ކަަށަވަރު

ހަވީރުގެ ވަގުތަށް ދިޔަވަރު ހިކެމުންދަނީއެވެ. އަސުރުގެ ފަހުން ދާން ހަމަޖެއްސި މަސްދަތުރުގެ ހުރިހާ ތައްޔާރީއެއް ވެއްޖެއެވެ. ނާއިޒުގެ އާއިލާ ހުރިހާ މެންބަރުންވެސް ތިބީ ނިކަން ހިތްހަމަޖެހިފައެވެ. ގިނަ ދުވަސް ތަކަކަށްފަހު މިފަދަ ގޮތަކަށް ހުރިހާ އެންމެން އެއްތަންވެ މަޖާ ދަތުރެއް ދެވޭތީއެވެ. ނާއިޒުގެ ދަބަހަށް ބިސްކޮލާޓާ އަކާއި މައިލޯ ޕެކެޓް ލިއެވެ. އޭނާއަކީ މާގިނައިން ކެއުމަށް ފޯރި ހުއްނަ ކުއްޖެއް ނޫނެވެ. އެއާއި ޚިލާފަށް ލައިނާ ގެންގުޅޭ ދަބަސް ފުރާ ޖޫސްޕެކެޓާއި ތަފާތު ވައްތަރުގެ ލުއިކާނާ ޕެކެޓުތައް ލައިދިނީ މަންމައެވެ. އެއީ މަންމަ ބޭނުންވާ ގޮތެއް ނޫނެވެ. އެހެނަސް ކިޔަންފަށައިފިނަ ކަމެއް ނުކޮށްދެނީސް ކުރެއް ނުކުރާނެތީ އާއި ދަތުރު މަތީ ބަނޑުހައިވެދާނެ ކަމަށް ބަލާފައެވެ.

ބަނދަރަށް ނިކުންއިރު ދަތުރު ދާން ތައްޔާރުވެފައި އޮތް ދޯނި ފެނުމުން ވެސް މަންމަ ހޮނޑުލަވާ ގޮތްވިކަހަލައެވެ. މޫސުން ރީތި ކަނޑު މަޑު ދުވަހެއްކަމުން ބޯއެނބުރުން ކުޑަވާނެ ކަމަށް ބައްޕަ ލަފާދިނެއެވެ. ދޯންޏަށް ހުރިހާ މީހުން އެރުވީ ދޮންބެ އާމިޒުއެވެ. ދޮންތަ އާއި ތިއްތަ ތިބީ ނިކަން މަސްދަތުރުވެފައެވެ. ފޯނު ނަގައިގެން މިހާރު ސެލްފީ ނަގައި އެފްބީ އަށާއި ވައިބަރ ކުރަންފަށައިފިއެވެ. ޖުމުލަ 7 މެންބަރުންގެ އައިލާ ފަރުމަސްދަތުރެއް ދާ ވާހަކަ އާއި ފޮޓޯތައް މިހާރު ފޭސްބުގައި އަޕްލޯޑްކުރަމުން އެދަނީ ދޮންތަ ލައިފާ އެވެ. މަސް ބެވޭނެހެން ހީވާ ހިސާބަކަށް ދޯނި މަޑުކޮށްލުމާއި އެކުގައި ބައްޕަ  ދޮންތަ މެންނަށް މަސް ބޭނުމުގެ އިންތިޒާމު ހަމަޖައްސައި ދިނެވެ. އެވަގުތު ކޮއްކޮ ލައިނާ އާއި ނާއިޒު ތިބީ ގެނައި ޕެކެޓުތައް ބޯށެވެ.

އިރުކޮޅެއްފަހުން މަސްބެވެން ފެށިއެވެ. އެންމެ ފުރަތަމަ މަސްބޭނުނީ ތިއްތަ ލައިމާ އަށެވެ. އޭނާ އުފަލުން ފޮނިކަނޑަން ފެށިއެވެ. އަދި މަންމަ ކައިރީ ފޮޓޯއެއް ނަގައިދިނުމަށް ބުންޏެވެ. މަންމަ އަވަސްވެގަތީ އެކުދިން ގެނައި ދަބަސް ހޯދުމަށެވެ. ދަބަސް އޮތީ އިންޖީނު ފޮށިމަތީގައެވެ. ދަބަސް ނަގައިގެން އަންނަނިކޮށް އަރިއަޅާލީ ދޯނިތެރޭގައި ހުރި ފެންބާލިދީއިން ދޯނިތެރެއަށް އެޅިފައި ހުރި ފެނަށް އެރި ކައްސާލުމުންނެވެ. ނަސީބަކުން ނުވެއްޓި ދޮންބެ ގައިގައި މަންމައަށް ހިފަހައްޓާލެވުނެވެ. އެއީ ދޮންބެ މަހެއް ބާނައިގެން ފެން ބާލިދީ ކައިރިއަށް އައިވަގުތެވެ.

މިހާރު ވިއްސަކަށް މަސް ބެވިއްޖެއެވެ. ލައިނާ އާއި ނާއިޒު ތިބީ ފޯރީގައި މަސްބާނާތަން ބަލާށެވެ. ނަނުގައި ހަމަ މަހެއް ހިފާއިރަށް “ކޮންކޮ މަސް ބާނާނީ … ކޮއްކޮ މަސް ނަގަނީ” ކިޔާ އެމީހަކާއި ދިމާލަށް ދުއްވައިގަނެވެ. ދޮންތަ ބާނާ ކޮންމެ މަހެއް ދޯނިން އެތެރެވަނީ އެނާއާއެކު އެމަސްވެސް ސެލެފީ ފުޓޯއަކުންނެވެ. މަންމަ މިކަމާ ހުންނަނީ ތުންމަތިން ހީލަހީލައެވެ. ބައްޕަ އެކަމަކާއި އެހާ އަޅައެއް ނުލައެވެ. ބައްޕައަކީ ވަރަށް “ކޫލް” މީހެއް ކަމަށް އެކުދިން ބުނީ އެހެންވެ ކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް މިހެން ތިއްބާ ކުއްލިއަކަށް އުޑުމަތި ބަނަކޮށްލާފިއެވެ. ނަގަންފެށި ކަޅުވިލާގަނޑު ބޯމަތި ނުވަނީސް ވައިގަދަވެ ކަނޑުގެ ރާޅުތައް ދޯންޏާއި ހަމަލާދޭންފެށިއެވެ. މަންމަގެ އެދުމުގެ މަތިން އަވަސް ގޮތަކަށް ބައްޕަ ރަށާއި ދިމާލަށް މިސްރާބު ޖެހިއެވެ. ދެވުނީ ތަންކޮޅަކަށެވެ. އެ ހުއްޓުނީ އިންޖީނެވެ. ބައްޕަ ނޫން އެންމެންގެ މޫނުމަތިން ހާސްކަން ވެރިވިއެވެ. ކުދިވެރިންނަށް ވެގެން އުޅޭގޮތެއް ނޭނގެއެވެ. އެވެރިން ބިރުގަނެފާނެ ކަމަށް އެވާހަކަ ނުބުނެ އޮޅުވާލިއެވެ. މާގިނައިރުތަކެއް ނުވެ ވާރޭ ބޯކޮށްވެހެން ފެށިއެވެ. ރާޅުތައް އިރު އިރު ކޮޅާއި ދޯންޏަށް އަރައި ފައިބައެވެ. ދޯނިދާ މިސްރާބެއް ނޭންގެއެވެ. އެމީހުންނަށް ގެނެވުނީ އެންމެ ފޯނެކެވެ. އޭގެ ބޭނުންކުރަން ބެލިއިރު އޮތީ ފޮޓޯ ނަގަނަގާ ބެޓެރިގޮސްގެން ނިވިފައެވެ. ހަތަރު އުދަރެސް ފެނުޖެހުނީ އެވަގުތުއެވެ.

މަންމައާއި ދޮންތައާއި ތިއްތަ ކޮއްކޮމެން އުނގަށްލައިގެން ތިބެ ރޮނީއެވެ. ހަދާނެ ގޮތް ހުސްވެފައިވާ މޫނުތަކުން ވާރޭ ތިކިތަކެއް ފަދައިން ފައިބަމުންދަނީ ބިރުވެރިކަމާއި ހާސްކަމުގެ ކަރުނައެވެ. ދާދި ދެންމެއަކާއި ޖެހެންދެން ހިނިތުންވަމުން ދިޔަ މޫނުތައް ވަނީ މިލާމޯޅިވެފައެވެ. ދުނިޔެމަތި އަނދިރިކަމުންނާއި ވެހެމުންދާ ބޯ ވާރޭގެ ތެރެއިން ތަނެއް ދޮރެއް ވަކިވާވަރެއް ބައްޕައަކަށް ނުވިއެވެ. ކުއްލިއަކަށް ދޯނިއަރިކޮށްލިވަގުތު ތިއްތަ ލައިމާ ދޯނިތެރެއަށް ވެއްޓުނެވެ. ވެއްޓުނުލެއް ބާރުކަމުން ވާތު ފަޔަށް ވީ ތަދުން އޭނާ ނަގަން ދޮންބެ އަވަސްވެގަތެވެ. އެހެނަސް ދެވަނަ ރާޅާއިއެކުގައި ދޯނި އެއަށްވުރެ ބޮޑަށް އެއްފަޅިއަށް އަރިވެގެން ދިޔައެވެ.

ދޮންބެ ހާސްވެފައިވާ އަޑުން ލައިމާ އޭ ކިޔާ ހަލޭހައްވަން ފެށިއެވެ. ބައްޕައަށްވެސް ގޮވިއެވެ. ލައިމާ ދޯނިތެރެއަކުން ނުފެނުނެވެ. ރާޅާއެކު ދޯނި އަރިއަޅާލިވަގުތު އޭނާ ކަނޑަށް ވެއްޓުނީ ބާއެވެ.  އޭގެ ގަޑިއެއް ހާއިރު ފަހުން ވިލާގަނޑު މައިތިރިވެ ކޮންމެވެސް ވަރަކަށް މޫސުން ރަނގަޅުވެއްޖެއެވެ. ނަމަވެސް ތިއްތަ ލައިމާ އެއް ނުފެނުނެވެ. ހާދިސާގެ ވާހަކަ ކޯސްޓްގާނޑަށް ރިޕޯޓް ކުރެވުނީ ކައިރިން ދިޔަ ދޯންޏެއްގެ އެހީގައެވެ. އެމީހުންވެސް އަތްފުނާ އަޅައިގެން މުޅިއެހިސާބު ބަލާ ހޯދިއެވެ.

ކުރެވެމުންދިޔަ ވޭނީ އިންތިޒާރަށް ނިމުމެއް ގެނެވުނީ ލައިމާގެ ފުރާނަނެތް މަސްގަނޑު ރަށަށް ގެނެވުނު ހިސާބުންނެވެ. މަންމަގެ ޚަބަރު ހުސްވިއެވެ. ގޭގެ އެންމެން ރޮނީއެވެ. ނާއިޒަށް ވަނީ ނިކަން އަސަރުކޮށްފައެވެ. އޭނާއަށް އަދިވެސް ވެދިޔަ ހާދިސާ ޤަބޫލެއް ނުކުރެވެއެވެ. ކަށަވަރު ކުރަން ބޭނުން ނުވާ ހިތި އެހެނަސް ޙަޤީޤަތަކީ އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނަފަދައިން ހިތާމަވެރިކަމެއް ލައިގަތްކަމެވެ. މިއީ ދުނިޔޭގެ އުސޫލެވެ. ބަދަލުވުމެއް ނެތް ޤާނޫނެވެ. ކަށަވަރު ނުވާ ކަމަކީ، ކިތަންމެ ހީނުކުރާ ފަދަ ގޮތަކަށްވެސް ކަންކަން ފެށިގެން ދާފަދައިން ނިމިގެންވެސް ދާކަމެވެ. (ނިމުނީ)

ލިޔުނީ: އިބްރާހިމް ޝާމިލް

އިބްރާހިމް ޝާމިލް އަކީ ޒުވާން ލިޔުންތެރިއެކެވެ. ޢާއްމުކޮށް ލިޔެއުޅެނީ ތަފާތުވައްތަރުގެ ވާހަކައެވެ. އަދި މުޖުތަމަޢުގެ ޙާލަތާ ގުޅޭގޮތުން މަޒުމޫނާއި ، ޅެންވެސް ހައްދަވާ އުޅުއްވައެވެ.

މިލިޔުންވެސް ކިޔާލާ

ކެހިވެރި ދުނިޔެ

އައިޝަތު ޚަތުމާ – ގްރޭޑް 10 އިރުއޭގެ ވާޖިބު އަދާ ކުރުމަށްފަހު އުދަރެހުން ތިރިވަމުން އެދަނީ ސާދަވިލެރޭގެ ފުރިހަމަ ހަނދަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz