ބަރަކާތްތެރި ރަމަޟާންމަހަށް ތައްޔާރުވުން.

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ / ނ.ލަންދޫ

” ނަފުސު ހޭލައްވާލަދޭށޭ އަންނަނީ ރަމަޟާންކަރީމް

     ޣަފުލަތާވަކިކޮށްލަ ދޭށޭ އަންނަނީ ރަމަޟާން ކަރީމް “

މިދުވަސްވަރަކީ ގޭތެރޭގެ ޒީނަތްތެރިކަން އަލުން އަނބުރާ ގެނެވުމަށް ގިނަމީހުން މަސައްކަތްކުރަމުންދާ ދުވަސްވަރެކެވެ. ގެޔާއި ބަދިގެ އަދި މީގެ އިތުރުން ކޮޓަރިތަކުގެ ފާރުތަކުގައި ކުލަލައި ޒީނަތްތެރި ކުރާ ދުވަސްވަރެކެވެ. ގޭދޮށުގައި ކަޅުވެފައިވާ ވެލިގަނޑުނަގައި، ހުދުކިރުފޮދެއްފަދަ އަކިރި ގޭދޮށަށްލާ ދުވަސްވަރެވެ. ބަދިގެ ތެރޭގަޔާއި ކޮޓަރީގެ އިތުރުން ކާގޭގައި ހަލާކުވެފައިވާ ފަރުނީޗާރތައް އައުކުރަމުންދާ ދުވަސްވަރެކެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. މާތްވެގެންވާ މައްސަރެއް އަންނާތީވެ ތައްޔާރުވަނީއެވެ. ވަރަށް ހީވާގިވެފައި މުރާލި އަދި ހަމައެހެންމެ އެހާމެ ބުރަ ދުވަސްވަރަކަށް މިދުވަސްކޮޅުވެގެންދެއެވެ.

ކޮންމެއަކަސް ކަމަކީ ވަރަށްވެސް ފުރިހަމަ އަދި އެހާމެ ރަނގަޅުކަމެކެވެ. ގެޔާއި ގޯތިތެރެ ޒީނަތްތެރިކުރަންޖެހޭނެއެވެ. އެހެނަސް، އަޅުގަނޑުގެ ސުވާލަކީ ގޭދޮށުގައި ކަޅުވެފައިވާ ވެލިގަނޑު ނަގަމުންދާއިރު، ތިމާގެ ހިތަށް އެއްޗެއް ނާރަނީބާވައެވެ. މިއަދާއި ހިސާބަށް ޖެހުނު އިރު ތިމާއަށް ހެޔޮޢަމަލެއް ނުކުރެވި ތިމާގެ ހިތްކަޅުވެފައިވަނީ ކިހާވަރަކަށްކަމެއް ނުވިސްނެނީ ބާވައެވެ. އެވެލިގަނޑު ކަޅުވުމަށް މެދުވެރިވާ ސަބަބަކީ އިންސާނުން އޭގެމަތީގައި ތާއަބަދު ހިނގާތީވެއެވެ. ތިމާގެ ހިތްކަޅުވެ ލައްލައް ޖެހިފައި ތިވަނީ ނުބައި ވަސްވާތަކުގެ ސަބަބުންނެވެ. ބަރަކާތުން ފުރިގެންވާ މައްސަރަށް ތިމާގެ ހިތުގެ ކިލަނބުކަން ފިލުވާކަށް ބޭނުންމެއް ނުވޭހެއްޔެވެ. ހަމައެކަނި ގެޔާއި ގޯތިތެރެ ޒީނަތްތެރިކުރުމަކުން އަދި ނުފުދެއެވެ.

އެކުވެރިޔާއެވެ. ހިނގާށެވެ. ވަގުތު އަދި އެބައޮތެވެ. އުންމީދު ކަނޑާނުލާށެވެ. ﷲ ގެ ރަޙްމަތް ތަނަވަސްވެގެންވެއެވެ. އެކަލާނގެއީ ހަތްއުޑުގެ މަތީގައި އެންމެ ހިނދުކޮޅަކަށްވެސް އަހަރެމެން ދޫނުމެކުރައްވާ އައްސަވާ އަދި ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެއެވެ. ކިތަންމެ ބޮޑު ފާފައެއްކުރެވިފައިވިޔަސް ދެރަނުވާށެވެ. ﷲ ގެ ޙަޟުރަތަށް އެނބުރި ރުޖޫޢަވަމާ ހިނގާށެވެ. އިންޝާ ﷲ ފުއްސަވާނެއެވެ. އެއީ ޣަފޫރުއް ރަޙީމްއެވެ. ޢަފުއްވުލް ކަރީމެވެ. އޯގާވަންތަ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.

ރަމަޟާންމަހަށްޓަކައި އިޚްލާޞްތެރި ތަޥުބާއަކުން ތަޥުބާވަމާ ހިންގަވާށެވެ. ފަހުން ފަހުން ތަޥުބާވާނީއޭ ކިޔާ ފާފަތަކަށް އަރައިނުގަންނާށެވެ. މަރުވާނޭވަގުތެއް ނޭންގެއެވެ. މލިޔުންވެސް ތިބާއަށް ކިޔޭނެކަމުގެ އުންމީދެއް އަޅުގަނޑު ނުދޭނަމެވެ. މަރުވަނީ ދާދިގާތުގައެވެ. ވަގުތުތައް ބޭކާރުގޮތުގައި ދުއްވާނުލާށެވެ. ރަމަޟާންމަހު ހޭލާ ހުރެ ކުޅުމަށް ރާވާފައިވާ ކުޅިވަރުތައް އަޅުކަންތަކަށް ބަދަލުކޮށްލާށެވެ. އެހެނީ އެއީ ކުޅިވަރުގެ މަހެއް ނޫނެވެ. އެއީ އަޅުކަމުގެ މަހެވެ. ބައެއްމީހުންނަށް ހީވެފައިއޮންނަނީ ” އަޅުކަމުގެ މަހޭ ” ބުނުމުން ހަމައެކަނި ރަމަޟާންމަހުގައި އަޅުކަންކޮށްލުމުން ނިމުނީކަމަށެވެ. ކޮންމެއަކަސް ފެންނަ މަންޒަރުތަކުން މިކަން މިގޮތަށް ދޭހަވެއެވެ. ރަމަޟާންމަހުގެ ފުރަތަ 10 ގައި މިސްކިއްތަކަށް އިތުރު ފެންޑާއަކާއި އިތުރު ޖާގައެއް ބޭނުންވާނެއެވެ. މެދު ދިހައަށް އެޅުމުން ފެންޑާ ނަގަންވީއެވެ. ފަހު ދިހައަށް އެޅުމުން މިސްކިތުގެ އިމާމްމީހާގެ އިތުރުން ދެން ފަހަތަށް 3 ސަފްވެސް ރަނގަޅަށް ނުފުރެއެވެ. ކޮންމެއަކަސް ސައްތައިންސައްތަ މުސްލިމުން ދެއްތޯއެވެ.

ނަމާދު އަޅާފަ ކޮފީބޯން ބޭނުންކަމަށްވާނަމަ، އާޚިރަތުގައި ނަރަކައިގެ އަހުލުވެރިންގެ ގައިންފައިބާ ފާދިޔަބޮވުމަށް ތައްޔާރުވާށެވެ.

ނަމާދުކުރުމަށް ގިނައިރުތަކެއް ނަގައިކަމަށް ތިބާއަށް ޤަބޫލުކުރެވެއެވެ. ފުޓްބޯޅަ މެޗެއް ބެލުމަށް ނުވަތަ އެހެންވެސް ކަމެއް ކުރުމަށް ގިނައިރުވާކަމެއް ނޭންގެއެވެ. ޛިކުރުކުރުމަށް ވަގުތުތަކެއް ދާކަމަށް ޤަބޫލުކުރެވެއެވެ. ލަވަޔާއި މިޔުޒިކް ކުޅުމުގައި ވަގުތުދާކަމެއް ނޭންގެއެވެ. ޤުރުއާނުން އަކުރެއް ތަޖުވީދުގެ ހަމަތަކާއެކު ކިޔުމަށް ތިބާ ލަދުވެތިވެއެވެ. އެހެނަސް މީހުންނާއި ފުރައްސާރަކޮށް ވައްތަރުޖައްސާކަށް ތިބާ ލަދެއްނުގަނެއެވެ. މިހުރީ އަޅުގަނޑުމެންގެ މި މުޖުތަމަޢުންވެސް ފެންނަހުރި ހިތާމަކުރަންޖެހޭ ކަންކަމެވެ.

އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔައެންމެހާއި އަޚުންނާއި އުޚުތުންނަށް މިގޮވާލަނީ ﷲ ގެ ޙަޟުރަތަށް އެނބުރި ރުޖޫޢަވާށެވެ. އެއީ ދިންނަވާ ނަޞީބު ލިބިގަތުމަށެވެ. ވެދިޔަތަން ވެދިޔަގޮތުގައި ބާއްވާ، މާޒީން ޢިބުރަތް ލިބިގަންނާށެވެ. ކުރިއަށްތާ އިޞްލާޙްވާން މަސައްކަތްކުރާށެވެ. ނުބައި އެކުވެރިން ދޫކޮށް އައު ދިރިއުޅުމެއް ފަށާށެވެ.

ޔާ ﷲ އަޅަމެންނަށް ބަރަކާތުންފުރިގެންވާ މަހާއި ބައްދަލުވެ އެމަހުގައިވާ ހެޔޮކަން މިންވަރު ކޮށްދެވަވާންދޭވެ. އަޅަމެންނީ ކުއްވެރިން. ފާފަވެރިން. ޔާ ﷲ އަޅަމެންގެ ފާފަތައް ފުއްސަވާންދޭވެ. ނަރަކައިގެ ގަދަފަދަ ޢަޛާބުން އަޅެން ދިންނަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވަވާންދޭވެ. ޔާ ﷲ އަޅަމެންގެ ތެރޭގައި ޣާފިލްވެފައިވާ މީހުން، އެޣާފިލްކަމުގެ ނިދިން ފިއްލަވާންދޭވެ. އިބަ ﷲ ގެ ތަނަވަސްވެގެންވާ ރަޙްމަތުން އަޅަމެން ދުރުނުކުރައްވާންދޭވެ. އިބަ ﷲ ގެއްލެނި ކުރައްވަވާ މީހުންގެ ތެރެއިން އަޅަމެން ނުލައްވަވާންދޭވެ. ސޫރިޔަގައި ޙާލްގައި ޖެހިފައިވާ އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ބަރަކާތްތެރި މަހަށްޓަކައި އަމާންކަން ލިބޭނެގޮތް މިންވަރު ކޮށްދެއްވަވާންދޭވެ. ޔާ ﷲ އަޅަމެންގެ ފައިތިލަތައް މިދީނުގެ މަތީގައި ޘާބިތުކުރައްވަވާންދޭވެ. ﷲ ންމަ އާމީން.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އާބާދީބޮޑު ވެލިދޫ ބަލިކޮށް ލަންދޫ ފައިނަލަށް

ޝިޔާމް-މަޢުރޫފް ސޮކަކަޕްގެ ސެމީފަނަލް ދެވަނަ މެޗުގައި އިއްޔެހަވީރު ނ.އަތޮޅުގެ އާބާދީ އެންމެ ބޮޑުރަށް ވެލިދޫ ބަލިކޮށް ލަންދޫ ފައިނަލަށް ގޮއްސިއެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz