ކުލުނު

ފެންނަ ކޮންމެ ހިނދަކު އުފަލުން ހިތް ފުރިގެންދެއެވެ. އެ މައުސޫމް ލޮލުން ބަލައިލުމަށްފަހު އެވާ ހިނިތުންވުން އަދިވެސް އަހަރެންގެ ސިކުނޑީގައި ބިންވަޅުނެގިފާވެއެވެ. މަޑުފުށްކޮޅެއް ފަދަ އަތުގައި ހިފާ ލޯބިކޮށްލި ކޮންމެ ވަގުތުކޮޅެއް ވަކިވަކިން ހަނދާނުގައި ކުރެހިފައިވެއެވެ.

އެއީ މީގެ 14 އަހަރު ކުރިއެވެ. އައިޖީ އެމް އެޗްގައި ތެރޭގައި އިނދެ އިނދެ ފޫހިވެގެން ބޭރަށް ނިކުމެ ބޭރުބަލައިލީމެވެ. ފެންނަނީ ދާދި އެއްމަންޒަރެކެވެ. ހަލަބޮލި ކާރުބާރު ބޮޑުވެފައިވާ މާލޭގެ މަގެކެވެ. އެއީ ވަކި ކޮން މަގެއްކަން ބުނެދޭން ނޭނގުނަސް އެމަގު ފާހަގަކުރަން އެނގޭނެއެވެ. އެކިކަހަލަ ޙިޔާލުތަކަށް ގެއްލިފައި ހުއްޓާ ސިއްސުވާލީ ފޯނު ރިންގުވާ އަޑެވެ. އެ ގުޅީ އަންހެނުންގެ ދައްތައެވެ. އަންހެނުން ވިހާ ވަގުތު ކައިރިވާ ކަމަށާއި އަވަސް ވީ ގޮތަކުން ކުނރުބަލެއް ގެއިން ހިފައިގެން އައުމަށް އެދުނެވެ. އަހަރެންގެ ނޭވާ ހިނގުން އަވަސްކުރުވަމުން ދިޔައީ ކުރަމުންދާ އިންތިޒާރަށް ނިމުން އަންނަކަމުގެ ސިގުނަލް ލިބުމުންނެވެ.

އެ ގެއަކީ ހޮސްޕިޓަލާއި އެހާ ދުރުނޫން ގެއެއްކަމުން ގިނަ އިރުތަކެއް ނުވަނީސް ހިނގާލާފައި ދެވިއްޖެއެވެ. އަހަރެންނަށް އެހާ ހިސާބަށް ދެވުނު އިރު އަންހެނުން ވިހައިފިއެވެ. އޭރު ބައްޕައާއި އަންހެނުންގެ ދައްތަ ތިބީ އެތެރޭގައި ކަމުން އަހަރެން ޖެހުނީ އެމީހުން ނިކުންނަން ދެން މަޑުކޮށްލާށެވެ. އެހާ ކުޑަ ސިކުންތު ކޮޅަކަށްވެސް އަހަރެންގެ ދަރިފުޅު ނުފެނި ލަސްވަތީ ހިތުގައި ޝަކުވާ އުފެދުނެވެ.

އެއީ އަހަރެންގެ ފުރާނައެވެ. ލޯބި ލޯބި ކުޑަ ދަރިފުޅު އުރާލުމާއި އެކުވެސް އަހަރެންނަށް ބައްޕައެއްގެ އިޙްސާސް ކުރެވުނެވެ. އެއީ ކިހާ މިންވަރަކަށް ކަމެއް ބުނެދޭކަށް ނޭނގެއެވެ. ކުޑައިރުކޮޅަކު އުރާލުމަށްފަހު ދަރިފުޅު ނަރުސް މީހާއާއި ހަވާލު ކުރުމަށްފަހު، ބޭރަށް ނިކުތީމެވެ. އަންހެނުންނާއި ބައްދަލުވީ އޭގެ ދެތިން ގަޑިއިރު ފަހުންނެވެ. އޭނާގެ މޫނުމަތިން ފެންނަނީ އަހަރެން އުއްމީދު ކުރި އުފާވެރިކަމެއް ނޫނެވެ. ފޮރުވަން އުޅުނު ކަރުނަތައް ކޯފާފަތް މައްޗަށް އޮހޮރިގަތީ ބޭއިޚްތިޔާރުގައެވެ.

އޭނާއަށް ވެގެން އުޅޭގޮތެއް އަހަރެންނަށް ފަހުމްވާގޮތެއް ނުވިއެވެ. އޭނާ އުފާ ނުވާވީ ކީއްވެ ހެއްޔެވެ؟ އެއީ ހަމަ އަހަރެންގެ ދަރިއެއް ބާއެވެ؟ ނޫނީ އޭނާ ދަރިއަކު ބޭނުން ނުވަނީ ބާއެވެ؟ ސިކުނޑިއަށް ޖަމާވަމުންދިޔަ ޙިޔާލީ ވަހުމުން ސަލާމަތްވާން ބޭނުންވިއެވެ.

ދަރިފުޅު ލިބުނުތާ 10 ދުވަސް ފަހުން އަހަރެމެން އެނބުރި ރަށަށް އައީމެވެ. އަހަރެން ހުރީ ނުހަނު އުފަލުންނެވެ. އެތަކެއް ދުވަހެއްގެ ފޮނި އިންތިޒާރަށް ނިމުމެއް އައީމައެވެ. އެއީ އުފާވެރި ވަގުތު ތަކެކެވެ. ދަރިފުޅު ނަގައި އުރާލައި ލޯބިކޮށްލަން ލިބޭ ކޮންމެ ހިނދުކޮޅަކަށް އަހަރެން އިންތިޒާރު ކުރީމެވެ. އެހެނަސް އުނިވާ އެއް ކަމެއް ހިތުގައި ކޫރު ލަމުން ގެންދެއެވެ. އަންހެނުންގެ ފަރާތުން މާބޮޑު ސަމާލުކަމެއް ނުލިބެނީ ކީއްވެގެން ބާއެވެ؟ އަހަރެންގެ އެކުވެރިޔަކާއި ޙިއްސާކުރީމެވެ.

އެހެން ހުއްޓާ އެނާ ކުއްލި ގޮތަކަށް މާލެ ދާން އަނެއްކާވެސް ބޭނުން ވެއްޖެއެވެ. އެއީ ޖުލައި 26 ގެ ސޭލާއި ދިމާކޮށް ދަރިފުޅަށް ބޭނުންވާ ބައެއް ސާމާނު ގަތުމަށްކަމަށް އޭނާ ބުންޏެވެ. އަހަރެން ހުއްދަ ދިނީމެވެ. އޭގެ ދުވަސްކޮޅެއް ފަހުން އަހަރެން ދާން ޖެހުނީ ކޯޓަށެވެ. އާއެކެވެ. އޭނާ ބޭނުންވީ އަހަރެންގެ ކިބައިން މިނިވަން ވާށެވެ. ސަބަބެއް ޚުދު އަހަރެންނަކަށްވެސް ނޭނގުނެވެ. އަހަރެން ނިކަން އާދޭހާއިއެކު ވަކިނުވުމަށް އެތަށް ފަހަރަކު އެދުނީމެވެ. އެހެނަސް އޭނާ އަހަރެން ދެއްކި އެއްވެސް ވާހަކައެއް އަޑުއިވުނު ކަމަކަށް ނުހެދިއެވެ.

ދަރިފުޅު ހޯދުމަށް އަހަރެން ބޭނުންވީ އެހިސާބުންނެވެ. އެހެނަސް އެކަމަށްވެސް އޭނާ އިންކާރު ކުރިއެވެ. އޭރުވެސް އޭނާ ހުރީ މާލޭގައެވެ. އަހަރެންނަށް ފެންނަ ހިސާބަށް ދަރިފުޅު ގޮވައިގެން އައުމަށް ނުހަނު އެދުނީމެވެ. އޭނާގެ ހިތުގައި އަހަރެންނާއި މެދު ވަނީ ކޮން ނަފުރަތެއް ކަމެއް އަދިވެސް ނޭނގެއެވެ. ކޮންމެ އަކަސް ދެމީހުން ގުޅުން ކަނޑައިލެވިއްޖެއެވެ. އޭނާ އެދުނު ގޮތަށް ވަރިކޮށްދިނީމެވެ.

އަހަރެންގެ ދަރިފުޅަށް ދެ އަހަރު ވީއިރުވެސް އަހަރެންގެ ހިތުގައި އެ ދަރިފުޅަށް ކުޑަނަމަވެސް ފޫހިކަމެއް ނުވެއެވެ. އިތުރުވަމުން ދިޔައީ އިންތިހާ ދަރަޖައިގެ އޯގާތެރިކަމާއި ލޯތްބެއެވެ. އެ ހިނިތުންވުން ފެނުމަށް އަބަދުވެސް އެދެވެއެވެ. އަހަރެންގެ ހުވަފެނަކީ އެދަރިފުޅު އެނބުރި އަހަރެންގެ ގާތަށް އަންނާނެ ދުވަހެއް ފެނުމެވެ.

ދުވަސްތައް ފާއިތުވަމުން މާޒީވަމުން ދިޔައީ އުފަލާއި ހިތާމަޔާއި އެކުގައެވެ. އެންމެފަހުން، އަހަރެން އުއްމީދު ކުރި ދުވަސް އަހަރެންނަށް ނުފެނި ފުރައިގެން ދާން ޖެހިއްޖެއެވެ. މާދުރަށެވެ. ދަރިފުޅުގެ އަޑު ނުއިވޭ ހާ ދުރަށެވެ. އޭރު ދަރިފުޅު ބޮޑުވެ ޘާނަވީ ތަޢުލީމުގެ ހަރުފަތުގައި ހިނގަނީއެވެ. ކޮންމެއަކަސް، ދަރިފުޅުގެ ކިބައިން މަޢާފަށް އެދި އޭނާގެ މަންމަ ލިޔުނު ސިޓީ އަހަރެންގެ އަތަށް އެރީ ލޯބިވާ ދަރިފުޅާއި ވަކިވުމުގެ ވަދާއި ސަލާމާއި އެކުގައެވެ.

އަހަރެން އެސީޓީ ކިޔަން ފެށީ ދަތުރަށް ފެށުމަށްފަހުއެވެ. އަހަރެން މިދަނީ ރާއްޖެއިން ބޭރަށް ބޯޓް ދަތުރު ކުރާށެވެ. އެއީ އަހަރެންގެ ދަރިފުޅުގެ މުސްތަޤުބަލު އުޖާލާކޮށްދިނުމަށެވެ. ސިޓީ ހުޅުވާލީމެވެ. އޭގައި އަހަރެންގެ އަންހެނުންގެ ހުރިހާ ނަފުރަތެއްގެ ސިއްރު ގުޅިފައިވަނީ އަހަރެމެންގެ ދަރިފުޅާއި ކަމުގައި ލިޔެފައިވެއެވެ. އަހަރެންގެ ނޭވާ ހާސްވެ އިތުރަށް ހައިރާންވިއެވެ. ޙަޤީޤަތް ހާމަވިއެވެ. އެއީ އަހަރެންގެ ދަރިފުޅެއް ނޫނެވެ. އެހެނަސް އެއީ އޭނާގެ ލޯބިވެރިޔާގެ ދަރިއެކެވެ. އޭނާ ބޭނުންވީ ދަރިފުޅު ލިބުމާއި ހިސާބުން އަހަރެންނާއި ވަކިވެ ލޯބިވެރިޔާގެ ޙިމާޔަތް ހޯދުމަށެވެ.

އޭނާ އަހަރެންނަށް މިވާހަކަތައް މިއަދު ކިޔައި ދިނުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އާއެކެވެ. އޭނާ ވަނީ މިއަދު މުޅި ރަށަށް ބޭޒާރުވެފައެވެ. އިތުބާރުކުރި އެކުވެރިއެއްގެ ފަރާތުން ރަށަށް އެވާހަކަތައް ފެތުރުނީއެވެ. ދެން މިއަދު އަހަރެންގެ ދަރިފުޅަށް ދައްކާނީ ކޮންފަދަ މޫނެއް ހެއްޔެވެ؟ އެހެނަސް ބުނަމެވެ. ދަރިފުޅާއެވެ. އަދިވެސް ނުހަނު ލޯބިވެއެވެ. ތިއައީ އަހަރެންގެ ދަރިއެކެވެ. މިއީ އަހަރެން ޤަބޫލުކުރާގޮތެވެ.  (ނިމުނީ)

 

 

ލިޔުނީ: އިބްރާހިމް ޝާމިލް

އިބްރާހިމް ޝާމިލް އަކީ ޒުވާން ލިޔުންތެރިއެކެވެ. ޢާއްމުކޮށް ލިޔެއުޅެނީ ތަފާތުވައްތަރުގެ ވާހަކައެވެ. އަދި މުޖުތަމަޢުގެ ޙާލަތާ ގުޅޭގޮތުން މަޒުމޫނާއި ، ޅެންވެސް ހައްދަވާ އުޅުއްވައެވެ.

ޚިޔާލެއްދެއްވާ

avatar
ސޮރީ
ސޮރީ

މިއީ ހަޤީޤީ ވާހަކައެއްތަ؟ ހާދަ ތަފާތުވާހަކައެކެވެ. އަނެއްކާ ޝާމިލްގެ ދިރިއުޅުމުގެ ވާހަކަތަ؟

wpDiscuz