ބަސްބަސް ވަކިކުރުން

pen
މިއީ ލިޔުންތެރިން ޑޮޓް އޯގް ގައި ޢަބްދުﷲ ޞާދިޤު ލިޔުއްވާފައިވާ ލިޔުއްވުމަކުން ނަގާފައިވާ ބައިތަކެކެވެ. މިލިޔުން ލަންދޫއިންފޯ ގައި މި ހިމަނާލީ މިއީ ދިވެހި ބަހުގެ އެކިއެކި ކޯސްތައް ފުރިހަމަކުރަމުންދާ ފަރާތްތަކަށް ވަރަށްބޮޑަށް ބޭނުން ހިފިދާނެ ލިޔުމެއްކަމަށް ފެންނާތީއެވެ.

ބަހާބެހޭގޮތުން އަޅުގަޑުމެންނަށް ވަނީ، ދުނިޔޭގެ ވަރަށްމަދު ޤައުމަކަށް މެނުވީ ނުލިބޭ ދެ ފަޚްރެއް ލިބިފައެވެ. އެއީ، އަމިއްލަ ބަހެއް އޮތުމާއި، އަމިއްލަ އަކުރެއް އޮތުމެވެ. މި ދެފަޚްރު އަޅުގަޑުމެންނަށް މިލްކުވެގެން ތިބޭއިރު މިކަންކަން ތަރައްޤީކުރުމުގެ ޚިޔާލުވެސް އަޅުގަޑުމެންނަށް ގެންގުޅޭން ޖެހެއެވެ.
މިދެންނެވި ރޮގުން ފަހަކަށް އައިސް އަޅުގަޑު އެންމެ އުފާވިކަމަކީ، ނޫން އަޅުގަޑުމެންހެން ތިބި ދިވެހި ކޮންމެ މުވާޠިނަކު އެންމެ އުފާކުރި އެއްކަމަކީ، މުޅިން ތާނައަކުރުން ދިވެހި ލިޔުންތައް ލިޔުމުގެ ރޫޙެއް މިހާރު އުފެދިފައިވާކަމެވެ. މިހިސާބުން އަޅުގަޑުގެ ހިތުގައި އުފެދޭ ޚިޔާލަކީ، އަޅުގަޑުމެން އަދިވެސް ލިޔަމުން ގެންދަންވީ، [ކަޅަގާ،ރިގޮށްކުޅަދުރު، ބިސް- ވައިގުގޫ] މިހެންތޯއެވެ. އާދެ، މިއީ، ބޭސްވެރިޔަކު ލިޔެދިން ބޭހެކެވެ. ބޭސްވެރިޔާގެ މުރާދަކީ، ކަޅަގާރި، ގޮށްކުޅަދުރު، ބިސް ވައިގުގުލެވެ. ނަމަވެސް ލިޔެވިފައި އޮތްގޮތުން އެބަސްތައް ކިޔުނީ، ކަޅަގާރިގޮށް ކުޅަނދުރު ބިސް ވައިގުގޫއެވެ. މިހެންވީ ހުއްޓާނެ ތަނެއް ފައްޓާނެ ތަނެއް އެލިޔުމުގައި ވަކިކުރެވިފައި ނެތީމައެވެ.
ވީއިރު، މިހާރު ޢަރަބިބަސްތަކާ އިނގިރޭސި ބަސްތަކާ، ނުހަނު ދިގު ދިވެހި، ބަސްތައް ފޮޅުވަތްތަކެއްގައި ވަކި އުޞޫލެއް ނެތި، ދިގުކޮށް ލިޔަމުން ގެންދާން ފެށުމުން ކިޔުންތެރީންނަށް އޭގެ ދަތިކަން ނުފޯރައެއް ނުހުންނާނެއެވެ. އަދި މަޒްމޫން ސިޓީފަދަ ތަކެތި އިމްތިޙާނުތަކަށް ލިޔަމުން ގެންދާއިރުވެސް ދޮޅުޞަފްޙާ ދެޞަފްޙާ ކަހަލަގޮތަކަށް ނޫނީ މިއަދަކު ބަޔާން ކުރެވޭކަށް ނޯންނާނެއެވެ.
ދެން މިފަދަ އިމްތިޙާނު ތަކުގައި، ނުހަނު ފަލަ ފިބާ ގަލަމަކުން ދޮޅު ޞަފްޙާ ނުވަތަ، ދެޞަފްޙާ ލިޔުނަސް އަޅުގަޑުމެންނަށް އެ ލިޔުން ބާޠިލު ކުރެވޭނެގޮތެއް ނޯންނާނެއެވެ. ގަނޑުކަޑާފޮތުގެ ބޮޑު ފޮތެއްގައި ލިޔާ މީހެކޭ އާދައިގެ ފޮތެއްގައި ލިޔާ މީހެކޭ ތަފާތެއްނެތެވެ. ލިޔަންވީ ޞަފްޙާއެކެވެ. އެޔާ ޚިލާފަށް، 250 ބަހުގެ މަޒްމޫނެއް، ނުވަތަ 400 ބަހުގެ މަޒުމޫނެއް ނުވަތަ ސިޓީއެއް ވިޔަސް ލިޔާން އެންގުމުން ޖަވާބުދޭމީހާ އެ އަދަދަށް ބަސްތައް ހަމަކުރާން ޖެހޭނެތެވެ.
އަޅުގަނޑު ހިތުން މިހާރު އަޅުގަނޑުމެންގެ މަޒްމޫނާ ސިޓީ ލިޔުންފަދަ ކަންކަމަށް މިބަދަލު ގެންނާން ވެއްޖެއެވެ. މިބަދަލު ގެނައުމުގެ އެންމެބޮޑު އެއް ފަސޭހައަކީ ކުރިންވެސް ދެންނެވި ފަދައިން ކިޔާ މީހުންނަށް ކިޔާން ފަސޭހަވުމެވެ. [ކިޔުމުގައި ހިމެނޭ ބަސްތައް ގުނާލަން ފަސޭހަވުމެވެ. މާބޮޑު މަސައްކަތާ ނުލައި ކާމިޔާބުންނަށްވެސް ބަހުގެ ބައިތައް އެގެމުން ދިޔުމެވެ. އަދި މީގެ އިތުރަށް، އެލިޔެފައި ހުންނަ ލިޔުމެއްވެސް ނުހަނު ތަނަވަސްކޮށް ރީތިކޮށް ފެންނާން ހުރެއެވެ.

މިގޮތުން ބަސް ވަކި ކުރުމުގައި އޮންނަން ޖެހޭނީ، އެންމެންނަށް ފަސޭހައިން [އަތުލައި ގަނެވޭފަދަ] ލުއި ގޮތްތަކެކެވެ. ވައްތަރު ބަލައިލުމުގެ ގޮތުން އަޅުގަޑުވެސް ދެތިން ގޮތެއް ހުށަހަޅާނަމެވެ. އަޅުގަޑު ގާތްގަޑަކަށް މައިގަނޑަކަށް މިބަލަނީ، (މާފުކުރެއްވުންއެދެމެވެ.) ލެޓިން ލިޔުމުގައި ބަސް ވަކިކުރާން ގެންގުޅުނު އުސޫލެވެ.

1. ދިވެހިބަސް ބެހިގެންވާ އަށްބައިންކުރެ ކޮންމެ ބަޔެއްމެ ވަކިވަކީން ލިޔުން. އެއީ، އެގިވަޑައި ގަންނަވާނެ ފަދައިން ނަން، ނަންއިތުރު، ނަންއިތުރުގެ ނަން، ކަން، ކަންއިތުރު، އިތުރު، އަކުރު، މަސްދަރު، މި އަށް ބަޔެވެ.

މިސާލަކަށް: އޭނާގެ ނެށުން އަހަންނަކަށް އެހައި ރީއްޗެއް ނޫނެވެ.

2. ގިނަކުރުމުގެ އަކުރެއް ކަމުގައިވާ [ތައް] މިއަކުރު ގިނަކުރާ ބަހާ ވިދިގެން ދުރުނުކޮށް ބޭއްވުން ރަގަޅެވެ. އެއީ ކިޔުމުގައިވެސް އެހެން ކިޔޭތީއެވެ.

މިސާލު ފޮތްތައް، ގަލަންތައް، މޭޒުތައް.

މިހެން މިދެންނެވީ، ގިނަކުރުމުގެ އަނެއް އަކުރެއް ކަމުގައިވާ [މެން] މިއަކުރުވެސް ގިނަކުރާ ބަހާވިދިގެން އޮންނާތީއެވެ. ކިޔައި އުޅުމުގައިވެސް އެހެން ކިޔޭތީއެވެ. އަޅުގަޑުމެން، މަންމަމެން، ބައްޕަމެން.

އަދި [ފަހަރު] ވެސް މިގޮތަށް ބޭނުން ކުރެވޭތީއެވެ. އާދެ، ދޯނިފަހަރު، އޮޑިފަހަރު، ބޯޓްފަހަރު، މިހެންނެވެ. މިފަދަ އަޑުތައް އެއްބަސް އަނެއްބަހާ ދުރުކުރުމުން އޭގެ އަޑު މާރަގަޅު ކަމަކަށް އަޅުގަޑުކަށް ނުފެނެއެވެ.

3. ނަންއިތުރު ނަމާ ގުޅާއިރު ދެމޭ ފިލީގެ ޛަރީޢާއިން ގުޅޭ ނަންއިތުރު ނަމާ، ވަކިކުރުން ރަގަޅެވެ.

މިސާލު: ދިއްފުށީ ރައްޔިތުން، ހެލެނގެލީ ކަޑު.

4. އިޝާރަތުގެ ނަންކަމުގައިވާ، މި، ތިޔަ، އެ، އޭތި، މީތި ފަދަ ނަންނަން ލިޔަންވާނީ ވަކީންނެވެ.

5. ގުޅުވާ އަކުރުތަކުގެ ތެރެއިން [ގެ] މިއަކުރު ގުޅުވާ ދެބަހުންކުރެ ކުރީ ބަހުގައި އަސްލާ ތަފާތު ފިއްޔެއް ޖެހިފައިވާނަމަ، އެބަހަކާ ދުރުކުރުން ރަގަޅެއް ނޫނެވެ. މިސާލު: ހިތުގެ (ހިތް – ގެ) ފޮތުގެ (ފޮތް – ގެ) އެއާ ޚިލާފަށް އެބަސް އޮތްގޮތަށް އަންނަ ޙާލުގައި [ގެ] މި އަކުރުވާނީ، އެބަހަކާ ދުރުކުރާށެވެ. މިސާލު ބައިގެ، ފާރުގެ.

އަދި މިބުނި ކުރީބަހާގުޅުވާ އަކުރާ ދެމެދަށް އެހެން އަކުރެއް އިތުރުވިޔަސް މި [ގެ] ވަތްކެއް ނުކުރެވޭނެއެވެ. މިސާލު، ފިހާރައިގެ، އަކައިގެ މިއެވެ.

6. ފުރިހަމަކޮށްދޭ އަކުރު [އެވެ.] މިއަކުރުވެސް ހަމައެކަނި [އެވެ.] އޮންނަ ގޮތަކަށް ނިމޭނަމަ ލިޔާނީ ވަކީންނެވެ. ނަމަވެސް މިނޫން ގޮތްގޮތަށް ދިމާވާ ފަހަރުފަހަރު ބަސް ވަކިކުރެވިގެން ނުވާނެއެވެ. މިސާލު: އެއީ ޤާނޫނެވެ. މިގޮތަށެވެ.

7. ކަމުން ކަންއިތުރު ހެދުމަށްޓަކައި އިތުރުކުރެވޭ [މުން] [ގެން] [ފައި] މިއަކުރުތައް ހުންނާންވާނީ، ކަމާ ގުޅިފައެވެ. މިސާލު: ނަގައިގެން، ބަލަމުން، ދުވެފައި މިއެވެ.

8. އަށް] މިއަކުރުވެސް ފުރަތަމަ އަކުރުގެ ފިލި ބަހެއްގެ ނިމޭ ކޮޅުގައި ޖެހޭނަމަ، ވަކިކުރުމެއް ނެތެވެ. މިސާލު: އިތުރަށް، ފަހަށް، ދޯންޏަށް މިއެވެ. އެއާ ޚިލާފަށް މިއަކުރު ވަކިން އޮންނަގޮތަށް ބޭނުންކުރެވޭ ތަންތާނގައި [އަށް] އޮންނަންވާނީ ވަކިންނެވެ. މިސާލު: ބަދިގެ އަށް، ގެ އަށް، ގޮނޑިގޮނޑި އަށް.

9. އިން، އެއް، އާއި، އަކީ، އަކު ފަދަ އަކުރުތައްވެސް ބަހަކާ ގުޅިގެން އަންނަނަމަ، ވަކި ކުރެވެން ނެތެވެ. މިސާލު: ދުރުން، ޚަބަރެއް، ފަހަރަކު، މަލާއި، އެނގުމަކީ މިއެވެ.

ބަސް ވަކި ކުރެވިފައިވާ ގޮތަށް ބައެއް ޖުމްލަ،

ހ. ގާ އުކާ މީހުން ގާ އުކާނެ އެވެ. ދާނީ، ޖެހޭ ފަހަރާ ނުޖެހޭ ފަހަރެވެ.

ށ. ގެރިޔަށް އޮށްގާ އުކާނީ ތެޔޮޅުވާ ކުދީންނެވެ.

ނ. ދިވެހިރާއްޖެއަކީ އަމިއްލަ މިނިވަންކަން ފުރިހަމައަށް ލިބިގެންވާ ވެރިކަމެއް ކުރާ އިސްލާމީ ދައުލަތެކެވެ.

މިއީ ހަމައެކަނި އަޅުގަނޑުގެ ޚިޔާލެކެވެ.

ވާރޭވެހޭ ދުވަސް ދުވަހު، މަގުމަތީގައި އޮންނަ ފެންފެންގަޑަށް ވާރޭ ތިކި ޖެހޭ ވަގުތު ބޮތްކެއް އަރާނޫންތޯއެވެ! އެއީ ފެން ބޮތްކެކެވެ. މިއީވެސް އެކަހަލަ ބޮތްކެކެވެ. ޚިޔާލު ބޮތްކެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz