މަޝްރޫޢު ފައްޓަވައި ދެއްވަނީ / ފޮޓޯ : ޕީއެސްއެމްނިއުސް

ކަނޑުގެ ރާޅުބޭނުންކޮށްގެން ރާއްޖޭގައި ހަކަތަ އުފެއްދޭތޯ ބަލަނީ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަނޑުގެ ރާޅު ބޭނުންކޮށްގެން ޙަކަތަ އުފެއްދުމަށް ބޭނުންވާ ޓެސްޓް ކުރުމުގެ ޕްރޮޖެކްޓެއް ފަށައިފިއެވެ. މިޕްރޮޖެކްޓް ފަށާފައިވަނީ ހޮލިޑޭއިން ކަނޑޫމާ ރިސޯޓުގައެވެ.

ޖަޕާނުގެ އޮކިނާވާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓްކެނޮލޮޖީ ސްކޫލް ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ ގުޅިގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މިޕްރޮޖެކްޓަށް ޚަރަދުކުރަނީ ޖަޕާނުގެ ކުންފުންޏެއްކަމަށްވާ ކޮކްޔޯ ޓެޓްމިނި ކޮމްޕެނީ ލިމިޓެޑުންނެވެ.

ރާއްޖޭގައި ފުރަތަމަފަހަރަށް ފަށާ މި ޕްރޮޖެކްޓްގެ ބޭނުމަކީ ހަކަތަ އުފެއްދުމަށް ކުރާ ޚަރަދުކުޑަކުރުންކަމަށް އެނަވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ. މިނިޒާމު ޤާއިމުކޮށްފައިވަނީ ހޮލިޑޭއިން ކަނޑޫމާ ރިސޯޓުގެ އައްސޭރިފަށުން ގާތްގަނޑަކަށް ފަންސާސް މީޓަރު ދުރުގައެވެ. މިޓެސްޓް ޕްރޮޖެކްޓްގައި މިހާރު ހަރުކޮށްފައިވަނީ އެއް ކިލޯ ވޮޓްގެ މޮޑެލްއެއްކަމަށާއި އެހެންނަމަވެސް މިއަހަރުގެ ތެރޭގައި ދިހަ ކިލޯ ވޮޓްގެ މޮޑެލެއް ބޭނުންކުރަން ފަށާނެކަމަށްވެސް ޕްރޮޖެކްޓްގެ މަސައްކަތްކުރަމުންދާ އޮކިނާވާ އިންސްޓިޓިއުޓްގެ ޓީމުން ބުނެއެވެ. އަދި އަމާޒަކީ ކައިރި މުސްތަޤުބަލުގައި ތިރީސް ކިލޯ ވޮޓްގެ ވޭވް ޖެޓް ހަރުކޮށް ޕްރޮޖެކްޓް ފުޅާކުރުންކަމަށްވެސް އެޓީމުން ބުނެއެވެ.

މި ޕްރޮޖެކްޓުގެ މަސައްކަތް ފައްޓަވާ ދެއްވަމުން މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވީ މިއީ އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

މިނިޒާމު ކާމިޔާބުކަމާއެކު ކުރިއަށްގެންދެވިއްޖެ ނަމަ ރާއްޖޭގައި ހަކަތަ އުފެއްދުމަށް ކުރާ ހޭދައިގެ ބޮޑުބައެއް ސަލާމަތްވާނެކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

ރާއްޖޭގައި ބޭނުންކުރާ ޙަކަތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރުވެސް ބައެއްރަށްރަށުގައި ދަނީ އިރުގެ އަލި ބޭނުންކޮށްގެން ކަރަނޓު އުފެއްދުމުގެ މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ކުރަމުންނެވެ. އަދި 2030 ވަނައަހަރު އަންނަވާއިރަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ ތިރީސް އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar