ކަސްޓަމަރުންގެ ސަމާލު ކަމަށް!

ރާއްޖޭގެ ބާޒާރަކީ ވިޔަފާރިވެރިންނަށް “ހިތަކަށް” ލިބިފައިވާ ތަނެކޭ ވެސް ބައެއް މީހުން ބުނެ އެވެ. މީގެ އެއް ސަބަބަކީ މުދަލުގެ އަގު ބޭނުން ގޮތަކަށް ގެންގުޅުމުގެ ފުރިހަމަ ބާރު އޮތުމެވެ. މުދާ ގަންނަ މީހުން އެ މީހުންގެ ޒިންމާއެއް ނުއުފުލަ އެވެ. ނަތީޖާއަކަށް ވަނީ ކޮންމެ އަގެއްގައި މުދާ ވިއްކި ނަމަވެސް ކަސްޓަމަރުން ކުރާނެ ކަމެއް ނެތުމެވެ. ނަމަވެސް ރާއްޖޭގެ ވިޔަފާރީގެ މާހައުލު ބަދަލުވަމުންދާ ދުވަސްވަރެއްގައި ކަސްޓަމަރުން ހޭލުންތެރިވާން އެބަ ޖެހެ އެވެ.

“ރާއްޖޭގައި ވިޔަފާރިކުރަންދާ މީހުން މުދަލުގެ އަގު ވެސް އެންމެ ކުޑަމިނުން ބަލާ ނުލާނެ. ޖެހިގެން ހުރި ފިހާރާގައި އަގު ހެޔޮކޮށް ހުއްޓަސް އަޅާ ވެސް ނުލާނެ. ބުނެވިދާނެ މާބޮޑަށް ކަންފަސޭހަ ވަނީއޭ ވެސް،” އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

މުދަލެއް ގަންނައިރު، އެއަށް ވުރެ އަގު ހެޔޮކޮށް، ޖެހިގެން ހުރި ފިހާރާގައި އެ މުދަލެއް ހުރިތޯ ބަލަންޖެހެ އެވެ. އޭގެ އެއް ބޭނުމަކީ މުދަލުގެ އަގުތައް މައްޗަށްދާ ދުވަސްވަރެއްގައި އަގުތައް ތިރި ކުރުމަށް ބާރު އެޅުމެވެ. އަދި މިހާރު ބާޒާރުގައި ތަކެތި ވިއްކާ ގޮތަށް ބަލާއިރު، އެކި ފިހާރަތަކުގައި ވިއްކާ މުދަލުގައި ބޮޑު ތަފާތެއް ފާހަގަ ކުރެވެއެވެ. އެކަން އަންގައިދިނުމަށް ސަރުކާރުން ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ބާޒާރުގައި މުދަލުގެ އަގުތައް ހުރި ގޮތުގެ “އައިޑިއާ”އެއް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން އަންނަނީ ކޮންމެ ހަފުތާއަކު ގެޒެޓުގައި އަގުތައް ޝާއިއުކުރަމުންނެވެ. މިއީ ވެސް މުދަލުގެ އަގުތައް ބާޒާރުގައި ހުރި ގޮތް ކަސްޓަމަރުންނަށް އެނގޭނެ އެއްގޮތެވެ.

އިކޮނޮމިކް މިނިސްޓްރީގެ ފެއާ ޓްރޭޑް ކޮންސަލްޓަންޓް އައިޝަތު ޝަހުމާ ވިދާޅުވީ މުދަލުގެ އަގުތައް ތިރިކުރުމުގައި ކަސްޓަމަރުންގެ މުހިންމު ދައުރެއް އެބައޮތް ކަމަށާއި، މުދަލުގެ އަގުތައް ހުރި ގޮތް މުދާ ގަންނަ ފަރާތްތަކަށް އެނގުން އެއީ ވެސް މުހިންމު ކަމެއް ކަމަށެވެ.

“އަޅުގަނޑުމެން މާލޭގެ ފަސް ފިހާރައަކަށް ގޮސް ނަގާފައިވާ އަގުތަކެއް މިނިސްޓްރީގެ ވެބްސައިޓާއި ގެޒެޓުގައި ވެސް މިދަނީ ހިމަނަމުން. އޭގެ ސަބަބުން ކަސްޓަމަރުންނަށް އެނގޭނެ އަގުތަކުގައި ހުރި ތަފާތު. އެ ލިސްޓުގައި ހުންނާނެ އެއް އުފެއްދުމެއް ތަފާތު ބްރޭންޑްތަކެއް ތަފާތު އަގުތަކުގައި ވިއްކާ،” ޝަހުމާ ވިދާޅުވި އެވެ.

މުދާ ގަންނަ ފަރާތްތައް ހިމާޔަތްކުރަން ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ޖަމިއްޔާތައް ހަދާފައިވެ އެވެ. ނަމަވެސް ރާއްޖޭގައި އެފަދަ “ކޮންސިއުމާ ޕްރޮޓަކްޝަން” ޖަމިއްޔާތައް އަދި މިހާތަނަށް އުފެދިފައެއް ނެތެވެ.

ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ރައީސް އަހުމަދު އަދީބް ވިދާޅުވީ މުދަލުގެ އަގުތައް ތިރިކުރުމުގައި ކަސްޓަމަރުންގެ މުހިންމު ޒިންމާއެއް އޮތް ކަމަށެވެ.

“ރާއްޖޭގައި އަދިވެސް ކަސްޓަމަރުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ނުފެނޭ. ރާއްޖޭގައި އެބަޖެހޭ ކޮންސިއުމާ ޕްރޮޓަކްޝަން އެޖެންސީތައް ވެސް އުފެދެން. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވަރަށް ފުޅާކޮށް މަސައްކަތް ކުރާ ޖަމިއްޔާތަކެއް،” އަދީބް ވިދާޅުވި އެވެ.

ރާއްޖޭގެ ބާޒާރަކީ އެހެން ގައުމުތަކުގެ ބާޒާރުތަކާ ހިލާފަށް މުދަލުގެ އަގު ތިރިކުރަން ކަސްޓަމަރުން ބާރު އަޅާ ގައުމެއް ނޫނެވެ. އޭގެ ނަތީޖާއަކަށް ވަނީ ޑިސްކައުންޓެއް ލިބެން އޮތް ނަމަވެސް އެ ޑިސްކައުންޓުން ވެސް ކަސްޓަމަރުންނަށް ނުލިބުމެވެ. ނަމަވެސް ޗައިނާ އާއި އިންޑިއާ ފަދަ ބޮޑެތި ބާޒާރުތަކުގައި މުދާ ގަންނަންދާ މީހުން އެކަމުގައި މުހިންމު ދައުރެއް އަދާކުރެ އެވެ. ނަމަވެސް ރާއްޖޭގައި އެއީ ޖެހިލުންވާ ކަމެކެވެ.

ޝަހުމާ ވިދާޅުވީ ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގުތައް ތިރިކުރަން ކަސްޓަމަރުން ޑިމާންޑް ނުކުރަނީ ރާއްޖޭގައި އެފަދަ ސަގާފަތެއް ނެތުމުން ކަމަށެވެ.

“ގާނޫނެއްގެ ދަށުން މިހާރު ހުންނަނީ މުދަލުގައި އަގު ވެސް ޖަހާފައި. އެހެންވެ ރާއްޖޭގައި މުދަލުގެ އަގު ތިރިކުރަން ބާގެއިން ނުކުރަނީ،” ޝަހުމާ ވިދާޅުވި އެވެ.

ކޮންމެ ބައެއްގެ ތެރޭގައި އެންމެ ޒިންމާދާރުކޮށް މަސައްކަތް ކުރާ މީހުންނާއި ޒިންމާދާރުކަމެއް ނެތް މީހުން ވެސް އުޅޭނެ އެވެ. ވިޔަފާރިވެރިންގެ ތެރޭގައި ވެސް އެފަދަ މީހުން އުޅެ އެވެ. އެހެންކަމުން ކަސްޓަމަރުންގެ ޒިންމާއަކަށް ވާން ޖެހޭނީ އަގު ހެޔޮކޮށް މުދާ ހުރިތަނެއް ބަލައި އެތަނަކަށް ދިއުމެވެ. އެންމެ އަގު ހެޔޮ ފިހާރައެއް ހޯދުމެވެ. މިއީ ކަސްޓަމަރުން ސަމާލުވާން ވެއްޖެ ކަމެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޅ.އަތޮޅަށް އައި ލޮޅުންތަކުގެ އަސަރު ނ.އަތޮޅަށްވެސް ކޮށްފި.

ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ލޮޅުންތަކެއް އައިސްފައިވާ ކަމަށް ބުނެ ރިޕޯޓްކޮށްފައިވާ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހަށް …

ޚިޔާލެއްދެއްވާ

avatar