ ޖިސްމާނީގޮތުން ދެނެގަތުމަށް ހުއްދަ ގޮތްތައްވެސް ޢިލްމުވެރިން ވަނީ ބަޔާންކޮށްދެއްވާފައެވެ. ފުރަތަމަ ގޮތަކީ އަންހެނަކު ފޮނުވައިގެން އޭނާގެ ޖިސްމާނީފުދުންތެރިކަން އޮޅުންފިލުވުމެވެ. ދެވަނަ ގޮތަކީ ޚިޠުބާ އެދޭ ފިރިހެން މީހާ އަންހެނާއަށް ސީދާ ބެލުމެވެ.[[17]]

ޖާބިރުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްލައްވާށި)ޙަދީސްކުރެއްވިއެވެ.”إذاخطب أحدكم المرأة فإن استطاع أن ينظرمنها إلى مايدعوه إلى نكاحهافل يفعل”[[18]] رواهأحمدوأبوادود މާނައީ: “ތިޔަބައިމީހުންކުރެ އެކަކު އަންހެނަކާ ޚިޠުބާގައި ޖެހޭނަމަ،އެކަނބުލޭގެކިބައިން ކައިވެންޏަށް ބާރުއަޅާނެކަމެއް ފެންނަންދެން ކުޅަދާނަވެގެންވާނަމަ، އެކަންކުރާ ހުށިކަމެވެ.” މިޙަދީސަކީ ޙަސަންދަރަޖައިގެ ޙަދީސެއްކަމުގައި އިމާމް އަލްބާނީ ވިދާޅުވެފައިވެއެވެ.[[19]]

އޭގެމާނައަކީ ބައެއްދިވެހި ފިރިހެންކުދިންނާއި އަންހެންކުދިން ރައްޓެހިވެގެން އެއުޅޭ ބީދައިން ރެއާއި ދުވަލުގެ ނިދިނަގާލާފައި އެކަމުގައި ދެމީހުން ވަގުތުހޭދަކުރާވާހަކައެއްނޫންކަން އިސްވެދިޔަ ޙަދީޘުންވެސް އެނގެއެވެ. އަދި ޖިސްމާނީ ގަދަފަދަކަން ދެނެގަތުމަށް ބަނޑުމުސާރައަށް ބެއްދުމެއްވެސް ނޫނެވެ.

ޚިޠުބާވާ އަންހެނާއަށް ބެލޭނެ މިންވަރާމެދު އުފެދިފައިވާ ބައެއް އިޚުތިލާފުތައް

މިފަދަ ބަޙުޘެއްގައި އަންހެނާގެ ހަށިގަނޑުން ބެލޭނެ މިންވަރާމެދު ޢިލްމުވެރިންގެ މެދުގައި އުފެދިފައިވާ ޚިލާފުތަކަށް ބަލައިލުމަކީވެސް ވަރަށް މުހިއްމުކަމެއްކަމުގައި ދެކެމެވެ. ދިވެހި މުޖުތަމަޢުގައި މިކަމާމެދު އަރާފައިވާ އޮޅުން ކުޑަކުރުމުގެ ގޮތުންނެވެ.

ޢާންމުކޮށް ފާޅުވާ ތަންތަނަށް ބެލުންހުއްދަވެގެންވެއެވެ. އެގޮތުން ކަނދުރާއާއި ބޮލުގެ އިސްތަށިގަނޑާއި ދެއަތާއިފައިތިލައަށް ބެލުން ހުއްދަވެގެންވެއެވެ. ނުވަތަ ވުޟޫގެ ގުނަވަންތަކަށްބެލުން ހުއްދަވެގެންވެއެވެ. މިއީ ޙަންބަލީ މަޛުހަބުގެ އެންމެ މަޝްހޫރުރައުޔެވެ.[[20]]

ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިންގެ ފުރަތަމަރައުޔަކީ އަންހެނާއަށް ބެލުން ހުއްދަވެގެންވަނީ ހަމައެކަނި ޢައުރަކަމުގައިނުހިމެނޭ ތަންތަނަށެވެ. އެއީ މޫނާއި ދެއަތްތިލައެވެ. އެއީ އެކަނބުލޭގެހުއްދައާއެކު ނުވަތަ ހުއްދަނެތިވެސްމެއެވެ.[[21]] އެހެންނަމަވެސް ޝާފިޢީމަޛުހަބުގެ ބައެއް ޢިލްމުވެރިންކުރެން ރިވާވެގެން ވެއެވެ. ޚިޠުބާގައިއަންހެނާއަށް ފިރިހެނަކު ފިރިހެނަކަށް ބަލާބީދައިން ބެލިދާނެއެވެ.މިރައުޔަކީ ޝާފިޢީ މަޛުހަބުގެ މުޢުތަބަރު ދަންނަބޭކަލުން ޤަބޫލުކުރައްވާރައުޔެއް ނޫންކަމުގައި އަލްއިމާމް ނަވަވީ ވިދާޅުވެފައިވެއެވެ.[[22]]

ޙަނަފީ މަޛުހަބުގައިވެސް ބެލުންހުއްދަވެގެންވަނީ ހަމައެކަނި އަންހެނާގެ ޢައުރަކަމުގައި ނުހިމެނޭހިސާބަށެވެ. އެއީ މޫނާއި ދެއަތްތިލައެވެ. އެހެންތަންތަނަށް ބެލުންޙަރާމްވެގެންވެއެވެ.[[23]]

ޡާހިރީ މަޛުހަބުގެޢިލްމުވެރިންގެ ތެރެއިން ދާވޫދުއްޡާހިރީއާއި އިމާމް އިބްނުޙަޒުމުވިދާޅުވެފައިވެއެވެ. ބެލުން ހުއްދަވެގެންވަނީ އަންހެނާގެ މުޅި ހަށިގަނޑަށްވަކި ގުނަވަނެއް އިސްތިސްނާކުރުމެއް ނެތް ގޮތެއްގައެވެ.[[24]]

އަލްއިމާމް އައުޒާޢީ ވިދާޅުވެފައިވެއެވެ. އަންހެނާގެހަށިގަނޑުގައި ހުންނަ މަސްޖަހާފައިވާ ގުނަވަންތައް ނުވަތަ ރީތިކަންފާޅުކުރުވާ ގުނަވަންތަކަށް ބެލުން ހުއްދަވެގެންވެއެވެ.[[25]]

ޡާހިރީ މަޛުހަބުގެ ރައުޔުގެ ދަލީލަކީ فانظرإليها މިބަސްފުޅު ޢާންމުކޮށް އައިސްފައި އޮތުމެވެ. މިބަސްފުޅުގެ މާނައަކީ:- ކަލޭއޭނާއަށް ބަލާށެވެ. މިބަސްފުޅުގައި އެއްވެސް މިންވަރެއްގެ ޤައިދެއް ނެތްކަމުން އަންހެނާގެ މުޅި ހަށިގަނޑު ބެލުމަށް ހުއްދަ ލިބޭނެކަމަށް އެބޭކަލުންދެކެވަޑައިގަންނަވައެވެ.

ޑަކްޓަރ ވަހުބަތުއް ޒުޙައިލީ ދެކެވަޑައިގަންނަވާ ގޮތުގައިޚިޠުބާގައި އަންހެނާއަށް ބެލުމުގައި އެންމެ ޞައްޙަކަން ބޮޑު ރައުޔަކީޙަންބަލީ މަޛުހަބުގެ ދެވަނަ ރައުޔެވެ. އެއީ ޢާންމުކޮށް އަންހެނާގެ ކިބައިންފާޅުވާ ގުނަވަންތަކަށް ބެލުން ހުއްދަވުމުގެ ރައުޔެވެ. އެހެނީއެގުނަވަންތައް ބެލުމަކީ ޙާޖަތު ނުވަތަ ބޭނުން ފުއްދުމަށް ބޭނުންތެރިގޮތެކެވެ. އަދި އިސްވެދިޔަ ޙަދީސްތަކުގައި އިމެއް ކަނޑައެޅިފައިނެތިޢާންމުކޮށް އައިސްފައިވާތީއެވެ. އަދި ޢުމަރުގެފާނުގެ ޢަމަލުފުޅުންވެސްމިރައުޔަށް ބާރުލިބޭކަމުގައި ޑަކްޓަރ ވަހުބަތުއް ޒުޙައިލީދެކެލައްވައެވެ.[[26]]

ޝައިޚު ސައްޔިދު ސާބިޤު ރަނގަޅު ރައުޔެއްކަމަށްދެކެވަޑައިގަންނަވަނީ އަންހެނާގެ ރީތިކަން ދެނެގަތުމަށް ކޮންމެހެންމުހިއްމު މިންވަރު ބެލުން ހުއްދަވުމެވެ. އޭނާގެ ދަލީލަކީ ޢުމަރުގެފާނުގެޢަމަލުފުޅާއި ކީރިތި ރަސޫލުﷲ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއިސަލާމްހުރި)ގެ ޙަދީސްތަކުގައި އަމުރު ޢާންމުކޮށް އައިސްފައިވުމެވެ.އެހެންކަމުން އެގެނީ ބޭނުންވާ މިންވަރު ބެލިދާނެކަމެވެ. އަދިޢުމަރުގެފާނުގެ ޢަމަލުފުޅާއި ޖާބިރުގެފާނުގެ ޢަމަލުފުޅު[[27]]ންވެސް މިކަންމިހެން ކުރެވޭނެކަމަށް ދަލީލު ލިބެއެވެ.[[28]]

ދިވެހިރާއްޖޭގައި ކާވެނިކުރުމުގެ ނިޔަތް ހާމަކުރެވޭގޮތް

މަޝްހޫރު ސައްޔާޙު އިބުނުބަތޫތާ ބަޔާންކުރާ ގޮތުގައި ދިވެހިންނަކީ ވަރަށް ހިތްހެޔޮބައެކެވެ. އެމީހުން ކާވެނިކުރުމަށްޓަކާ، ފިރިހެނުން އިސްވެ އެދުން ފާޅުކުރެއެވެ. އެޒަމާނުގައި ލިބާސްލައްވަނީ ފުރާވަރަށް އެރީމައެވެ. “[29]” ބައެއްރަށްރަށުގައި ތަފާތު މުނާސަބާ ތަކާއި ގުޅިގެން (މިސާލަކަށް އަޟުޙާޢީދުގެ ކުޅިވަރުތަކުގެތެރެއިން ފިރިހެނުންގެ ބޮލަށް އަންހެނުން ގޮންޖެހުންވެސް ހިމެނެއެވެ.) މިގޮތުން އެގޮންޖެހި މީހާއަކީ އެފިރިހެނަކު ހިތްއެދޭ މީހަކު ކަމުގައި ވާނަމަވެސް ރާއްޖޭގެ ބައެއް ހިސާބުތަކުގައި ކާވެނި ޢަޤުދުކޮށްފައި ވާކަމަށް ދުވަސްވީ ބައެއް ފަރާތްތަކުން ބުނެއެވެ.

ޕިރާޑު ހާމަކުރާ ގޮތުގައި އެހެން ކޮންމެ ދުވަސްވަރަކާއި ޚިލާފަށް ރޯދަމަހުގެ ތެރޭގައި ދެބާވަތުގެ ކުދިންގެ މެދުގައި ޖިންސީގުޅުން ހިންގާލެއް މާގިނައެވެ. މިކަންކުރުމުގައި އެކަކު އަނެކަކަށް ޅެންތައްލިޔެ ފޮނުވާނެއެވެ. މިތަކެތި އެބައިމީހުން ލިޔަނީ ދިވެހި ރުކުގެ ބޮންތި ފަނުގައެވެ. ފިރިހެންކުދިން މީރުވަސްދުވާ ތާޒާ މާ ބިނދެގެން އެއިން ވަރަށް ރީތިކޮށް މާބޮނޑިތައް ބަނދެއެވެ. ދެން އެ ފޮނުވާނީ އަންހެންކުދިންނަށެވެ. މީގެ ބަދަލުގައި އެކުދިން ފޮނުވާނީ ހެދިބިލެތެވެ. މިއީ ވަރަށް ކަމޭހިތައިގެން ރީތިކޮށް ވަކި ޤަވާޢިދަކަށް ތައްޔާރުކުރާ އެއްޗެކެވެ. އެބައިމީހުންގެ ޒުވާނުން ހިތާވެގެން އުޅޭގޮތަކީ މިއެވެ. “[30]” ރާއްޖެ އިސްލާމްވީއްސުރެ މިގޮތުގައި ފަރިތަކުރަމުން އަންނަކަމުގައި ވެއެވެ. ރަސްރަސްކަލުންގެ ދުވަސްވަރުން ފެށިގެން އިނގިރޭސިންގެ އިސްތިޢުމާރުގެތެރޭގައި ރާއްޖެ އޮތްއިރުވެސް މިކަން މިގޮތަށް ކުރަމުންއަންނަކަމުގައި ބައެއްފަރާތްތަކުންބުނެއެވެ.

ކައިވެނިވާ ފިރިހެނާ ފޮނުވާ ދެފިރިހެނަކު އަންހެންކުއްޖާ ރުއްސުމަށް ދެއެވެ. އެދެމީހުން ގޮސް އަންހެނާއިނީ ހައްޔަރެއްގައިތޯއާއި އިންނަންއުޅޭ ފިރިހެނާއާއި ކާވެނި ނުވެވޭނެފަދަ އެއްވެސް ކަމެއް ވޭތޯ ސުވާލު ކުރާނެއެވެ. މިގޮތުން އެހެން ފިރިހެނަކާ އިނުމަށް ވަޢުދުވެ އެއްޗެއް އަތުލާފައިވޭތޯވެސް ސުވާލުކުރާނެކަމުގައި ވެއެވެ.

ކުރީޒަމާނުގައި ކައިވެނބި ޢަޤުދުކޮށްދެނީ ރަށުގެ ނައިބެވެ. ވަލީވެރިޔާއާއި ހެކިންގެ ޙާޟިރުގައި ޝަރުޢީ މަޢުޛޫން ކައިވެނި ޢަޤުދުކޮށްދެއެވެ. މިކަންކުރަނީ ކޯޓްގައެވެ. ނުވަތަ އެބަޔަކު ދިރިއުޅޭ ގޭގައެވެ. ކާވެނީގެ މަޖުލީހުގައި ރުއްސުމުގައި އަންހެނާ ކީރަން ޙަވާލުކުރެވޭނެއެވެ. ޙަވާލު ނުކުރެވުނު ނަމަ އެއްދާންކުރުމުގެކުރިން މިރަން ޙަވާލުކުރުމަށް ކޯޓުން އަންގައެވެ.

ޢާއިލާއާބެހޭ ކޯޓުގެ ޤަވާޢިދުގެ ފަސްވަނަ ބާބުގައި ވާގޮތުން އެކޯޓުން ކާވެނި ކޮށްދޭނީ ޢާއިލާއާއި ބެހޭ ޤާނޫނާއި، ޢާއިލާއާއި ބެހޭ ޤަވާޢިދާއި، ފެމެލީ ކޯޓުގެ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ކާވެނި ކުރުމަށް އެދި ކޯޓަށް ހުށަހެޅުމުން ކާވެނި ޢަޤުދު ކޮށްދެވޭނެއެވެ.

މީލާދީ ގޮތުން 18 އަހަރު ނުފުރުނު ކަމުގައި ވިއަސް ބާލިޣުވެފައިވާނަމަ، ޖިސްމާނީ ، ސިއްޙީ، ނަފްސީ ދުޅަހެޔޮކަމަށާއި، ކާވެނިކުރަން އެމީހަކު ބޭނުންވާ ސަބަބާއި، ކައިވެނި ކޮށްދިނުމާމެދު މައިންބަފައިން ނުވަތަ ބެލެނިވެރިން ދެކޭގޮތާއި އަދި ޕޮލިސްރިޕޯޓާއި ކުށުގެ ރެކޯޑަށް ބަލާފައި ކާވެނި ކުރުމަށް ހުއްދަދިނުމުގެ އިޚުތިޔާރު ރެޖިސްޓްރާއަށް ލިބިގެންވެއެވެ. “[31]

މިއީރަސްމީ ބައިކަމުގައި ވިއަސް ނުރަސްމީގޮތުން މިޒަމާނުގައި އަދި އެޒަމާނުގައިވެސް ދީނުގެ ހަމަތަކާއި އުޞޫލުތަކާއި ތަޢާރުޟުވާ ގޮތަށް ޚިޠުބާގެ ކަންތައްތައް ކުރެއެވެ. މިގޮތުން ރައްޓެހިވެގެންއުޅޭ ނުވަތަ ޚިޠުބާވެފައިވާ އަންހެނާ ގެގެއަށް ފިރިހެނާގޮސް މައިންބަފައިންގެ ރުހުމުގައިވެސް އެކަހެރިކުރާކަމުގައި ބައެއްފަރާތުން ބުނެއެވެ. އަދި ރަށުގެ މީހުން ނޫޅޭ ސަރަހައްދުތަކަށް ރައްޓެހިވެގެންއުޅޭ ދެކުދިންގޮސް ކައިވެނިކުރުމުގެކުރިން ބަދުއަޚުލާޤީ ޢަމަލު ހިންގާކަމަށް ބައެއްފަރާތްތަކުން ބުނެއެވެ.

އަދި މިފަހަކަށްއައިސް ރައްޓެހިވެގެން އިންނަން އުޅޭ ދެކުދިން ވެބްކަމްޖައްސައިގެން އިންޓަރނެޓް ބޭނުންކޮށްގެންވެސް ލަދުވެތިގުނަވަންތައް ދައްކައިގެން ޝަހުވާނީ އެދުން ފުއްދަމުންދާކަމުގައި ޢުލޫމާތު ސުވާލުކުރެވުނު ފަރާތްތަކުން ދީފައި ވެއެވެ. މީގެ ސަބަބުން ކައިވެނި ކުރުމުގެކުރިން ނުހަލާލަށް ބަލިވެއިނދެ ކުދިން ވިހާފައިވާލެއްވެސް ވަރަށް ގިނަކަމަށް އެފަރާތްތަކުން ފާޅުކުރައްވާފައިވެއެވެ.

ކާވެނިކުރުމުގެ އެދުން ފާޅުކުރުމުގައި ބައެއް ދިވެހިން ހުށަހަޅާ ކަންތައްތައް

ކާވެނި ކުރުމުގެ އެދުން ހާމަކުރުމުގެ ގޮތުން ބައެއްދިވެހިން ވަރަށް ގިނަ ކަންތައްތަކަށް ބައެއްފަހަރު ޑިމާންޑު ކުރާކަމަށް އިންޓަރވިއު ކުރި ފަރާތްތަކުން ހާމަކުރެއެވެ. ބައެއްމީހުން ވަކިދޯންޏަކުން މަހަށް ނުދިއުމަށް ފިރިމީހާއަށް ޝަރުޠު ކުރަމުންދާއިރު އަނެއްބައި އަންހެނުން ކުރިން އިނދެ ވަރިކުރި މީހާގެ ގެއަށް ނުވަނުމަށްވެސް ބުނަމުންދާކަމަށް ބައެއްފަރާތްތަކުން ބުނެއެވެ.

ދިވެރިރާއްޖޭގައި ނެރެވޭ އޮންލައިން މަޖައްލާއެއް ކަމަށްވާ ވަޠަން ޑޮޓް ކޮމް ގައި ވާގޮތުން 2000 ވަނަ އަހަރު ކުރެވުނު ކާވެނީގެ ނިސްބަތުން %60 އެއްހާ ކާވެނި ވަނީ މާލޭގައި ރޫޅިފައެވެ. މިގޮތަށް ވަރިވެފައިވާ 100 މީހުނާއި ބައްދަލު ކުރިއިރު 72 މީހުންގެ ކައިވެނި ރޫޅިފައިވަނީ ފިރިމީހާ އެހެން “ގާރލްފްރެންޑް” އެއް ހޯދުމުންނާއި މަސްތުވާތަކެތި ބޭނުންކުރަންފެށުމުގެ ސަބަބުންނެވެ. މީގެ ތެރެއިން 32 މީހުންވަނީ ހަމައެކަނި އެހެން “ގާރލްފްރެންޑް” އެއް ހޯދުމުން ވަރިވެފައެވެ. މިގޮތަށް ވަރިވި މީހުންގެ %33 މީހުންވަރިވެފައިވަނީ ދެމަފިރިންނަށް ކުދިންލިބުމަށްފަހުއެވެ.

މިކަމަށް އޮތް ހައްލެއްކަމުގައި ބައެއްފަރާތްތަކުން ދެކެނީ ދެއަންބަށް ނުވަތަ ތިންއަތްބަށް އިނުމެވެ. މަނެއްބަޔަކު ދެކޭގޮތުގައި ނިކާޙު ނާމާ ނުވަތަ ކައިވެނީގެ އެގްރީމެންޓް އޮތުމަކީވެސް ވަރި މަދުކުރެވިދާނެ ގޮތެކެވެ.

ދެ އަތްބަށް އިނދެގެން އުޅޭ ހައްވަ (އަސްލުނަމެއްނޫން ) ބުނި ގޮތުގައި އޭނާގެ ފިރިމީހާ އެހެންމީހަކާއި ރައްޓެހިވެގެން ދެމީހުން ވަކިވާންޖެހިދާނެކަމަކަށް ޤަބޫލެއް ނުކުރެއެވެ. ދެވަނަ މީހަކާއި ރައްޓެހިވެގެން (ގޯސްކަމެއްނުކޮށް) ކާވެނި ކޮށްފިނަމަ އެނިމުނީ ކަމުގައި ހައްވަ ޤަބޫލުކުރެއެވެ. އެހެނަސް މިއަހަރުގެ ކުރީކޮޅު ކާވެނި ކުރި އައިންތު( އަސްލުނަމެއްނޫން) އެއްގޮތަކަށްވެސް އޭނާގެ ފިރިމީހާ ދެވަނަ މީހަކާ އިނުމަކަށް ޤަބޫލެއްނޫނެނެވެ. އަދި އެހެންމީހަކާ އެނިޔަތުގައި ފިރިމީހާ ވާހަކަދައްކައިފިނަމަވެސް އޭނާ ވަރިވާން ޖެހޭނެކަމަށްވެސް ޤަބޫލުކުރެވެ.

ހުށަހެޅޭނެ ޝަރުޠުތަކަކީ ކޮބާ؟

އަންހެނުންނަށް އެކަބަލުން މީހުންނާއި ކައިވެނިކުރާއިރު، ފިރިމީހާ އެހެން މީހަކާއި ކައިވެނި ނުކުރުމަށް ޝަރުޠުކުރެވިދާނެހެއްޔެވެ؟ ފެންނަން އޮތް ޙަޤީޤަތަކީ އެހެން އަންބަކު އަނބިމީހާގެނުގަބޫލުގައި ގެންގުޅުމަކީ ބައެއްފަހަރު އެކަމުގެ ސަބަބުން، ޢާއިލާތައްރޫޅި، ދަރިން ގޯޅި އެޅުމަށް މަގު ފަހި ކުރުވާ، ނަފްސާނީ ގޮތުން އެކަމުގެނުބައި އަސަރު އަނބިންނަށް ފޯރާ، އެމީހުންނަށް ވޭންދެނިވިކަމެއްކަމުގައެވެ. މި ސުވާލަށް ޖަވާބުހޯދާލުމަށް ފިޤުހު ފޮތްފޮތަށްބެލިއިރު މިކަމުގައި ޢިލްމުވެރިން ދެ ރައުޔެއް ގެންގުޅެއެވެ.

މިގޮތަށް ޝަރުޠެއް ނުކުރެވޭނެކަމަށެވެ. މިގޮތަށް ކައިވެނީގައިޝަރުޠުކޮށްފިނަމަ އެ ޝަރުޠު ބާޠިލްވާނެއެވެ. އަދި ޝަރުޠު ބާޠިލުވުމަށްފަހުކައިވެނީގެ ޢަޤުދު ސައްޙަވާނެ ކަމަށެވެ. (މިގޮތަށް ވިދާޅުވާ ޢިލްމުވެރިންގެތެރޭގައި ޝާފިޢީ މަޒުހަބާއި ޙަނަފީ މަޒުހަބާއި މާލިކީ މަޒުހަބުގެ ޢިލްމުވެރިންނާއި، ސަޙާބީންގެ ތެރެއިން ޢަލީގެފާނާއި، އިބްނު ޢައްބާސް އަދިތާބިޢީންގެ ތެރެއިން ސަޢީދު ބިން މުސައްޔިބް، ޢަތާއް، ޙަސަނުލް ބަޞްރީއިބްރާހިމް އައްނަހުޢީ ހިމެނިވަޑައިގަންނަވައެވެ.)

ޝަރުޠު ނުކުރެވޭނެ ކަމަށް ބުނާމީހުންގެ ދަލީލަކީ މާތްﷲ ވަޙިކުރައްވާފައިވާ މިބަސްފުޅެވެ. يَا أَيُّهَا الَّذِينَ آمَنُواْ أَوْفُواْ بِالْعُقُودِ أُحِلَّتْ لَكُم بَهِيمَةُ الأَنْعَامِ إِلاَّ مَا يُتْلَى عَلَيْكُمْ غَيْرَ مُحِلِّي الصَّيْدِ وَأَنتُمْ حُرُمٌ إِنَّ اللّهَ يَحْكُمُ مَا يُرِيدُ  މާނައަކީ “އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، عقدތައް ފުއްދާށެވެ! އަދި، ތިޔަބައިމީހުންނަށް (އެތަކެއްޗާމެދު حكمއޮތްގޮތް قرآنން) ބަޔާންކޮށްދެއްވާ ތަކެތި މެނުވީ، نعمސޫފިތައް، ތިޔަބައިމީހުންނަށް حلالކުރައްވާފައިވެއެވެ. ތިޔަބައިމީހުން إحرامބަނދެގެންތިބެ، ޝިކާރަކުރުން ހުއްދަ ނުކުރާގޮތުގައެވެ. ހަމަކަށަވަރުން،
اللَّه، އެކަލާނގެ އިރާދަކުރައްވާގޮތަށް حكمކުރައްވަތެވެ.” “[32]

އަދިވެސް މާތﷲ ވަޙިކުރައްވާފައިވެއެވެ. وَأَوْفُواْ بِالْعَهْدِ إِنَّ الْعَهْدَ كَانَ مَسْؤُولاً މާނައަކީ އަދި ތިޔަބައިމީހުން،        عهدފުއްދާށެވެ! ހަމަކަށަވަރުން، عهدއަކީ (އެއާމެދު) سؤالކުރައްވާނޭ ކަމެއްކަމުގައި ވިއެވެ. “[33]

ޙަދީޘް ތަކުގެ ތެރޭގައި : މުނާފިޤުންގެ ސިފަތައް ތިނެއް ކަމަށް ބަޔާންކުރައްްވަމުން، ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގައި، ވަޢްދާއިޚިލާފުވުމަކީ އެއީ މުނާފިޤުންގެ ސިފައެއް ކަމަށް އޮވެއެވެ. ޙަދީޘް ޞަޙީޙައިން: ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ.”ޝަރުޠުތަކުގެ ތެރެއިން ފުއްދުމަށް އެންމެ ހެޔޮކަންބޮޑުވެގެންވާޝަރުތުތަކަކީ ކައިވެންޏާއި ގުޅިގެން ކުރެވޭ ޝަރުޠުތަކެވެ.”

މި ޙަދީސުން ދަލީލް ކޮށްދޭގޮތުގައި ކައިވެންޏާއި ގުޅިގެން ކުރެވޭކޮންމެޝަރުތަކީ އެފުއްދުން ލާޒިމް ޝަރުޠުތަކެއްކަމަށެވެ. ވީމާ އިސްވެއިޝާރާތްކުރި ފަދައިން، އަނބިމީހާ ކުރާ ޝަރުޠުތަކަކީ ވެސް އެޝަރުޠުއަނބިމީހާ ދޫކޮށް ނުލާހާ ހިނދު، އެޝަރުޠާއި އެއްގޮތަށް ޢަމަލުކުރުން ފިރިމީހާއަށް ލާޒިމް ވެގެންވާ ޝަރުޠެއްކަމަށް ބަލަންޖެހެއެވެ.

އައްތިރްމިޒީ އާއި އަލްބައިހަޤީ އަދި ސަޢީދުބިން މަންސޫރުގެއަރިއަހުން ރިވާވެގެންވެއެވެ. އެއް ދުވަހަކު މީހަކު ޢުމަރުގެފާނުގެއަރިއަހަށް އައިސް ދެންނެވިއެވެ. ތިމަންގެ އަންހެނުންނާއި ކައިވެނި ކުރީއެކަނބުލޭގެއާއި އެކު އުޅުމަށާއި، ރަށުން ބޭރަށް ނުދިޔުމަށް ޝަރުޠުކުރެވިގެންނެވެ. ނަމަވެސް ތިމަން ކަމަކު ރަށުން ބޭރަށް ދާންޖެހިއްޖެއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. އެކަނބުލޭގެ ޝަރުތު ކޮށްފައިވާ ކަންކަމުގައިދެމިހުންނާށެވެ. ފަހެ މުއުމިނުން އެބައިމީހުން ކުރާ ޝަރުޠުތަކުގައިދެމިތިބޭހުށިކަމެވެ.

މި ގޮތަށް ޝަރުޠުކުރުމަކީ ކައިވެނީގެ މަޤްޞަދާއި ފުށުއަރާކަމެއްނޫނެވެ. އަދި މިއީ ޝަރުޢީ ގޮތުން މަނާކުރެވިފައިވާ ކަމެއްކަން ސާބިތުވާކަމެއްވެސްނޫނެވެ. އަދި ދަލީލް ތަކުން ބުރަވެވެނީ މިގޮތަށް ޝަރުޠު ކުރުމަކީ ހުއްދަކަމެއްކަމުގައެވެ. އަދި ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދެންދިމާވެފާވަނީ ޢާއްމު ޙަދީޘް އަކާއި ޚާއްސަ ހަދީޘް އަކާއި އަރާރުންވާތީއެވެ. ޢާއްމު ޙަދީޘް އަކީ ފޮތުގައި ނުވާ ކޮންމެ ޝަރުޠަކީ ބާޠިލް ޝަރުޠެކެވެ. ނަމަވެސް ކައިވެނީގެ މައްސަލަތަކުގައި ވެވޭ ޝަރުތުތަކަކީ ފުއްދުމަށް އެންމެހެޔޮވެގެންވާ ޝަރުތުކަން ބަޔާން ކުރާ ޙަދީޘެއް ވެއެވެ. މި ދެ ހަދީޘްއަކީވެސް ޞަޙީޙް ދެ ޙަދީސްއެވެ. ވީމާ އުޞޫލުލްފިޤްހުގެ ޤަވާޢިދުގެ ދަށުންޚާއްޞަ ކުރެވިފައިވާ ހަދީޘްތަކުން ޢާއްމު ޙަދީޘްތަކުގެ މައްޗައްގަދަވާނެއެވެ. އަދި މިގޮތަށް ކުރެވޭ ޝަރުޠުތަކަކީ ބައެއްފަހަރު ފިޤުހީޢިލްމުވެރިންވިދާޅުވާ (ސައްދު ޒަރާޢިއު) ”ނުރަނގަޅުކަމެއް ވުމުގެ ކުރިންއެކަމަކަށް ދެވޭ މަގު ބަންދުކުރުން” މި އުޞޫލާއި އެއްގޮތް ކަމެކެވެ. ބައެއް ޢާއިލާތައް އުފާވެރިކަމާއި އެކު ދިރިއުޅެމުންދަނިކޮށް ފިރިމީހާއަށް އިނދެވޭ އަންބެއްގެ ސަބަބުން ބައެއް ފަހަރު ޢާއިލާތައް ހަމަ ނުޖެހިދަރިންގެ މެދުގައި ފިތުނަ އުފެދި، ފުރަތަމަ އަނބިމީހާ އަނެއް އަންހެންމީހާއަށް ޣީރަތްތެރިކަން އުފެދި ޢަދާވަތްތެރިކަން އުފެދުމަކީ ވެދާނެކަމެކެވެ.

ޝަރީޢަތުގައި ކައިވެނީގެ މަޤްޞަދުކަމުގައި ލައްވާފައިވަނީ އެކަކުއަނެއްކަކަށް ކުލުނާއި އޯގާތެރިވުމުގެ މައްޗަށް ބާރުއަޅާއިރު، އަދި ޢާއިލީގުޅުން ބަދަހިކުރުން ކަމުގައި ވާއިރު، މިކަންކަން ނެތިކޮށްލާފުޑުފުޑުކޮށްލާކަމެއް ދިމާވެދާނެކަމަށް އަންހެންމީހާ އަށް ލަފާކުރެވޭނަމަ،އަންހެންމީހާ ނުވަތަ އަންހެންމީހާގެ ޢާއިލާއިން ފިރިމީހާ އެހެން މީހާކާއި ނުއިނުމަށް ޝަރުތުކުރެވޭ ކުރެވުމަކީ އަންހެންމީހާ އަށް ލިބެން އޮތްހާނިއްކައިން ސަލާމަތް ވެ، އޭނާއަށް ލިބިދާނެ ދެރައަކުން ސަލާމަތްވުމަށްޓަކައި އެޅިދާނެ ފިޔަވަޅެކެވެ.

މިއީ ޢިލްމުވެރިން މިކަމުގައި ދެކިވަޑައިގަންނަވާ ގޮތެވެ. ޝަރުޠު ކުރުންހުއްދަ ކަމަށް ވިދާޅުވާބޭފުޅުންގެ ބަހަކީ މިގޮތަށް ޝަރުޠު ކުރެވިއްޖެނަމައެގޮތަށް ޢަމަލުކުރުން ފިރިމީހާ އަށް ލާޒިމްވާނެކަމެވެ. ނޫނީ އޭނާއަށް އޮތީއަނބިމީހާ ވަރިކޮށް އެހެން މީހެއް ހޯދުމެވެ. އަދި ބައެއް އިސްލާމީ ޢަރަބިޤައުމުތަކުގެ ޤާނޫނުގައިވެސް މިގޮތަށް ކުރެވޭ ޝަރުތަކީ ސައްޙަޝަރުތެއްކަމަށް ކަނޑައަޅާ، މިގޮތަށް ކުރެވޭ ޝަރުތާއި ފިރިމީހާ ޚިލާފުވެއްޖެނަމަ، ކައިވެނި ފަސްޚުކުރުން އަނބިމީހާއަށް ހުއްދަ ކަމަށްކަނޑައަޅުއްވާފައިވާކަމަށް ދިރާސާތަކުން ހާމަވެއެވެ.

ކާވެނިކުރުމުގެ އެދުން ފާޅުކުރުމުގައި މައިންބަފައިން ޝާމިލުކުރުމުގެ މުހިންމުކަން

މައިންބަފައިންނަކީ ތިމާ ދުނިޔެއަށް އުފަންވުމުގެ ސަބަބެވެ. ވުމާއެކު ކުލުނާއި ލޯތްބަކީ އެއްގޮތަކަށްވެސް ފިލައިގެން ނުދާނެ ގޮތުގައި ފިޠުރަތުގައި ލައްވާފައިވާ ކަމެކެވެ. ސުވަރުގެދިއުންވަނީވެސް މަންމަގެ ފައިތިލައިގެ ދަށުގައި ކަމުގައި ޙަދީޘްތަކުން ސާބިތުވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَآ أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيمًا “[34]” މިއާޔަތުގައި މާތްﷲ އަމުރުކުރައްވާފައިވަނީ އެކަލާނގެއަށް އަޅުކަންކުރުމަށް ކުރެއްވި އަމުރުފުޅާއި ވިދިގެން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އަދި އެދެމީހުންނަށް ނުރުހުމުގެ ކިތަންމެ ކުޑަބަހެއްވިއަސް ނުބުނުމަށް އަންގަވާފައިވެއެވެ. އަދި ހަމަ މިސޫރަތުގެ 24 ވަނައާޔަތުގައި އޯގާތެރިވުމުގެ ގޮތުން ނިކަމެތިކަމުގެ ފިޔަ ތިބާ އެދެމީހުންނަށްޓަކައި ތިރިކޮށްލުމަށް އަންގަވާފައިވުމުން އެދެމީހުންގެ ބޮލުގައި ކޮޅުފައިންޖަހާފައި ދެވޭނޭ އެއްވެސް ޖާގައެއް ދަރިންނަށް ލިބިގެން ނުވާކަން ދުވާލުގެ އިރުފަދައިން ހާމަވެއެނގެއެވެ.

ޢަބުދުއްސައްތާރު (2011) ބަޔާންކުރާ ގޮތުގައި ކާވެނިކުރުމުގެ އެދުން ފާޅުކުރުމުގައި މައިންބަފައިންގެ މަޝްވަރާ ހޯދުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެކެވެ. ސަބަބަކީ އެއްވެސް މަޔަކު ނުވަތަ ބަފައަކު އެބައިމީހުންގެ ދަރިފުޅަށް ދުވަހަކުވެސް ދެރައެއް ލިބުމަކަށް ނޭދޭނެއެވެ.

އަޙުމަދު ހަނީފު (2011) ބުނިގޮތުގައި އޭނާ މައިންބަފައިންގެ އިޒުނަ ލިބިގެން ކުރި ކާވެނި އަހަރުނުވަނީސް ރޫޅާލަން ޖެހުނެވެ. ސަބަބަކީ ސަބަބަކީ ދެމީހުން އެކަކު އަނެކަކަށް ލޯބިނުވުމެވެ. މިކަމުގައި އެތައްދުވަހެއް ވޭތުވެދިޔައިރުވެސް ބަދަލެއް ނައެވެ. ނަމަވެސް އަހަރުދުވަހު ރައްޓެހިވެގެން އުޅެ މައިން ބަފައިން ނުޤަބޫލުގައި ކުރި ކައިވެނީގައި އެތައް އަހަރެއްވެއްޖެއެވެ. އެއްވެސް ހީނަރުކަމެއް ނާދެއެވެ. ވިމާ އެދައްކަނީ މުޅިން ހޮޅިވާހަކައެވެ.

މި ޚިޔާލާއިމެދު ދެކޭގޮތް އަހާ ލުމައްޓަކައި މީހަކާ ނުއިނދެހުރި ފުރާވަރުގެ އަންހެނަކާ އަދި ފިރިހެނެއްގެ ވާހަކަ ދައްކާލެވުނެވެ. ދެމީހުން ދެކޭ ގޮތުގައިވެސް މައިންބަފައިންގެ ރުހުމާއި އެމީހުންގެ ބަހެއްހޯދުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. ނަމަވެސް އޭގެ މާނައަކީ އެމީހުން ބުނާހާގޮތަކަށް ދިރިއުޅުން ބައްޓަން ކުރުމެއް ނޫނެވެ. އެމީހުންގެ ޚިޔާލު އަދި މިޒަމާނުގެ ކުދިންގެ ޚިޔާލާއި ނުގުޅި ހިނގައިދާނެއެވެ. އަދި އެއީއަކީ ކޮންމެހެން ލާޒިމުކަމެއްވެސް ނޫނެވެ.

ޢަބުދުއްސައްތާރު (2011) ހާމަކުރާ ގޮތުގައި މީހަކާ އިނުމަށްޓަކައި ކުއްޖަކާ ގުޅޭނަމަވެސް އެކަން ހިނގަންވާނީ ދެކުދީންގެ މައިންބަފައިންގެ ބެލުމުގެދަށުންނެވެ. ވާހަކަ ދެކެވެން ޖެހޭނީ ބެލެނިވެރީންގެ ޙާޟިރުގައެވެ. މާތްﷲ ބަރަކާތް ލައްވަނީ އެކަލާނގެ ކަނޑައެޅުއްވި ޝަރުޢީ ހަމަތަކުގެމަތީން ގުޅޭ ދެމީހެއްގެ ޙަޔާތުގައެވެ. ދެމީހުން ދަސްވުމުގެ ނަމުގައި ﷲ ކަނޑައެޅުއްވި އިންތައް ފަހަނައަޅައި ގޮސްފައިވާ ދެމީހަކު ކިތެންމެ ލޯތްބެއް އަނެކާދެކެ ވިޔަސް އެދެމީހެއްގެ ގުޅުމުގައި މާތް ﷲ ބަރަކާތް ނުލައްވައިފިނަމަ އެދެމީހެއްގެ ޙަޔާތަކީ ބާއްޖަވެރި ޙަޔާތަކަށް ނުވާނެއެވެ. މުޖުތަމަޢުގެ ޙާލަތަށް ބަލައިލުމުން މިކަން ވަރަށް ރަނގަޅަށް ސާފުވާނެއެވެ. މިހާރު ކުރެވޭ ކައިވެނިތަކަކީ މުޅިންހެން ރައްޓެހިވެގެން އުޅޭތާ އެތައް އަހަރެއް ވެފައިކުރެވޭ ކައިވެނިތަކެވެ. ނަމަވެސް މާގިނަދުވަހެއް ނުވެ ފެންނަނީ ވަކިވާތަނެވެ.

ދެމީހަކު އެތައްދުވަހަކު ރައްޓެހިވެގެން އިންނަ އިނުމާއި،  ދެފަރާތުގެ ޢާއިލާގެ މީހުންގެ މެދުގައި އެއްބަސްވެގެން ކުރެވޭ ކާވެނީގެ ތަފާތެއްވޭތަ؟

މިތާނގައި “ރައްޓެހި” ވުމުގެ މާނަ ތަފާތު މީހުން ތަފާތުކޮށް ނަގާފައި ވެއެވެ. ޚިޔާލުހޯދި ދިވެހިންގެތެރެއިން ގިނަބަޔަކު ދެކޭގޮތުގައި ރައްޓެހިވެގެން އުޅުމަކީ ދެމީހުން އެކުގައި ދަތުރުތައް ދިއުމުގެ އިތުރުން ދިރިއުޅުމުގައި ދިމާވާ ބައެއްކަންތައްތައް ޢަމަލީ ގޮތުން ތަޖުރިބާ ކުރުމެވެ. ނަމަވެސް ދީނީ ޚިޔާލު ހުންނަ މީހުން ދެކޭ ގޮތުގައި ހިލޭ ފިރިހެނަކާއި އަންހެނަކާ ދެމެދު އެފަދަ ގުޅުމެއް ބޭއްވުމަކީ އެއްގޮތަކަށްވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ސަބަބެއް ކަމުގައި އެމީހުން ދެކެނީ އަންހެނާ މަޙުރަމަކު ނުލައި ދަތުރުދިއުމަކީވެސް ހުއްދަވެގެންނުވާ ކަމެއްކަމުގައި ވުމެވެ.

އަދި ޢުމުރުން ދުވަސްވީ ހަރުމީހުން ދެކޭގޮތުގައި ރައްޓެހިވެގެން ގިނަދުވަހު ކާވެނި ނުކޮށް އުޅުމުގެ ސަބަބުން ބަދުއަޚުލާޤީ ޢަމަލުތައްހިންގި އަދި ބައެއްފަހަރަށް އިންސާނާގެ މުޅި ޙަޔާތުގައި ފިލުވާލަން ދަތި ލައްގަނޑެއް ޖެހުމަކީވެސް އެކަށީގެންވާ ކަމެއްކަމުގައެވެ.

ދެފަރާތުގެ ޢާއިލާގެ ރުހުން ލިބިގެން ކާވެނި ކުރުމުގެ ސަބަބުން ފައިދާވާ ކަމަށް ބުނާ މީހުން ދެކޭ ގޮތުގައި އެފަދަ ޙާލަތެއްގައި މައްސަލައެއްޖެހިގެން ވަރިކޮށްލާ ގެއިން ނެރެލި ނަމަވެސް ތިމާގެ މައިން ބަފައއިންނާއި ގާތްތިމާގެމީހުން އެމީހުންގެ ބަސްއަހާ ކިޔަމަންވީތީ އެނބުރި އައުމުން ބަލައިގަންނާނެއެވެ.

މުޙައްމަދު ޢިޔާޟު (2011) ހާމަކުރާ ގޮތުގައި ހިލޭ އަންހެން ކުދިންނާ ފިރިހެން ކުދިން ރައްޓެހިވެ ގައިގޯޅިވެ ތަންތަނުގައި އެކަހެރިވެ އުޅުމަކީ އެކަމުގެ ސަބަބުން އިސްލާމީ މުޖުތަމަޢުތައް ފަސާދަވެ ލަދުވެތިކަމާއި، ޢިތްފަތްތެރިކަން ގެއްލިގޮސް މާތްﷲގެ ކޯފާއަށް އެތަނެއް ހުށައެޅިގެންދިޔުމުގެ ސަބަބަކަށް ވެގެންދާ ކަމެކެވެ.

ޢިޔާޟު (2011) އިތުރަށް ބަޔާންކުރާ ގޮތުގައި މާތްﷲ އެކަލާނގެ އަޅުތަކުންގެ ޙާލު މޮޅަށް ދެނެވޮޑިގެންވާތީ ފިތުނަ އާއި ފަސާދައަށް އިންސާނާ ހިނގައިދާނެ ހުރިހާ ދޮރެއް ވަނީ ބަންދު ކުރަށްވާފައެވެ. ޒިނޭއާ ގާތް ނުވުމަށް ވަނީ އަމުރުކުރައްވާފައެވެ.ފިރިހެނުންގެ ބެލުން ތިރިކުރުމަށް ފިރިހެނުންނަށް އަމުރުކުރެއްވިފަދައިން އަންހެނުންނަށްވެސް އެކަނބަލުންގެ ލޯތައް ތިރިކުރުމަށް ވަނީ އަމުރުކުރައްވާފައެވެ. އަދި އަންހެނުންގެ ޒީނަތްތެރިކަން ފާޅުނުކުރުމަށާއި، ހިލޭފިރިހެނުންނަށް އަޑު އިވޭ ހިސާބުގައި ތުއި އަޑުން ވާހަކަ ނުދެއްކުމަށާއި، އަންހެނުންގެ ފައިގެ ތަކަހޮޅީގެ އަޑު އިއްވުމަށްޓަކައި ބިމުގައި އެކަނބަލުންގެ ފައިން ނުޖެހުމަށް ވަނީ އަމުރު ކުރައަވާފައެވެ.

އަދި އިސްލާމްދީނުގައި ވަނީ އަންހެނުން މަޙުރަމަކާ އެކުނޫނީ ދަތުރު ނުކުރުމަށާއި، ހިލޭ ފިރިހެނުންނާ އެކަހެރި ނުވުމަށާއި، ވަސްގަދަ އަތަރާއި ސެންޓު ޖަހައިގެން ފިރިހެނުންގެތެރެޔަށް ނިކުމެ ނޫޅުމަށް އަމުރުކުރަށްވާފައެވެ. މިހުރިހާ ކަމެއްވެސް އަންގަވާފައިވަނީ މުސްލިމު އަންހެނާގެ ކަރާމަތާއި ޢިތްޒަތް ވެއްޔާމޮޑެވިގެން ދިޔަނުދިނުމަށްޓަކައެވެ. ކެހިވެރިންގެ އަނިޔާވެރި ވަކިތަކުން އަންހެނާ ޙިމާޔަތްކުރުމަށްޓަކައެވެ.

މާތްﷲ ރުއްސުންލެއްވި ޢުޤުބާ ބިން ޢާމިރު ގެ ކިބައިން ރިވާވެގެންވެއެވެ . ހަމަ ކަށަވަރުން ސަލާމާއި ޞަލަވާތް ލެއްވީ ކީރިތި ރަސޫލާ ޙަދީޡް ކުރެއްވިއެވެ”( إِيَّاكُمْ وَالدُّخُولَ عَلَى النِّسَاءِ فَقَالَ رَجُلٌ مِنْ الْأَنْصَارِيَارَسُولَ اللَّهِ أَفَرَأَيْتَ الْحَمْوَقَا لَالْحَمْوُالْمَوْتُ ) ”މާނައީ: ތިޔަބައިމީހުން (ހިލޭ ) އަންހެނުންގެތެރެޔަށް ވަދެ އުޅުމުން ދުރުވެ ރައްކާތެރިވެތިބޭހުށިކަމެވެ. އެހިދު އަންޞާރިއްޔަ ބޭކަލަކު ދެންނެވިއެވެ ” ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އޭނާގެ އަޚާގެ އަންހެނުންގެގާތަށް ވަދެނިކުމެ އުޅުމާއިމެދު ދެކެވަޑައިގަންނަނީ ކިހިނެއްހެއްޔެވެ؟”ޙަދީޡްކުރެއްވިއެވެ”ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އަކީ މަރެވެ” “[35]މީގެ މާނަކީ އެއީ ހަލާކެވެ. އެއީ ނުރައްކާ ކަމެކެވެ.

ބަޔާންވެ ދިޔަ ޙަދީޘުން ސާބިތުވެ އެނގޭ ގޮތުގައި ބައެއް ދިވެހިން ލޯބިވެގެން ރައްޓެހިވެގެން އުޅޭ ވައްތަރަށް ގައިގޯޅިވެ ދެކުދިން ބީހި ހެދުމަކީ އެއްގޮތަކަށްވެސް މާތްވެގެންވާ އިސްލާމްދީނުގައި ހުއްދަކަމެއްނޫނެވެ. އަދި ކިއެއްތޯއެވެ. ޕިކްނިކު ދަތުރުތަކާއި އަދި މިނޫނަސް ދުރުދަތުރުތައް ކުރުމަކީ ވެސް ބައެއް ދިވެހިން ކަށީގައި ހިފާފައި ވާކަމެއް ކަމުގައި ވިއަސް ހިލޭއަންހެނަކާ ފިރިހެނަކު އެފަދަ ގުޅުމެއް ހިންގައިގެން ނުވާނޭކަން މިއޮތީ ކަށަވަރުވެ އެނގޭށެވެ.

ދެމީހަކު އެތައްދުވަހަކު ރައްޓެހިވެގެން އިންނަ އިނުމާއި ދެފަރާތުގެ ޢާއިލާގެ މީހުންގެ މެދުގައި އެއްބަސްވެގެން ކާވެނި ކުރުމުގައި ހުރި ތަފާތަކީ ކޮބައިތޯ ޢާއްމު ތިންފަރާތަކާއި ސުވާލު ކުރެވުނެވެ. މިގޮތުން މީހަކާ ނުއިނދެ ހުރި ފުރާވަރު ޢުމުރުގެމީހާ ބުނާ ގޮތުގައި ދެކުދިންގެ މިޒާޖާއި ޠަބީއަތު ރަނގަޅަށް ދެނެގަނެވޭނީ ދެމީހުން ގިނަދުވަހު ރައްޓެހިވެގެން އުޅެލުމުންނެވެ. އަދި ދުވަސްވީވަރަކަށް މިގުޅުން ހަރުދަނާވެ ލޯބިގަދަވެގެންދާނެއެވެ.

މެދު ޢުމުރުގެ މީހާބުނާގޮތުގައި ޢާއިލާގެ މީހުން އެމީހުންގެ އަމިއްލަ ފައިދާއަށްއަށާއި އެމީހުންނާއި އެބަޔަކާދެމެދު އޮންނަ ގުޅުމަށްވެސް ވިސްނާފައި އެބަހުއްޓެވެ. ކަންމިހެން ދިމާވުމުން ކާވެނިވާ ދެމީހުންނަށް ޢާއިލާ ރޭވުމާއި ދިރިއުޅުމުގެ ކަންތައްތައް ކުރިޔަށްގެންދާނޭގޮތް ރޭވުމަށް ހުރަސްތަކަކާއި ކުރިމަތިވުމަކީ ގާތްކަމެކެވެ.

ނަމަވެސް ދުވަސްވީ މީހާ ބުނާ ގޮތުގައި ޢާއިލާގެ މީހުންނަށް އެނގި ދަސްވެ ދެހަރާތުގެ ރުހުމާއެކު ކުރެވޭކައިވެނި މާގިނަދުވަހަށް ދެމިގެންދާނެއެވެ. އަދި މީގެ ސަބަބުން ބަދަހި ޢާއިލާއެއް އުފެދި އެކުވެރިކަމާ އަޚުވަންތަކަމާއެކު އުފާވެރިދުވަސްތަކެއް ކަޑައްތު ކުރެވެމުން ދެއެވެ.

 ދިރާސާއާއި މެދު އަމިއްލަ ޚިޔާލު

އާއްމު ދިވެހިންގެ ޚިޔާލުތަކާއި ރަސްމީފަރާތްތަކުން ހޯދި މަޢުލޫމާތާއި އަދި އެކިއެކި ޢިލްމީ ލިޔުންތަކުން ލިބުނު މަޢުލޫމާތުގެ އަލީގައި ވިސްނޭ އެއްޗެއް ކިޔުންތެރިންނަށް ޙިއްސާ ކޮށްލާނަމެވެ. ކޮންމެއަކަސް އެގެން އޮތް ހަޤީޤަތަކީ މިރާއްޖޭގައި ކާވެނި ކުރުމުގައި އިސްލާމްދީނުގައި އަންގަވާފައިވާ ކަންތައްތަކަށް ބައެއްފަރާތްތަކުން ފަރުވާ ކުޑަކުރަމުން ދާކަމެވެ. ނުވަތަ އެގޮތަށް އެކަން ކުރަނުން ނުދާކަމެވެ.

ނިކާޙް ނާމާ (ކާވެނީގެ އެގުރިމެންޓް) ވަރަށްގިނަބަޔަކު ނުލިޔާކަމެވެ. ނިކާޙު ނާމާ ލިޔާނަމަ ކާވެނި ކުރުމަށް ފަހު އެއްވެސް މައްސަލައެއް ޖެހުމަކީ ނާދިރުކަމެކެވެ. އަދި މައްސަލައެއްޖެހުނަސް އެމައްސަލަ ހައްލުކުރަންވެސް ފަސޭހަވާނެއެވެ. ކާވެނީގެ ނިކާޙު ނާމާ އަކީ މަހެބޫބު (ގްރޫމް) އާއި މަހެބޫބާ (ބްރައިޑް) ގެ މެދުގައި ވެވޭ އެގުރީމެންޓެކެވެ. މިއެގުރިމެންޓްގައި އަންހެންމީހާއަށް އޭނާ ބޭނުން ކޮންޑިޝަންތަށް ލެވިދާނެއެވެ.  މިސާލަކަށް “އަންހެންމީހާ ގަދަވެ ހެޔޮހާލުގައި، ފިރިމީހާގެ ޙއްޤުތަށް ގަވާއިދުން ކުރަމުންދާއިރު ފިރިމީހާއަށް އެހެން ކާވެއްޏެއް ނުކުރެވޭ ގޮތަށްވެސް ހެދިދާނެއެވެ. ނުވަތަ އެއްވެސް ސަބަބަކާއި ނުލައި ވަރިކުރެވޭނީ ތިންކޮޓަރީގެ ގެއެއް ދިނުމަށް ފަހުގައި ކަމަށްވެސް ހެދިދާނެއެވެ. މިއީ ކާވެނީގެ އަޤުދުގައި ހިމެނިދާނެ ހަލާލު ކަންތަކެވެ. ހަމަމިގޮތަށް ފިރިހެން މީހާއަށްވެސް އޭނާ ބޭނުން ކަންތަށް އޭގައި ހިމެނިދާނެއެވެ.

ފިރިހެނަކު އަންހެނަކާ ނުވަތަ އަންހެނަކު ފިރިހެނަކާ ގާތް ކަމެއްބާއްވަނީ ދެބޭނުމެއް އޮވެގެން ކަމުގައި ބައެއްމީހުން ޤަބޫލުކުރެއެވެ. މިގޮތުން އެއްގޮތަކީ ރަނގަޅު އުފާވެރި ދިރިއުޅުމެއް އުޅުމެވެ. ދެވަނަގޮތަކީ ކޮންމެވެސް (އެކަހެރި) ގުޅުމެއްގެ އުއްމީދުގައެވެ. އެގޮތަށް އެކަންވަނީ ދިވެހިރާއްޖޭގައިވެސް ވަޒީފާގެ މާހައުލުތައް އަންހެނުންނަށް ސަލާމަތްތެރިމާހައުލުތައް ކަމުގައި ނުވާތީކަމުގައިވެސް ބައެއްފަހަރަށް ބެލެވެއެވެ.

ދިވެހިންގެ ތެރޭގައިވެސް ހުޅަގުނގެ ގޮތްތައް ކޮޕީކޮށް ކާވެނި ކުރުމުގެ އެދުން ހާމަކުރުމުގެ ގޮތުން ޑީޖޭ ބޭއްވުމާއި ރަންކިޔުމުގައި ފައިސާގެ އަދަދުވެސް ތާރީކުތަކާއި ގުޅުވައިގެން ކިޔުމާއި، ވަކިދުވަހެއް އަންނަންދެން ކައިވެނިކުރަން ބޭނުންވާ ދެކުދިން އިންތިޒާރިގައި ތިބުން ހިމެނެއެވެ. މިސާލަކަށް އާއަހަރު ފެށޭދުވަސް އަންނަންދެން އެތައްމަސްދުވަހެއްވަންދެން ކައިވެނިކުރަން ބޭނުންވެ އެހެންނަ،ަވެސް އެކަން ނުކޮށް ތިބެދާނެއެވެ. މިމުއްދަތުގައިވެސް ބަދުއަޚުލާޤީ އެތައް ޢަމަލެއް ދެކުދިންގެ މެދުގައި ހިނގާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޚިޠުބާގައި ފާހަގަ ކުރެވޭ އަނެއްކަމަކީ ފިރިހެނާގެ ޙައިޘިއްޔަޔތާއި ނުގުޅޭ ރަނެއް ކިއުމެވެ. މިއީ މަދުންނަމަވެސް ދިވެހިން ކުރަމުން އަންނަ ކަމެކެވެ. ކުފޫހަމަވުމަކީ އިސްލާމްދީނުގައި އޮންނަކަމެކެވެ. ނަމަވެސް މިކަމަށްވެސް ދިވެހިންގެ ތެރޭގައި އެންމެ އެދެވޭގޮތުގައި ރިޢާޔަތްކުރެވިފައި ނުވާކަން ފާހަގަކުރެވެއެވެ.

މިކަރުދާހުގައި ބަޔާންކުރެވިފައިވާ އަންހެންކުއަޖަކާ ކާވެނިކުރުމުގެ ނިޔަތް ހާމަކުރުމަށް އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ދިވެހިންގެތެރޭގައި ރަސްމީ ސިފައެއްގައި ގިނަކަންތައްތަކެއް ކުރެވެމުން ދެއެވެ. އަދި ޢާއިލާ އާއި ބެހޭ ޤާނޫނުގައި ރަސްމީކޮށް ކާވެނީގެ އަޤުދު ކުރެވޭނެ ގޮތްތަކާއި އެކަންކުރުމަށް އޮންނަ މަގުތައް ވަރަށް ރަނގަޅަށް ބަޔާންކޮށްދެވިފައި ވެއެވެ. އަދި އިސްލާމީ އުޞޫލުތަކާއި ޚިލާފަށް ވެވޭ އެއްވެސް ކާވެންޏެއް ދިވެހިރާއްޖޭގައި ހުއްދަވެގެންނުވާކަމަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ކަނޑައެޅި ބަޔާންވެފައި ވެއެވެ. މަނަވެސް އަންހެންކުއްޖަކާ ކައިވެނިކުރުމުގެ އެދުން ފާޅުކުރުމުގައި އިސްލާމީ އުޞޫލުތަކާއި ޚިލާފަށް ވަރަށްގިނަ ދިވެހި ޒުވާނުން ޢަމަލުކުރަމުންދާކަމުގައި ދިރާސާއިން ފާހަގަކުރެވިފައިވެއެވެ.

 ނިންމުން

މިބަޙުޘް ލިޔެނިންމާލުމުގައި އަޅުގަނޑަށް މިކަމުގެ ހެޔޮތަޢުފިޤު މިންވަރުކުރެއްވި ހުސްޠާހިރުވަންތަ މާތްﷲއަށް ޙަމްދާއި ޝުކުރު ކުރަމެވެ. މިފަދަބޮޑު މަސައްކަތެއް ކުރުމުގެ ހިތްވަރު އަޅުގަނޑަށް ލިބިގެންދިޔަ އެއްސަބަބަކީ ކޯހުގައި ފިޤުހުލްއުސްރާގެ ގަޑިތައް ނަންގަވައިދެއްވި އުސްތާޛް އިބުރާހީމް ކަރިއްޔާ މޫސާ ގެ ސަބަބުންނެވެ. މިކަމަށްޓަކައި އެއުސްތާޛަށް ހިފެހެއްޓުމެއްނެތި ޝުކުރުދަންނަވަމެވެ.

މިކަމުގައި ވަރަށްގިނަފަރާތްތަކާއި ބައްދަލުކޮށްގެންނާއި ފޯނުން ނަޢުލޫމާތު ހޯދިފައިވާނެއެވެ. ބައެއްކަހަލަ މަޢުލޫމާތުތަކަކީ ޚާއްޞަކޮށް އަންހެންބޭފުޅުން ހާމަކުރައްވަން ލަދުވެތިވެލެއްވި މަޢުލޫމާތު ތަކެކެވެ. ނަމަވެސް އެ ލަދުވެތިކަމާއެކުވެސް އަޅުގަނޑަށް އެއްބާރުލުންދެއްވީތީ އެހުރިހާ ފަރާތްތަކަށް އުފަލާއެކު ޘުކުރުދަންނަވަމެވެ. އަޅުގަނޑުގެ ދުޢާއަކީ މިކުޑަބަޙުޘްގެ ސަބަބުން މިރޮނގުން މަޢުލޫމާތުހޯދަންބޭނުންވާ ދިވެހިންނަށް ފައިދާތަކެއްލިބި ހެޔޮގޮތްތަކެއް މިންވަރުކޮށްދެއްވުމެވެ. އަދި ޢިލްމީ ހިޔާއިން އަޅުގަނޑުމެންގެ ހިތްތަކަށް ފިނިކަން ލިބިދެއްވާށި! އާމީން

 ރިފެރެންސްފޮތްތައް:

فقه السنة ލިޔުއްވީ: އައްޝައިޚު ސައްޔިދު ސާބިޤު ޗާޕްކުރީ: ދާރުލް ފަތުޙު (1998) ފުރަތަމަ ޗާޕް

سبل السلام فى شرحبلوغ المرام ލިޔުއްވީ: محمدبن إسماعيل الصنعاني ޗާޕުކުރީ: ދާރުލްކިތާބިލް ޢަރަބީ (1999) ތޭރަވަނަ ޗާޕް

موسوعةابنتيمية ލިޔުއްވީ: ޑަކްޓަރ މުޙައްމަދު قلعةجىޗާޕްކުރީ: ދާރުއްނަފާއިސް (1998) ފުރަތަމަ ޗާޕް

الأحوال الشخصية ލިޔުއްވީ: އިމާމް މުޙައްމަދު އަބޫޒުހުރާ ޗާޕްކުރީ: ދާރުލްފިކުރިލް ޢަރަބީ (1957) ތިންވަނަ ޗާޕް

الموسوعةالفقهية އެކުލަވައިލެއްވީ: وزارةالأوقافوالشئون الإسلامية  ޗާޕްކުރީ: ޠަބުޢަތު ޛާތު ސަލާސިލް (1990) ދެވަނަ ޗާޕް

الفقه الإسلامي وأدلته ލިޔުއްވީ: الدكتوروهبةالزحيلي ޗާޕްކުރީ: ދާރުލް ފިކުރި (1989) ތިންވަނަ ޗާޕް

روضةالطالبين ލިޔުއްވީ: އިމާމް ނަވަވީ ޗާޕްކުރީ: ދާރުލް ފިކުރު (1995) ފުރަތަމަ ޗާޕް

كتاب المجموع شرح المهذب ލިޔުއްވީ: އިމާމްނަވަވީ ޗާޕްކުރީ: ދާރު އިޙްޔާއިއް ތުރާޘިލް ޢަރަބީ (1995) ފުރަތަމަ ޗާޕް

الإنصاف ލިޔުއްވީ: ޢަލާއުއްދީންއަބުލްޙަސަން ޢަލީ ބިން ސުލައިމާން އަލްމަރުދާވީ ޗާޕްކުރީ: ދާރު އިޙްޔާއިއްތުރާޘިލް ޢަރަބީ (1998) ފުރަތަމަ ޗާޕް

مجموعالفتاوىلإبنتيميةމުއައްލިފު: ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ، ޗާޕްކުރީ: ދާރުލްވަފާއި (2001) ދެވަނަ ޗާޕް

نيلالأوطارލިޔުއްވީ: އަލްއިމާމް ޝައުކާނީ ޗާޕްކުރީ: ދާރުލް ކުތުބުލް ޢިލްމިއްޔާ (1995) ފުރަތަމަ ޗާޕް

ޑޮކްޓަރ މުޙައްމަދު ޢިޔާޟު ޢަބުދުއްލަޠީފް އަންހެންކުއްޖަކާ ލޯބީގެ ގޮތު ގުޅިގެން އަތުގައި ހިފުމަކީ ކޮންކަހަލަ ކަމެއްތޯ؟ 21 މާރޗް 2011، ރާއްޖެ އިސްލާމް ޑޮޓްކޮމް (ނަގާފައިވަނީ: 26 ޑިސެމަބަރ 2011)[1]– تهذيب اللغة 7|112

[2]–  لسان العرب 4|134

[3]–  فقه الإسلام وأدلته 7|10

[4]–  فقهالسنة 2|299 (معتعليقالشيخالألباني)

[5]–  المرجعالسابق2|300

[6]–  فقهالإسلاموأدلته 7|10

[7]–  رواهالترمذيوالنسائي

[8]–  الأحوال لشخصيةللإمام أبوزهرةص 26

[9]–  އަޖުނަބީ އަންހެނެކޭ ބުނުމުން އޭގެމުރާދަކީ މަޙުރަމެއްކަމުގައި ނުހިމެނޭ ކޮންމެ އަންހެނެކެވެ. ކާވެނީގެކުރިން އަނބިމީހާވެސް ހިމެނޭނީ މިބައިގައެވެ. ކާވެނީގެ ފަހުގައި އޭނާއަކީއަޖުނަބީ އަންހެނެއްނޫނެވެ. އެކަމަކު ވަރިކުރުމަށްފަހު އަނެއްކާވެސް އޭނާބެލެވޭނީ އަޖުނަބީ އަންހެނެއްކަމުގައެވެ.

[10]– فقه الإسلاموأدلته 7|18

[11]– موسوعةابن تيمية 2|1258

[12]– مجموع لفتاوى 21|251

[13]– سبلالسلام 3|242

[14]– الإنصاف 8|19

[15]– نيلالأوطار 6|118

[16]– روضةالطالبين 6|16

[17]– فقه الإسلام وأدلته 7|22

[18]– سبل السلام 3|240  ޞަންޢާނީވިދާޅުވެފައިވެއެވެ. “މިޙަދީސުގެސަނަދުގައިހިމެނެނީހުސްޘިޤާތުއެވެ.”

[19]– أرواءالغليل 6|200

[20]– الإنصاف 8|15

[21]– كتابالمجموع 17|213

[22]– روضةالطالبين 6|15 މިރައުޔުބަޔާންކުރެވިފައިވާ ފޮތަކީ شرحمختصرالجوينيއެވެ. ފިރިހެނަކުފިރިހެނަކަށް ބެލުމުގައި ޙަރާމްވެގެންވާ މިންވަރަކީ ފިރިހެނާގެޢައުރަކަމުގައި ހިމެނޭ ހިސާބަށް ބެލުން ހުއްދަވެގެންނުވުމެވެ. އެހިސާބަކީފޫޅާއި ކަކުލާއި ދޭތެރޭގައި ހިމެނޭ މިންވަރެވެ.

[23]– أحوالالشخصيةللإمامأبوزهرةص27 ޙަނަފީމަޛުހަބުގައި އަންހެނާގެ ފައިތިލަ ޢައުރަކަމުގައި ނުހިމެނޭކަމަށް ބުނާރައުޔެއް ވާރިދުވެފައިވެއެވެ.

[24]– فقهالإسلاموأدلته 7|18

[25]– الموسوعةالفقهية 19|200

[26]– فقه الإسلام وأدلته 7|23

[27]–  އެއީ އެކަލޭގެފާނު ބަނީސުލައިމާގެ އަންހެނަކާ ކައިވެނިކުރެއްވުން އަދައިގެން އެކަނބުލޭގެއަށް ބެއްލެވި ވާހަކައެވެ.

[28]– فقه السنة2|347[28]

[29] – މުޙައްމަދު އިސްމާޢީލް ދީދީ (ޕިރާޑުގެ ޤަލަމުން ދިވެހިރާއްޖެ) މަލަސް 55 ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖުލިސް 1995 ދިވެހިރާއްޖެ

[30] – މުޙައްމަދު އިސްމާޢީލް ދީދީ (ޕިރާޑުގެ ޤަލަމުން ދިވެހިރާއްޖެ) މަލަސް 55 ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖުލިސް 1995 ދިވެހިރާއްޖެ

[31] – ފެމިލީ ކޯޓް ޤަވާޢިދު، ފެމިލީކޯޓް މާލެ، ދިވެހިރާއްޖެ

[32] – އަލްމާޢިދާ 1

[33] – އަލް އިސްރާ 34

[34] – އަލް އިސްރާއު 23

[35] – ( ބުޚާރީ : ޙަދީޡް ނަމްބަރު : 4831)

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

7/7/17 ، ރީތިތާރީޚެއްގައި ގިނަ ކައިވެނިތަކެއް.

މިއަދަކީ މިއަހަރު އަންނާނެ ރީތި ތާރީޚްތަކުގެ ތެރޭން ރީތި ތާރީޚެކެވެ. މިއަދަކީ 7 – 7 – 17 އެވެ. …

ޚިޔާލެއްދެއްވާ

avatar
ޢަބްދުﷲ
ޢަބްދުﷲ

ވެބްކަމްޖައްސައިގެން އިންޓަރނެޓް ބޭނުންކޮށްގެންވެސް ލަދުވެތިގުނަވަންތައް ދައްކައިގެން ޝަހުވާނީ އެދުން ފުއްދަމުންދާކަމުގައި ޢުލޫމާތު ސުވާލުކުރެވުނު ފަރާތްތަކުން ދީފައި ވެއެވެ. މީގެ ސަބަބުން ކައިވެނި ކުރުމުގެކުރިން ނުހަލާލަށް ބަލިވެއިނދެ ކުދިން ވިހާފައިވާލެއްވެސް ވަރަށް ގިނަކަމަށް އެފަރާތްތަކުން ފާޅުކުރައްވާފައިވެއެވެ( އެއީ ވެބްކެމް ބޭނުންކުރުމުންތޯ؟)

wpDiscuz