އދގެ ހިއުމަން ރައިޓްސް ކޮމެޓީން ނިންމި ނިންމުންތައް ސަރުކާރުން ބަލައެއް ނުގަތް.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އދގެ ހިއުމަން ރައިޓްސް ކޮމެޓީއަށް ހުށަހެޅުއްވި މައްސަލައާގުޅޭގޮތުން އެ ކޮމެޓީން ނިންމި ނިންމުންތައް ބަލައިނުގަންނަ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބުނެފައިވާ ހުރިހާ ޙައްޤުތަކެއް ނަޝީދަށް ދީފައިވާނެކަމަށެވެ. ނަމަވެސް ހުކުމް ތަންފީޒްކުރަމުންދާ އެއްވެސް މީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ޤާނޫނުތަކުން ލިބިދީފައި ނުވާކަމަށާ އެހެންކަމުން ނަޝީދަށް ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަދު ޤާނޫނީ ހަމަތަކުގެމަތިން ލިބި ނުދެވޭނެކަމަށެވެ. އަދި ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެތޯ ނުވަތަ ނޫންތޯ ނިންމާނީ އދގެ ހިއުމަންރައިޓްސް ކޮމެޓީން ނޫންކަމަށާއި، އެކަން ނިންމާނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ރާއްޖެއާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާއަތްތަކާއިއެކު މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ތައްޔާރަށް އޮތްކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ. އަދި ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހަދާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ދޭކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz