ކޮމަންވެލްތުގެ ބަހަށް ބޯނުލަނބާނަމަ…………!

މުޅިރާއްޖެ ސިޔާސީވެއްޖެއެވެ. އިސްލާމް ދީނުގެ ދިފާޢުގައި ނޫނީ އެއްވެސް ސިޔާސީ ބޭފުޅަކު ބަސްފުޅު ވިދާޅެއްނުވެއެވެ. ކޮންމެ ފަދަ ވާހަކައެއް ދައްކަމުންވެސް ދީނާ ގުޅުވާލައެވެ. އިޒުރޭލްގެ ޔަހޫދީންނަކީވެސް ހަމަ އަހަރެމެން ފަދަ އިންސާނުންކަމާއި، އެމީހުންވެސް ދުނިޔެއަށް ފޮނުވެއްވެވީ ﷲ ސުބުހާނަހޫ ވަތަޢާލާ ކަމަށް ބުނެ އެމީހުންގެ ދިފާއުގައިވެސް ވާހަކަ ދައްކައެވެ. އަދި ބުނެއެވެ. މުސްލިމުންނަކީ އެއްބަޔަކު އަނެއްބަޔަކަށް އަޅާލާ މީހުންނެވެ. އެމީހުންގެ ދުލުގެ ނުބައިކަމުންނާއި، އަތްފައިގެ ނުބައިކަމުން އެހެންމީހުންސަލާމަތް ވެގެންވާ މީހުންނެވެ.

އަޅުގަނޑުގެ އަސްލުމ މައުޟޫ އަކީ މިކީ ނޫނެވެ. ހިތުގައި އުފެދިފައިހުރި ޖަޒުބާތުތަކާއި، އެކިއެކި ޝުޢޫރުތައް ގިނަކަމުން މިވާހަކަވެސް ބުނެލެވުނީއެވެ. އާދެ. މިއަދު އިވެމުން މިދާ ވާހަކައަކީ 54 ޤައުމު އެޖަމާޢަތަކަށް ނިސްބަތްވާ ކޮަމަންވެލްތު ގެ ވާހަކައެވެ. އެމީހުންގެ ބަޔާންތަކާއި، ޤަރާރުތަކަށް ބޯނުލަނބާނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާވާހަކައެވެ. ދީފައިވަނީ 4 ހަފްތާގެ މުހުލަތެކޭވެސް ކިޔާއަޑު އިވެއެވެ. އެމީހުން އެންމެ ބޮޑަށް ޑިމާންޑު ކުރަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް ކަމަށްވެސް އަޑުއިވެއެވެ. އަދި އެންކްއަރީ ކޮމިޓީއަށް ބަދަލުގެނައުމަށްވެސް އެންމެފަހުން ނެރުނު ބަޔާނުގައި ބުނެފައިވެޔޯލައެވެ.

ވަރަށް ދެރައެވެ. ރާއްޖެއަކީ ވަރަށް ކުޑަޤައުމެކެވެ. ހަމަ އެކަނި ބިމުގެ ގޮތަކުންނޭނެވެ. މީސްކޮޅުވެސް މަދެވެ. ވަސީލަތްތައް މަދެވެ. އުފެއްދުންތެރިކަމެއް ނެތެވެ. ކޮންމެ ކަމެއްވެސް ބަރޯސާ މިވަނީ ފަތުރު ވެރިކަމުގެ މައްޗަށެވެ. މަހެއް ނުބެވެއެވެ. އެއަކުންވެސް އެއްޗެއް ލިބޭގޮތެއް ނުވެއެވެ. ކަންނެލި އޮޑިފަހަރުތައް ފަޅުގައި އަޅާފައި ބާއްވަން މިއަދު މިވަނީ ޖެހިފައެވެ. ދާ ޚަރަދަކާއި، ލިބޭ އެއްޗަކާ އެކަށީގެން ނުވާކަމަށް އެމީހުން އެދަނީ ބުނަމުންނެވެ.

ކޮމަންވެލްތަކީ ބޮޑު ޖަމާޢަތެކެވެ. އެއީ އެންމެވެސް ޤަބޫލު ކުރާ ޙަޤީޤަތެކެވެ. އެކަމަކު އެޖަމާއަތުން ސީދާ ގޮތުގައި ފައިސާ ގެ އެހީތައް ރާއްޖެއަކަށް ނުލިބެއެވެ. ފަންނީ އެހީތެރިކަމާއި، އެހެނިހެން ވެސް ބޮޑެތި އެހީތަކެއް އެޖަމާޢަތުން ސީދާ އެޖަމާޢަތުގެ ނަމުގައި ނުދެއެވެ. މިއީވެސް ޤަބޫލު ކުރަންޖެހޭކަމެކެވެ. މިހެން ކަން ހުރިކަމުގައިވިޔަސް މިއަދު ކޮމަންވެލްތުގެ މޫނުމަތީގައި ކޮޅުފައިން ޖަހާލެވޭހާ ހިތްވަރެއް ރާއްޖެއަކު ނެތެވެ.

ނިކަން ފިކުރު ކޮށްލައްވާށެވެ. އަހަރެމެން ގެ އިޤްތިޞާދު އެކަމަކަށް އެންމެ ބޮޑަށް ބަރޯސާވަމުން މިއަންނަ ފަތުރުވެރިކަމާމެދު ވިސްނާލައްވާށެވެ. ފަތުރުވެރިން އަންނަނީ ކޮންޤައުމު ތަކަކުންތޯއެވެ. އެންމެ ބޮޑު ހިއްސާއެއް ކުރާ އެއްޤައުމު ކަމަށްވާ އިގިރޭސި ވިލާތަކީ ކޮމަންވެލްތުގެ މަންމަ ނުވަތަ ބައްޕައެވެ. އެމީހުން އަޅާނީ ކޮންފިޔަވަޅެއްކަމެއް އަދި އަހަރެމެންނަކަށް ނޭންގެއެވެ. އެކަމަކު ރާއްޖެއަށް ދަތިކުރުމުގެ ގޮތުން އަޅާ ކޮންމެ ފިޔަވަޅަކުން ވެސް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއްނޫނެވެ. ފަހަރެއްގައި ކޮމަންވެލްތް މެމްބަރު ޤައުމުތަކުން ރާއްޖެއަށް ފަތުރު ވެރިން އައުން މަދުކޮށްލައިފިނަމަވެސް ދެންވާނީ ކިހިނެތްތޯއެވެ. މިހިރީ ހައްތާވެސް ވިސްނާލަން ޖެހޭ ކަންކަމެވެ.

އިންތިޚާބެއް ނުބާއްވާންވީ ސަަބަބެއްވެސް މިހާރު އޮތްކަމަކަށް ނުފެނެއެވެ. ޤާނޫނު އަސާސީ އިސްލާޙް ކުރެވޭނެއެވެ. ފަންނީ އެހީތެރިކަމާއި، މާލީ އެހީތެރިކަން ދޭނީ އެމެރިކާއިން ނުވަތަ އިގިރޭސި ވިލާތުންނެވެ. ކޮންމެ ދަނޑިވަޅެއްގައި އިންތިޚާބެއް ބާއްވަންޖެހުނު ކަމުގައިވިޔަސް ރާއްޖޭގެ އިލެކްޝަންސް އެއޮތީ ތައްޔާރަށެވެ. އެއްވެސް ހާސްކަމެއް ނެތްކަމަށް ތަކުރާރު ކޮށް އެދަނީ ބުނަމުންނެވެ.

ދެން އޮތީ ވިން ކުރާނެ ބަޔަކާމެދު ވިސްނާލުމެވެ. ކޮންމެ ބަޔަކު ވިން ކުރިއަސް ގޯހެއް ނެތެވެ. ރައްޔިތުންގެ ވެރިކަމެއްގައި ރައްޔިތުން ވޯޓުލައިގެން ހޮވާވެރިޔަކު ނޫނީ ހުރެގެން ނުވާނެއެވެ. އިއްތިހާދުން ނެރޭ ބޭފުޅަކު ހޮވުނަސް އަމިއްލަފުޅަށް އިސްތިޢުފާ ދެއްވި ނަޝީދު ހޮވުނަސް ހޮވޭނީ ގިނަބަޔަކު ވޯޓު ދީގެންތާއެވެ.

ޤައުމުގެ ސިޔާސީ މަޝްރަޙް ފިނިކުުރުމާއި، ހަލަބޮލި ކުރުން މިހާރު އޮތީ މިވަގުތަށް އުފެދިފައިއޮތް ސަރުކާރުގެ އަތްމަތީގައި ކަމަށް ދެކެމެވެ. އެހެނީ ބަޔާންވެދިޔަ ސަބަބުތަކަށް ޓަކައި ސަރުކާރުން ގޮތްދޫކޮށް އެއްޤައުމު އަނެއްޤައުމެއްގެ މައްޗަށް ބަރޯސާވެގެން ކުރިއަށްދާ ދުނިޔޭގެ ކުރިމަތީގައި ހަތިޔާރު ނެގޭވަރުގެ ހިތްވަރުނެތީމައެވެ. މިއީ އިރާނެއްނޫނެވެ. އަދި އީރާގެއްވެސް ނޫނެވެ. ދިވެހިރާއްޖެއެވެ. މިނިވަން ޤައުމެއްގެ ނަމުގައި އޮތް އާރެއްބާރެއް ނެތްބަޔެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކޮމަން ވެލްތުން ރާއްޖެ ވަކިވުމަކީ ތާއިދު ކުރާކަމެއް ނޫން-ރޮޒައިނާ

ކޮމަން ވެލްތުން ރާއްޖެ ވަކިވުމަކީ ތާއިދު ކުރާކަމެއް ނޫންކަމަށް ޑީއާރްޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ. ކޮމަންވެލްތުން …

ޚިޔާލެއްދެއްވާ

avatar
ދޮންކެޔޮ
ދޮންކެޔޮ

މިހާރު ދެން އިނގިރޭސިން ޚިޔާލެއް ދެވެންވެސް ނެތީތަ.

ނުހިނގާ ގަލަމުން
ނުހިނގާ ގަލަމުން

މިހާރު ހީވަނީ ދިވެހި ބަހުގެ އެކްސްޕާޓެއްގެ ލިއުމެއްހެން.. އަނެއްކާ ތިއީ ދިވެހި މުދައްރިސެއްތަ؟

ބަބުރު
ބަބުރު

އާ ވަރަށް ސަޅި ލިޔުމެއް މީ. އެކަމަކު މީހަކު ސިއްސައިގެން ދާވަރުގެ ބަސްކޮށާރެއް ހުރިކަމަކަށް ނުފެނޭ.

wpDiscuz