ބޯޑަރ ކޮންޓްރޯލް ސިސްޓަމް ބޭނުން ކުރަންފަށައިފި

ސުޕްރީމް ކޯޓުގެ ޙުކުމާއިއެކު މިދިޔަ މަހު ފަހުކޮޅު އަލުން މަސައްކަތް ފެށި ފައްސަތޭކަ މިލިއަން ރުފިޔާގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ މައިގަނޑު ހުރިހާ މަސަތެއް ނިމި ސިސްޓަމްގެ ބޭނުން ކުރަން ފަށާފައި ވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

 އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނީ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ޤާއިމް ކުރުމަށް ކުރަމުން ގެންދިޔަ މައިގަނޑު މަސައްކަތްތައް މިހާރު މުޅިންނިމި މި ސިސްޓަމް އެއާޕޯޓުގައި މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. އިމިގްރޭޝަނުން ބުނީ މިހާރު ކުރިއަށްދަނީ ސިސްޓަމްގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަން ޙައްލު ކުރުމުގެ މަސައްކަތް ކަމަށާއި، އެކަންކަން ޙައްލުވުމުން އަންނަ ހަފުތާގެ ތެރޭގައި ސިސްޓަމްގައި ހިމެނޭ ގިނަ ހިދުމަތްތައް ބޭނުންކުރަން ފެށޭނެ ކަމަށެވެ.

 މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏާ ހަވާލުކޮށްގެން ގާއިމްކުރާ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާފައި މިވަނީ މަޝްރޫޢު ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށްބުނެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައި ވަނިކޮށެވެ. އޭސީސީން މަސައްކަތް ހުއްޓާލަން އެންގުމުން ޝަރުޢީ މަރުހަލާއަށް ހުށައަޅައިގެން ތަފާތު ނިންމުންތަކެއް ނިންމާފައިވާ މި މައްސަލާގައި އެންމެ ފަހުން ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ވަނީ މަސައްކަތް ހުއްޓުވުމުގެ ބާރު އޭސީސީ އަށް ލިބިގެން ނުވާ ކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar