ބަވަނަވަމުންދާ ދުނިޔޭގައި މީޑިޔާގެ އަސަރު ކުރަނީ ކޮންބަޔަކަށް؟

އަޅުގަނޑުމެން ދިރިއުޅެމުން މިދާ ދުނިޔެ މިހާރު ކުޑަކުޑަ ތަނަކަށް ވެއްޖެއޭ ބުނުމަކުން އެއްވެސް މީހަކު ހައިރާނެއް ނުވާނެކަން ކަށަވަރެވެ. އެހެނީ ކޮންމެ ދިމާއަކުން ވެސް އެތަނެއްގައި ހިނގަމުންދާ ހުރިހާ ކަމެއްގެ ޚަބަރުތައް އެންމެ ތާޒާކަންމަތީ އަޅުގަނޑުމެންނަށް ލިބެމުންދެއެވެ. މިއީ ޒަމާނީ ވަސީލަތްތަކުގެ އެހީގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށް ލިބުނު ނުހަނު ބޮޑު ފަސޭހައެކަން ޔަޤީނެވެ.

ހަމައެއާއެކު ޓެކްނޮލަޖީގެ ޒަރީއާއިން މިއަދު ނުކުރެވޭ ކަމެއް ހަމަ ނެތޭ ބުނެވިދާނެއެވެ. ދުނިޔެ ތަރައްޤީވަމުން މިދާ ހަލުވި މިންވަރަށް އަޅުގަނޑުމެންގެ ބޭނުންތައްވެސް މިދަނީ އެއާއިއެކު ބަދަލުވަމުންނެވެ. ކުޑަ މިސާލަކަށް ބަލައިލަމާ ހިނގާށެވެ. ގޭގެ ފާރުގައި ސިމެންތި ޖެހިފައި ނެތަސް ޓީވީއެއް ހުރެއެވެ. ދެއިރު ކާނެ އެއްޗެއް ނެތަސް ޓެބްލެޓެއް އޮވެއެވެ. ނިދާނެ އެނދެއް ކޮޓަރީގައި ނެތްނަމަވެސް އައިފޯނުތައް ނުގެންގުޅޭ ގެއެއް މިހާރަކު ނުހުންނާނެއެވެ. މިކަމުންވެސް ދޭހަކޮށްދެނީ މި ވަސީލަތްތައް ހުރުމަކީ ދިރުއުޅުމުގެ ޒަރޫރީ ބޭނުންތަކުގެ ތެރެއިން އެއް ބޭނުމެއް ކަމެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ “މާސް މީޑިޔާ”ގެ އެހެނިހެން ވަސީލަތްތަކުން އަޅުގަނޑުމެންގެ ދިރިއުޅުން ކުރިއަރަމުން ދާއިރު އެތަކެތީގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭބާއެވެ؟ މިކަމާއި މެދު ވިސްނާ ބަޔަކު މި މުޖުތަމަޢުގައި އުޅޭބާއެވެ؟

ހިތާމައަކީ މި ފަސޭހަތަކާއި އެކުވެސް މީޑިއާގެ ނޭދެވޭ ނުފޫޒު އަޅުގަނޑުމެންގެ ގިނަމީހުންނަށް ކުރަމުންދާތީއެވެ. ޚާއްޞަކޮށް އަޅުގަނޑުމެންގެ ޅަދަރިންނަށް އެކަމުގެ ނުރަނގަޅު އަސަރު ކުރަމުން އަންނަލެއް ވަކިން ބޮޑެވެ. ޒުވާނުންނާއި ޚިލާފަށް ކުޑަކުދިންނަކީ ގިނަކަންކަން އަމިއްލައަށް ތަޖުރިބާ ކުރަން ބޭނުންވާ ކުދިންނެވެ. ތަފާތު ޗެނަލް ތަކުން ދައްކާ ޕްރޮގުރާމު ތަކަކީ އަޅުގަނޑުމެންގެ ދީނާއި ސަޤާފަތައް ހުރި ނުރައްކަލެކެވެ. ޅަކުދިންގެ ވިސްނުން ބަދަލުކޮށްލާ ހުޅަނގުގެ ގޮތްތައް އެކުދިންނަށް ޗާލުވެ އެ ސިފަތަކަށް ލޯ އަމާޒުވުން ވެގެން ދަނީ އާޚިރުގައި އެނުރަނގަޅު ސިފަތައް އެކުދިން ބަލައިގަނެ ކޮޕީކުރުމެވެ.

މާދުރަށް ނުގޮސް ވީހައިވެސް ކައިރިން މިސާލުތަކަށް ބަލަމާ ހިނގާށެވެ. “އަށާރަ އަހަރުން މަތީގެ ފިލުމުތައް ޅަކުދިން ބަލަމުން ދަނީ ހަމަ އެއްވެސް ޖެހިލުމެއް ނެތިއެވެ. މިފަހުން ދިވެހި ސިނަމާތަކުގައި އެޅުވި ގިނަ ފިލުމުތަކަކީ 18 އަހަރުން މަތީގެ ފިލުމުތަކެވެ. އެހެނަސް އެއީ މިހާރު 8 އަހަރުން މަތީގެ ފިލުމުތަކަށް ވަނީ ވެފައެވެ. މާނައަކީ އެންމެ 8 އަހަރުގެ ކުދިންވެސް އެފިލުމުތައް ދަނީ ބަލަމުންނެވެ. އެކަކުގެ ފޯނުން އަނެކާގެ ފޯނަށް ފަސޭހަކަމާއެކު ފޮނުވާލެވުމާއެކު، ގޭގެ ސިޓިން ރޫމު ހުސްކޮށްލެވެނީ އެފިލުމުތަކަށެވެ. ގޭގެ އެންމެން އެކީގައެވެ. މައްސަލައަކީ ކޮބައި ހެއްޔެވެ؟ އަޅުވަނީ ދިވެހި ފިލުމެކެވެ. ބަލައި ނުލެވެނީ ނުވަތަ ވިސްނައި ނުލެވެނީ ހަމަ އެންމެ މުހިންމު ކަންތަކާއި މެދުގައެވެ. އެއީ ކޮން ކަހަލަ ފިލުމެއްތޯ ނުވަތަ ކޮން އުމުރަކަށް ޚާއްޞަ ފިލުމެއްތޯއެވެ؟

ގިނަފަހަރަށް ވާ ގޮތަކީ މައިންބަފައިންވެސް ދިވެހި ނުވަތަ ހިންދީ ފިލުމެއް ނަމަ ބަލަނީ އެއީ އެމީހުންގެ އަމިއްލަ ސަޤާފަތާއި ދީނީ ހަމަތަކުގެ ތެރޭގައި ކުޅެފައިވާ ފިލުމު ތަކެއްގެ ގޮތުގައެވެ. އެހެނަސް ދެރަކަމަކީ އެފަދަ ފިލުމުތަކުގައި ބޭނުންކުރާ ޑައިލޮގުތަކާއި ތަފާތު ސަޤާފަތްތަކުގެ ހެދުންތަކާއި ކުޅިވަރުތަކާއި އަދި ދީނާ ފުށުއަރާ ޒާތުގެ އެތައް ކަމެއް އެ ފިލުމުތަކުގައިވެސް ގިނައިން ހިމެނިފައިވާކަމެވެ. ޚާއްސަކޮށް ކުޑަކުދިންނާއި ނުގުޅޭ ގައިގޯޅި މަންޒަރުތަކާއި ބަރަހަނާ މަންޒަރުތައް އެފަދަ ފިލުމުތަކުގައި ހިމެނިފާވާކަން އަޅުގަނޑުމެންނަށް ގިނަ ފަހަރު ހަމަ ނޭނގެނީބާއޭ ހިތަށް އަރައެވެ. ނޫނީ އަޅައިނުލައި ދޫކޮށްލެވެނީ ބާއެވެ؟

އެކަމުގެ ސަބަބުން އެދަރިންގެ އުޅުމަށާއި މިޒާޖަށް އަންނަ ނުވަތަ އަންނާނެ ނޭދެވޭ ބަދަލުތައް ހަމަ އެއްވެސް މިންވަރަށް އަޅުގަނޑުމެންގެ ސިކުނޑިއަށް ތަސައްވަރު ނުކުރެވެނީ ބާއެވެ؟ ފުންކޮށް ވިސްނާލަމާ ތޯއެވެ؟ ޙަޤީޤަތުގައި މީޑިޔާގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީވެ ތަހުޒީބުވުމަކީ، މިދެންނެވި މީޑިޔާގެ ސަބަބުން ލިބޭ ގެއްލުންތައްވެސް ދެނެގަނެ އެކަމުގެ ސަބަބުން ކުރާ ނޭދެވޭ ނުފޫޒުން އަޅުގަނޑުމެންގެ މުޖުތަމަޢު މިންޖުވެ ސަލާމަތްވުމެވެ.

ލިޔުނީ: އިބްރާހިމް ޝާމިލް

އިބްރާހިމް ޝާމިލް އަކީ ޒުވާން ލިޔުންތެރިއެކެވެ. ޢާއްމުކޮށް ލިޔެއުޅެނީ ތަފާތުވައްތަރުގެ ވާހަކައެވެ. އަދި މުޖުތަމަޢުގެ ޙާލަތާ ގުޅޭގޮތުން މަޒުމޫނާއި ، ޅެންވެސް ހައްދަވާ އުޅުއްވައެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz