ރުހުމުގެ ލޯ

އަސުރުން އިރު ތިރިވެދާނެއެވެ. ފިނިރޯޅިތައް ޖެހޭ އިރުވައިގެ ނަލަ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. މަސްވެރިކަން ދެރަ ދުވަސްވަރެއްކަމުން ގިނަ މީހުން އެގަޑީގައި ފަރުމަހަށް ދާން ބަނދަރަށް ނިކުންނަނީއެވެ. ޒުވާން އުމުރުގެ ކުދިންނާއި ހަރުމީހުންނެވެ. އެހެނަސް ހަތާނެތި އުޅޭ ވައިކުޅަނދުރެއްހެން މާހިދު އެނބުރެމުން ސެބުރެމުން ރަށުގެ ހުޅަނގު ފަރާތު އަތިރިމަށްޗާ ދިމާލަށް ދާތީ ފެނެއެވެ. މީހާ ހުރީ ވަރުބަލިވެފައެވެ. ބަނޑަށް ބަލާލުމުން ހީވަނީ ހަތްގޭފާތިހާއަށް ފުނޑަފައި ހުރި ދައެއްހެންނެވެ. އަހަންމިޔަތުކަމެއް ނުދެވި ހާވާލެވިފައިވާ ބުޅި އިސްތަށިގަނޑެކެވެ. ހަށިގަނޑު ހިކި އަނަރޫފަކަމުން ހީވަނީ ދެންމެ ދެންމެ ބިންދައިގެން ގޮސްފާނެހެނެވެ. ހިނގަމުން ދިޔައީ ހަރުފައެއްހެން ކަތި ކަތިލަމުންނެވެ. އިރުއިރުކޮޅާ އުނަގަނޑުން ތިރިއަށް ފައިބަމުންދިޔަ ބައު ޖިންސުގަނޑު އެއްއަތުން ނަގާ އަރުވާ ޖަހަމުންނެވެ. ސިނގިރޭޓެއް ބޯލަން އެތަނުގައި ހުރި އަށްޓެއްގައި ޖައްސާލިއެވެ.

ކުރިން އޭނާއަކީ ނުހަނު ރަނގަޅަށް އުޅުނު ކުއްޖެކެވެ. މައިންބަފައިން ދެތަންވުމާއި އެކުގަހެން ދިރިއުޅުން އެކޮޅުކޮޅުން ޖެހުނު ކަހަލައެވެ. ލިބޭ އެއްޗެއް ފެންނާނަށް ނޯވެއެވެ. ކުރިން ވިއްޔާ ކޮއްތަށް ދީފައި ބަނޑަށްދޭ ވަރަށް ވެސް އެއިރަކު ބޭނުންވާ އެއްޗެއް ފަސޭހައިން ލިބެންހުރެއެވެ. މީހުންކިޔާ އުޅޭ ވާހަކައަކީވެސް އެއީއެވެ. އެސޮރު ހަލާކުކުރީ އެދެމަފިރިންނެވެ. ދޮންފުތުކޮށްގެން ބޭނުންހައި އެއްޗެއް ދީ ހެދުމުން ގޯސް މަގަށް އެޅީއެވެ. ޖެހުނު އަކިވަށް ފާވިއިރު މީހާ ހުރި ޙާލަކީ މިއަދު އެއީއެވެ.

އޭރުގައި މަގުމަތީގައި ލާޗާރު ބިޗާރަށް އުޅުނަސް ފައިސާއަކީ އޭނާއަށް މަދުއެއްޗެއް ނޫނެވެ. ވިޔަފާރިއެއް ފެށުމަށް އެސޮރު ބައްޕަ ލައްކައިން ޚަރަދުކުރިއެވެ. އަދި ފައިސާ ރައްކާކުރަމުން ގެންދިޔައެވެ. އެހެނެއްކަމަކު އަލިވަޑިޔާގެ މަސްގޮނޑިއަށް ވީހެން ބޭނުންކުރަން ނޭނގިހުއްޓާ ފައިސާކޮޅު މުޅިން ހުސްވެ އަތްމަތި ދަތިވީއެވެ. ޙަޤީޤަތް އޮތީ ބައްޕައަށް ސިއްރުވެފައެވެ.

ލިބުނު ފުރުޞަތުގެ ބޭނުން ހިފަން އެސޮރާއި އެރަށުގެ ނުލަފާ ގުރޫޕުގަނޑު ކައިރިވެލީ ނުހަނު އުފަލުން މަރުޙަބާ ކިޔާފަދަ ގޮތެއްގައެވެ. ހިންޏަށް ހަކުރު އޮޅުވާނުލެވުނަސް މިފަހަރު އެސޮރަށް ހަކުރު އޮޅިއްޖެއެވެ. ކަނބުރުގެއަށް ވަނީވިއްޔާ އަޅިބުރާނޭ ބުނާހެން މަސްތުވާތަކެތީގެ ޝިކާރައަކަށް ވެއްޖެއެވެ. އެކަމާ ހިތާމަ ކުރާނެ މީހަކު މިހާރަކު ކައިރިއަކު ނެތެވެ. ބައްޕަ އެހެން ކައިވެންޏެއް ކޮށްގެން މާލެ ބަދަލުވެއްޖެއެވެ. މަންމަ އަދި އުޅެނީ މާކުރީގައެވެ. ދަތުރުވަރިއެއްގައި ރަށަށް އަދި މެލޭޝިޔާ މީހަކާ ހިތާވެގެން އޭނަފަހަތުން ހިގައްޖެއެވެ. ދެވަނަ ދަރިއަކަށް ބަލިވެއިން ޚަބަރު ބައްޕައަށް ލިބުނު ހިސާބުންނެވެ. އެއީ ރަށްމެދުކުއްޖެކޭ ވެސް މީހުން ކިޔައެވެ.

ބައްޕަގެ އަޅާލުން ކެނޑުނީ ގެއިން ވައްކަން ކުރަނީ މާހިދުކަން އެނގިގެންނެވެ. ދިރިއުޅުން ބަގުރޫޓްވުމުން އެންމެ ފަހު ވަގުތު ފަރުދާ ކަޝްފުވެ ދަރިއަށް އެ ރަޙްމުގެ ލޯ މެރުނީއެވެ. ނަތީޖާ ހިތި ވީ ވިސްނާނުލާ އެޅުނު ކަތި ބިންގަލުންނެވެ. ކެއްޗާ ހަމައަށް ނެގިއިރުވެސް ހުރި ކަތިކަން އެފަކީރުގެ ލޮލަށް ނުފެނުމުންނެވެ. ބުނާނީ ދެން ފަހެކީކޭ ހެއްޔެވެ؟ މާ ބޮޑަށް ލޯބި ދެވުނީއެވެ. ރުހުމުގެ ލޮލަށް އައިބުތައް ވެސް ފޮރުވުނީއެވެ.

މާހިދު އެކަނިވުމުގެ ދުވަސްތަކާއި ކުރިމަތިވިއިރު ހުރީ މަސްތުވާތަކެތީގެ ޝިކާރަވެރިއަކަށް ވެ ނިމިފައެވެ. ގޭގައިން ވައްކަން ކުރުމުގެ ތުހުމަތުގައި ދެމަހުން އެއްމަހު ކޯޓަށް ގެންދާތަން ފެނެއެވެ. ބައެއްފަހަރު ގޭ ބައްދުގައި ހުރެއެވެ. ނުކޮށް ނުވާގޮތަކަށް ހުރެ އަޅާލަމުން ދިޔައީ އެނާގެ ބައްޕަގެ ދުރުތާތިމާގެ މީހެކެވެ.

ޙިޔާލީ ދުނިޔޭގައި ފީނަމުން ދިޔަ މާހިދު ސިހިގެން ދިޔައީ އޭނަ ބޮމުން ދިޔަ ސިނގިރޭޓްގެ ފިލްޓަރ އަތުން ދޫވެ ފައިތިލަ މައްޗަށް ވެއްޓި ހޫނުވުމުންނެވެ. އިރުކޮޅަކު އިނދެފައި އެތަނުން ތެދުވެ އެހެން ދިޔަ މީހަކާއި ވާހަކަ ދައްކާނަމޭ ހިތާ ކައިރިވެލިއެވެ. އެހެނަސް ކަހާތަން ހިރުވާވެސް ނުލާ ފަދައިން އަބައިންވެސް ނުބުންޏެވެ. އެރަށު މީހުން އެނާ ވަނީ ބަލައިނުގެންފައެވެ.

މިހެން އުޅުމުގެ ތެރޭގައި އެއްދުވަހަކު ގެއަށް ކާން ގެންދިޔަ އިރު މާހިދު ގެއަކު ނެތެވެ. އެސޮރު ފިލާކަމަށް ހޯދަމުން ދިޔައިރު އޮތީ ގިފިލިތެރެއަށް ވެއްޓިފައެވެ. އޭނާގެ ޚަބަރުވަނީ ހުސްވެފައެވެ. މަރުކަޒަށް ގެންދެވުނުއިވެސް ހެޔެއް ނާރައެވެ. ޑޮކްޓަރު އަވަސް ގޮތެއްގައި އޭނާއަށް ފަރުވާ ކުރަން ފެށިއެވެ. އެހެނަސް ފަރުވާދޭން ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް، މާހިދުގެ ހަށިގަނޑު މިދުނިޔެ ދޫކޮށް ހިނގައްޖެއެވެ. ޑޮކްޓަރު ލަފާކޮށްފައި ބުނިބުނުމާއި ފުލުހުންގެ ތަހުގީގުން އެންމެފަހުވަގުތު ހާމަވީ، އޭނާ މަރުވީ އޯވަޑޯޒްވެގެންނެވެ.

(ނިމުނީ)

ލިޔުނީ: އިބްރާހިމް ޝާމިލް

އިބްރާހިމް ޝާމިލް އަކީ ޒުވާން ލިޔުންތެރިއެކެވެ. ޢާއްމުކޮށް ލިޔެއުޅެނީ ތަފާތުވައްތަރުގެ ވާހަކައެވެ. އަދި މުޖުތަމަޢުގެ ޙާލަތާ ގުޅޭގޮތުން މަޒުމޫނާއި ، ޅެންވެސް ހައްދަވާ އުޅުއްވައެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz