އަނގޮޓި

 

މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ކުރު ވާހަކައެކެވެ.

އޭނާއަކީ މިހާރު އަހަރެންގެ އެކުވެރިއެއް ނޫނެވެ. އެހެނަސް އަހަރެންގެ ކުޑައިރުގެ ވަރަށް ގާތް އެކުވެރިއެކެވެ. އެކީގައި އެކިއެކި ގުރޫޕު ހަދައިގެން ވަރަށް ފޯރީގައި މަޖާ ނެގި ދުވަސްތައް މިހާރުވެސް ކޮންމެވެސް ވަރަކަށް ހަނދާނުގައި ކޮށްޓާލައެވެ. އެއީ މީގެ ގާތްގަނޑަކަށް 14 ވަރަކަށް އަހަރު ކުރިއެވެ. އަހަރެންގެ ރައްޓެހިންގެ ޢަދަދު އެހާ ގިނަ ނޫންކަމުގައިވިޔަސް އަބަދުހެން އުޅޭނީ ދެތިން ކުދިންގެ ގުރޫޕެއް ހަދައިގެންނެވެ. ގުރޫޕާއި އެކުގައި ބޭރުގައި އުޅެފައި ގެއަށް އައިތަނާހެން މަންމަ ގޮވާލިއެވެ.

އެދުވަހު މަންމަ އަހަރެންނަށް ވަރަށް ރީތި ހަދިޔާއެއް ދިނެވެ. އަހަރެން ވަރަށް އުފަލުން ހުރެ މަންމައަށް ޝުކުރުވެރިވަމުން އެ ދިން ރިހި އަގޮނޓި ކުޑަވާ އިނގިލީގައި އަޅާލީމެވެ. އެއީ “އެސް” އަކުރަކުން ޑިޒައިން ކޮށްފައިވާ ރީތި އަނގޮށްޓެކެވެ. ކޮންމެއަކަސް އަހަރެން އެ އަނގޮޓި ގެންގުޅުނީ ނުހަނު ލޯބިންނެވެ. މަންމަގެ ހަނދާނެއް އަބަދުވެސް އަހަރެންގެ އަތުގައި އޮތުމަށް ބޭނުންވާތީއެވެ.

ނަމަވެސް ނަސީބު ދިމާކުރިގޮތުން އަހަރެންގެ އެ ޚާއްސަ އަގޮނޓި ވީނުވީއެއް ނޭނގި ކުއްލިއަކަށް އެއްދުވަހަކު ގެއްލިއްޖެއެވެ. އެ އަނގޮޓި ގެއްލުނުކަން ހުދު އަހަރެންނަށް އެނގުނީވެސް މަންމަ އައިސް ވަރަށް ހިތްހަމަނުޖެހިފައި ކުރި ސުވާލަކުންނެވެ. ” މިހާރު މަންމަ ދިން އަނގޮޓި އެ މަންޖެއަށް ދިނީދޯ؟ ” އަހަރެން ހުރީ ފުރަތަމަ ބުނާނެ އެއްޗެއް ނޭނގިފައެވެ. މަންމަ އެ ކިޔަނީ އަހަރެންގެ އެކުވެރިޔާގެ ވާހަކައެވެ. އޭނާއަށް އަހަރެން އެ އަގޮނޓި ދޭންވީ އެއްވެސް ސަބަބެއް ނުވިސްނުނެވެ. އަހަރެން އަވަސްވީ ގޮތަކަށް ކުޑަވާ އިނގިއްޔަށް ބަލައިލީމެވެ. ވަރަށް ދެރައެވެ. އަނގޮށްޓެއް ނެތެވެ. ކޮޓަރިއާއި ގޭގެ ހުރިހާ ތަނެއް އަތްފުނާ އަޅައިގެން ބެލީމެވެ. އެއްތާކުންވެސް ނުފެނުނެވެ.

” މަންމާ… މި އުޅެނީ އެ އަނގޮޓި ގެއްލިގެން” އަހަރެން ވަރަށް ޖެހިލުންވެ ހުރެ ބުނީމެވެ. ” ނުވާނެ އެހެނެއް… ތިޔަ އުޅެނީ މިހާރު އެމަންޖެއަށް އެ އަނގޮޓި ދީގެން އެ ގެއްލުނީ ކަމަށް ހަދައިގެން… މަންމަ ދެކުނީމޭ މިއަދު އެ އަނގޮޓި އެ މަންޖެ އަތުގައި އަޅާފައި އޮތްވާ!”. މަންމަ އަހަރެން ދެއްކި އެއްވެސް ވާހަކައެއް އެވަގުތަކު ޤަބޫލެއް ނުކުރިއެވެ. އަހަރެން އިތުރަށް މަންމައަށް ކަންވީގޮތް ކިޔަދޭކަށް ބޭނުމެއް ނުވިއެވެ. އެހެނަސް ވަރަށް ދެރަވެ ފިކުރު ބޮޑުވިއެވެ.

އަހަރެންގެ ހަނދާނަށް އައީ އަގޮނޓި ގެއްލުނު ދުވަހުގެ ކުރީ ރޭގެ މަތިންނެވެ. އެރޭ އެކުވެރިޔާގެ އެދުމުގެ މަތިން އޭނާގެ ގޭގެ ދޮރުމަތީގައި ހުންނަ ގޭގެ ވަށާފާރުމަތީގައި ވާހަކަ ދައްކާލަން އަހަރެން މަޑުކޮށްލީމެވެ. އެއީ އަހަރެމެންގެ އާދައެކެވެ. އަބަދުވެސް އެދުވަހަކު ދިމާވާ ކަންތައްތަކުގެ ވާހަކަ ޚުލާސާކޮށް ދައްކާ ސަމާސަކޮށްލާ ވަގުތުކޮޅަކީ އެއީއެވެ.

އެންމެފަހުން އެ އަނގޮޓީގެ ޚަބަރު ބެލުމަށްޓަކައި އަހަރެން އެކުވެރިޔާއާއި ބައްދަލު ކުރީމެވެ. އަގޮނޓި ވާހަކަ އެހުމުން އޭނާ ބުނީ އެއީ ކޮންމެވެސް ތަނަކުން ހޯދި އެއްޗެއް ކަމަށެވެ. އެހެނަސް އެ އަނގޮޓިއެއް އޭރަކު އޭނާގެ އަތަކު ނެތެވެ. ފަހުން ކަންތައް ވީގޮތް އަހަރެންނަށް ވިސްނުނެވެ. މަންމަގެ ވާހަކައިންނެވެ. މަންމަ އެކަން ވީގޮތް ސާފުކުރިއެވެ. އެއީ އެކުވެރިޔާގެ މަންމަގެ ފަރާތުން މަޢުލޫމާތު ހޯދައިގެންނެވެ. އެކުވެރިޔާ މަންމަ ބުނާގޮތުން އެއީ މީގެ ކުރިންވެސް އެކުވެރިޔާގެ އަތުގައި އޮންނަ ރިހި އަނގޮޓިއެކެވެ. މިވީ ކިހިނެތް ހެއްޔެވެ؟ ކިހާ މަޖާ ހަމަނުޖެހޭ ވާހަކައެއް ހެއްޔެވެ؟

ދެމައިން ކީ އެއްޗެއް ދިމައެއް ނުވިއެވެ. އެހިސާބުން އަހަރެންނަށް އަދި މަންމައަށްވެސް ކަށަވަރުވީ އެއީ ހަމަ އެ އަނގޮޓިކަމަށެވެ. އެކުވެރިޔާ އޭގެ ފަހުން އެގޮނޓިއެއް ނާޅައެވެ. ވެދާނެވެ. އަހަރެމެންނަށް އެކަން އެނގުމުން އިތުރަށް އެވާހަކަ ދައްކަފާނެތީ އެކަން ފޮރުވުމަށްޓަކައި އެ އަނގޮޓި ވިއްކާލިއެވެ. އެކުވެރިޔާ އަހަރެންނާއި ދުރުވީ އެހިސާބުން ފެށިގެންނެވެ. ކުޑަ އެހެނަސް އަގުބޮޑު އަނގޮޓިއެއްގެ ސަބަބުންނެވެ. އެންމެ ދެރަވީ އަނގޮޓިއާއެކު އެކުވެރިޔާވެސް އަހަރެންނަށް ގެއްލުމުންނެވެ. އެކަމަކު ފަހުން ހިތަށް އެރިއެވެ. “މިކަހަލަ މަކަރުވެރި އެކުވެރިއަކު ކައިރީގައި ހުންނަ ނަމަ އަދި މިއަށްވުރެ ބޮޑެތި ކަންކަމާއިވެސް ކުރިމަތި ލާންޖެހިދާނެ! މިއަދު މަކަރު ހަދައި އޮޅުވާލިޔަސް އަދި ކޮންމެވެސް ދުވަހަކުން އެ އަނގޮޓީގެ ޙަޤީޤަތްވެސް ހާމަވާނެތާ..”.   ފަހުން އަހަރެން އެކަކު ކައިރީވެސް އެވާހަކައެއް ނުދައްކަމެވެ. އެއީ ސިއްރުވާހަކައެކެވެ. ކާކުތޯ ބެލުމުގެ ބޭނުމެއް މިހާރަކު ނެތެވެ.    (ނިމުނީ) 

ލިޔުނީ: އިބްރާހިމް ޝާމިލް

އިބްރާހިމް ޝާމިލް އަކީ ޒުވާން ލިޔުންތެރިއެކެވެ. ޢާއްމުކޮށް ލިޔެއުޅެނީ ތަފާތުވައްތަރުގެ ވާހަކައެވެ. އަދި މުޖުތަމަޢުގެ ޙާލަތާ ގުޅޭގޮތުން މަޒުމޫނާއި ، ޅެންވެސް ހައްދަވާ އުޅުއްވައެވެ.

ޚިޔާލެއްދެއްވާ

avatar