ރާއްޖޭގައި އާދަޔާ ޚިލާފަށް މާރާމާރީ އިތުރުވާ ސަބަބުތައް

ތަޢާރަފް

ދިވެހިރާއްޖެއަކީ އެއްބަހަކުން ވާހަކަދައްކާ، އެއްދީނަކަށް އުޅޭ އަދި އެއްކަހަލަ ޘަޤާފަތަކާއި އާދަކާދަތަކެއް ގެންގުޅޭ ބައެކެވެ. މިއީ ޣައިރުމުސްލިމުން މިކަމާ ޙަސަދަވެރިވުން އެކަށީގެންވާ ކަންތައްތަކެކެވެ.  މިފަދަ އަމާން އޮމާން މާޙައުލެއްގައި މިފަހަކަށްއައިސް ތަޅާފޮޅުމާއި މާރާމާރީ ގިނަވެފައިވާކަމީ އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ. އުފެދޭ ސުވާލަކީ މާރާމާރީ އުފެދިގެން މިހިސާބަށް އައިސްގެން މިއުޅެނީ ކީތްވެގެންބާވައެވެ. އަޅުގަނޑުމެންގެ އާދަކާދައަށް އައިސްގެން އުޅޭ ބަދަލެއްހެއްޔެވެ؟ ނުވަތަ ދިވެހިންގެ ޢަޤީދާ ބަލިކަށިވުމުގެ ސަބަބުން ދިމާވާ މައްސަލައެއްހެއްޔެވެ؟ ކަމުގެ ސީރިއްސްކަން ތަޢުލީމީ މަންހަޖުގައި ކަނޑައެޅިފައިނުވަނީ ބާވައެވެ؟ މިހިރީ ހައްތާވެސް އުފެދޭ ސުވާލުތަކެވެ. މިސުވާލުތަކަށް އެދެވޭ ޖަވާބެއް ލިބި އަދުގެ މުޖުތަމަޢަށް ފައިދާކުރާނެ މަޢުލޫމާތު ކޮޅެއް ހުށައަޅައި ދިނުމަށްޓަކައި އަޅުގަނޑު ޚިޔާރުކުރި މަޢުޟޫޢަކީ “ރާއްޖޭގައި އާދަޔާ ޚިލާފަށް މާރާމާރީ އިތުރުވަމުންދާ ސަބަބުތައް” މިއެވެ.

އަޅުގަނޑުގެ ދިރާސާއަށް މިމަޢުޟޫޢު ކަނޑައެޅީ މިއަދު ދިވެހިރާއްޖޭގައި މާރާމާރީ ހިންގުން އިންތިހާއަށް އިތުރުވެ މީސްތަކުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާފައިވާތީ، މި މަސައްކަތުގެ ސަބަބުން މިކަން މެދުވެރިވާ ސަބަބުތައް ދެނެގަނެވި މިކަން ހުއްޓުވުމަށްޓަކައި އެންމެހައި ދިވެހި ފަރުދުންނަށް މަސައްކަތްކުރުމަށް ދޮރެއް ހުޅުވައި ދިނުމެވެ. އަދި އަދުގެ ކިޔަވާކުދިންނަށް މިފަދަ ޢަމަލުތަކާއި ދުރުހެލިވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް ޢިލްމީ ދިރާސާއެއްގެ އަލީގައި ބަޔާންކޮށްދިނުމެވެ.

މިދިރާސާއަކީ ކަމާގުޅުންހުރި ދެފަރާތެއްގެ ޚިޔާލު ހޯދުމުގެ ގޮތުން އެތިންފަރާތާއި ކުރެވިފައިވާ ބަސްދީގަތުމެއްގެ އަލީގައި އެކުލަވާލާފައިވާ ދިރާސާއެކެވެ. ނަމަވެސް ކަމާގުޅޭ މުއައްސަސާތަކުންނާއި އެކިއެކި ފޮތްތަކުން މަޢުލޫމާތު ހޯދިފައި ހުންނާނެއެވެ. ވުމާއެކު މިރިޕޯޓަކީ މާދިގު ރިޕޯޓަކަށް ނުވެ ކިޔާ ފަރާތްތަކަށް މަޢުލޫމާތު ހޯދޭނެގޮތަށް އެކުލަވާލެވޭތޯ ބަލާފައިވާނެއެވެ.

މެތަޑޮލޮޖީ

ރާއްޖޭގައި އާދަޔާއި ޚިލާފަށް މާރާމާރީ އިތުރވެގެން އުޅޭ ސަބަބުތަކާމެދު ކަމާއި ގުޅުންހުރި ދެފަރާތަކާއެކު އިންޓަރވިއު ކުރެވިފައިވާނެއެވެ. މިގޮތުން މިދާއިރާގައި މަސައްކަތްކުރާ ރަސްމީ ފަރާތެއްގެ އިތުރުން އާއްމު ރައްޔިތެއްގެ ޚިޔާލު ހޯދިފައިވާނެއެވެ. ބަސްދީ ގަތުމުގައި ވަކި ސުވާލުތަކެއް އެފަރާތްތަކާ ކުރުމުގެ ބަދަލުގައި ކަމުގެ އެންމެ ފުނަށް ފީނައިގެން މަޢުލޫމާތު އެއްކުރެވިފައިވާނެއެވެ. އޮބްޒަރވޭޝަންއާއި، ކްއެސްޗަނިއަރ ފަދަ ތަކެތި ތައްޔާރުކުރުމަކީ ކަމުގެ ތަހުލީލު އިތުރަށް ދެނެގަނެވޭނެ ކަންތައްތަކެވެ. ނަމަވެސް މިއީ ޑޭޓާ ކަލެކްޓް ކުރެވޭ މައިގަނޑު އެންމެ ގޮތެއްގެ މައްޗަށް ބަރޯސާވާންޖެހޭ ރިޕޯޓަކަށްވުމުން އެބައިތައް ނުހިމަނާ ދޫކޮށްލެވިފައިވާނެއެވެ.

ބަސްދީގަތުމުން ހޯދުނު މަޢުލޫމާތު ޑޭޓާތަކުގެ މައްޗަށް ބަލައިލާ އެންމެ ބޭނުންތެރި މަޢުލޫމާތު ހުށަހަޅައިދީ ބަހުޘްކުވެރިފައިވާނެއެވެ. މިގޮތުން ދިވެހި ޒުވާނުން އެކަށީގެންވާ ގޮތެއްގައި ތަރުބިއްޔަތު ކުރުމަށް ބާރުއެޅުމާއި ދިވެހިންގެ ތެރޭގައި ވާ ރިވެތި އާދަކާދަތައް (މިސާލަކަށް އަންހެންކުދިން ގޭގައި މަޑުވެ ތިބުމާއި މަޣުރިބުނަމާދާއި ޢިޝާނަމާދާއި ދެމެދު ގޭގޭގައި ޔާސީންސޫރަތް ކިޔެވުންފަދަ، ބޮޑެތިމީހުންނަށް އިޙުތިރާމު ކުރުމާއި ކުޑަކުދިންނަށް އޯގާތެރިވުންފަދަ ކަންތައްތައް) ހަރުލެއްވުމަށް ބާރުއެޅުންފަދަ ކަންތައްތަކަށް އިސްކަންދީ މިކަންކަންމިހާރު އޮތް ޙާލަތު ބަޔާންކޮށްދެވިފައިވާނެއެވެ.

މަޢުލޫމާތުތައް ހުށައަޅައިދިނުން

މާރާމާރީ އަކީ ކޮބާ؟

ދިވެހިބަހުގެ ރަދީފުގައިވާ ގޮތުން މާރާމާރީ މިބަހުގެ މާނައަކީ ރުޅިވެރިކަމާއެކީ ގަޔަށް އަތްލުމެވެ. މިކަމަކީ މާތްވެގެންވާ އިސްލާމްދީނުގައިވެސް ނަހީކުރައްވާފައިވާ ކަމެކެވެ. ސަބަބަކީ ކަމުގެ ސީރިއަސްކަންކަމުގައި ނޫނީ ނުވާނެއވެ. އިސްލާމީ ޝަރީޢަތުގައި އެ ޙުކުމްތައް ސާބިތުކުރައްވައި އެޙުކުމްތައް ތަންފީޒުކުރުމަށް ގޮވާލާފައެވެ. މާތްﷲ ވަޙިކުރައްވާފައިވެއެވެ.

مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِي إِسْرَائِيلَ أَنَّهُ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا ۚ وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِّنْهُم بَعْدَ ذَٰلِكَ فِي الْأَرْضِ لَمُسْرِفُونَ ﴿ المائدة : ٣٢﴾

“އެކަމަށްޓަކައި އިސްރާއީލްގެދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. نفس އެއް މަރައިގެން، ނުވަތަ ބިމުގައި فساد އެއް އުފައްދައިގެން ނޫންގޮތަކަށް، نفس އެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ نفس ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ. ހަމަކަށަވަރުން، بيان ވެގެންވާ ހެކިތަކާއިގެން، ތިމަންރަސްކަލާނގެ رسول ން އެއުރެންގެ ގާތަށް ވަޑައިގަތެވެ. ދެން އެއަށްފަހު، އެއުރެންގެ ތެރެއިން ގިނަމީހުންނީ ބިމުގައި إسراف ކޮށްއުޅޭ މީހުންކަން ކަށަވަރެވެ. (އެބަހީ: މީހުން މެރުމާއި، كافر ކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުންކަން ކަށަވަރެވެ.” މިފަދަ ޢަމަލުތައް ހިންގާ މީހުންނަށް ހަރުކަށި އަދަބުތައް ދިނުމަށް މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ ﴿البقرة: ١٧٨﴾

“އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخ އާގެ ފަރާތުން قصاص ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި إحسان ތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمة އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوة ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ.”

ރާއްޖޭގައި މާރާމާރީ އިތުރުވެފައިވާ މިންވަރު

ސައްތައިންސައްތަ މުސްލިމްކަމަށް ދައުވާކުރާ ބައެއްގެ ކިބައިގައި ހުރެގެންނުވާނެ މިންވަރަށް މާރާމާރީ އިތުރުވެފައިވާކަމަށް ބަސްދީގަތުންދެއްވި ފަރާތްތަކުންވަނީ ހާމަކޮށްފައެވެ. އަދި ތަފާސްހިސާބުތަކުންދައްކާ ގޮތުގައި ވޭތުވެދިޔަ އަހަރު ރާއްޖޭގައި ތަފާތު ތޭރަބާވަތެއްގެ ކުށްކޮށްފައިވާ ހަހާހަށްވުރެ ގިނަމީހުންގެތެރޭގައި ފަސްހާހަށްވުރެގިނަ އަށާރައަހަރުންދަށުގެ ޒުވާނުން ހިމެނޭކަމީ ކަންބޮޑުވާންޖެހޭ މައްސަލައެއްކަމުގައި ހުރިހާފަރާތްތަކުންވެސް ދެކެއެވެ. އެއީ އަށާރައަހަރާއި ތިރީސްފަސްއަހަރާ ދެމެދުގެ ހަތަރުހާސް ފަސްސަތޭކަ ޒުވާނުންނާއި، ފަސް ސަތޭކައަށްވުރެ ގިނަ އަށާރައަހަރުންދަށުގެ ކުޑަކުދިންނެވެ.

މާރާމާރީ އިންތިހާއަށް ރާއްޖޭގައި އިތުރުވެފައިވާތީ ފުލުހުންނާއި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފުލުހުންގެ އިދާރާއިން މަޢުލޫމާތުދޭ ގޮތުގައި މާރާމާރީހިންގުން ދިވެހި ތާރީޚުގައި ދުވަހަކުވެސް އިތުރުވެފައިނުވާ ވަރަށް މިރާއްޖޭގައިވަނީ މާރާމާރީ ގިނަވެ މައްސަލަ ސީރިއަސް ވެފައެވެ. މިގޮތުން މައިންނާއި ދަރިން، އަނބިންނާއި ފިރިން އަދި ދޭދޭ ފަރުދުން މާރާމާރީ ހިންގުމުގެ އިތުރުން އއްވެސް ޖެހިލުމެއްނެތި ސަލާމަތީކަންކަން ބަލަހައްޓާ ފުލުހުންނަށްވެސް ދަނީ ގެއްލުންތައްދީ ލޭއޮހޮރުވަމުންނެވެ.

މާރާމާރީ އިތުރުވެފައިވާ ސަބަބުތައް

ކަމުގެ ސީރިއަސްކަމާމެދު ދެފަރާތެއްގެ ބަސްދީގަތުން ހޯދާލެވުނެވެ. އެފަރާތްތަކުންދެކިލައްވާ ގޮތުގައި ދިވެހިޒުވާނުންއެކަށީގެންވާ ގޮތެއްގައި ތަރުބިއްޔަތު ކުރެވެމުންނެއް ނުދެއެވެ. ތަފާތު ސަބަބުތަކާހުރެ ޒުވާނުންގެތެރެއިން ވަރަށް ގިނަބަޔަކަށް ވަނީ ވަޒީފާގެ ފުރުޞަތު ގެއްލިފައެވެ. ބިދޭސީން އަގުހެޔޮކޮށް ލިބުމާއި މަސައްކަތުގައި ދިވެހިންނަށްވުރެ ބައެއް ޙާލަތްތަކުގައި ބިދޭސީން ހީވާގިވުމާއި، ދިނަވަގުތު މަސައްކަތުގައި ހޭދަކުރުމަކީވެސް ޒުވާނުންނަށް މިފުރުޞަތު ހަނިވެފައިވާ ސަބަބެއް ކަމުގައި ބައެއްފަރާތްތަކުންދެކެއެވެ.

ޢިލްމު އުނގަންނައި ދިނުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުންވެސް ދެކިލައްވާ ގިތުގައި ތަޢުލީމީ މަންހަޖުގައި އަޅުގަނޑުމެންގެ ކާބަފައިންގެނެސްދިން ރިވެތިއާދަކާދަތައް ހިމެނިފައިނުވެއެވެ. މިގޮތުން އެކަކު އަނެކަކަށް އަދަބު އިޙުތިރާމް ކުރުމާއި، ފަރުދުންނާއި ޖަމާޢަތުގެ މަޞްލަޙަތު ޙިމާޔަތްކުރާނެ ގޮތްތަކާއި އަދި މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ކަންތައްތަކަށް ރިޢާޔަތްކުރެވިފައި ނުވެއެވެ.

މާރާމާރީ އިތުރުވުމަށް މެދުވެރިވާ އަނެއް ސަބަބަކީ ދިވެހިރާއްޖެއަކީ އާދަޔާ ޚިލާފަށް ވަރިގިނަ ޤައުމަކަށްވުމެވެ. މިކަމުގެ ސަބަބުން މައިންބަފައިންގެ ލޯތރްބާއި އަޅާލުން ނުލިބޭ އެތައް ކުދިންނެއް ކުޑަކުދިންގެ ހިޔާފަދަ ތަންތާނގައި ދައުލަތުގެ މާލިއްޔާއިން ޚަރަދުކޮށްގެން ވަނީ ބަލަހައްޓަން ޖެހިފައެވެ. މިހެންވުމުގެ ސަބަބުން މުޖުތަމަޢުގައި އުޅޭ އެހެންކުދިންނަށްވެސް އަހިވަކަކާޖެހި އަހިވަކެއް ފާވެޔޭ ބުނާ ޢުޞުލުން އެކަމުގެ ނޭދެވޭ އަސަރު ކުރާކަމަށް އިންޓަވިއުކުރި ފަރާތްތަކުން ހާމަކުރެއެވެ.

ބައެއްފަރާތްތަކުން ދެކޭ ގޮތުގައި ޑިމޮކްރަސީއަކީވެސް ހުޅަނގުގެ ޚުރާފާތުގެ ވިސްނުމުގެތެރެއިން އައިސްފައިވާ އެއްޗަކަށްވާއިރު، ރާއްޖެ ފަދަ މުސްލިމް މުޖުތަމަޢަކަށް “އޮބިނޯންނަވަރަށް” ފިއްތުންތައް ކުރިމަތިވެއެވެ. ހިއުމަންރައިޓްސް ތަޢާރަފްވީއިރު އެޙައްޤުތަކަކީވެސް އިސްލާމީ މުޖުތަމަޢަށް ފުށޫއަރާގޮތަށް ޣައިރުމުސްލިމުން ބޭނުންކުރާ ލަފްޒެއްކަމަށް ބައެއްފަރާތްތަކުން ބުނެއެވެ. ސަބަބަކަށްވަނީ ބައެއްޙާލަތްތަކުގައި ކުށްކުރާމީހުންގެ ޙައްޤު ގެއްލުން ލިބުނު މީހުންގެ ޙައްޤަށްވުރެ ޤަދަރު އުފުލިގެންދާތީކަމަށް ޚިޔާލުދެއްވި ފަރާތަކުން ހާމަކުރިއެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ކުށްކުރާ މީހުންނަށް އިސްލާމްދީނުގައި އަންގަވާފައިވާ ޙައްދުތައް ޤާއިމުކުރުމަށް ބަޔާންވެފައި ނެތުމަކީވެސް މާރާމާރީ އާދަޔާއި ޚިލާފަށް އިތުރުވުމަށް މެދުވެރިވާ އެއްސަބަބުކަމުގައި ދެކެއެވެ.

ހައިރާންވާންޖެހޭ އަނެއްކަމަކީ ކުށްކުރާމީހުން ކުށްކުރީމާ މުޖުތަމަޢުގެ ވަރަށްގިނަބަޔަކު އެއީ ކުށެއްނޫންކަމަށް ބަލައިގަނެ އެކަމަށް ހިތްވަރުދިނުމެވެ. މިއީ ވަރަށް ހިތާމަހުރިކަމެކެވެ. މިގޮތުން ބައެއް މައިންބަފައިންނަށް ދަރިން ދޮންފުތުވުމާއި އަދި ބޮޑުއެތި ކުޑައެތި ކާލާ އުޞޫލްވެސް މުޖުތަމަޢުގާއި އަށަގެންފާވާކަމަށް ބައެއްފަރާތްތަކުން ބުނެއެވެ.

މިކަން ހުއްޓުވުމަށްޓަކައި ކުރެވިދާނެ ކަންތައްތައް

މިކަމާމެދު ޚިޔާލު ހޯދި ފަރާތްތަކުން މަޢުލޫމާތު ދިންގޮތުގައި މިކަމަށްއޮތް އެންމެ ބޮޑު ޙައްލަކީ ތަޢުލީމީ މަންހަޖު އިސްލާމީ ޢުޞޫލުތަކަށްފެއްތުމާއި، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަށް މުސްލިމް މުޖުތަމަޢަކަށް ފެތޭގޮތަށް ބައްޓަންކުރުމެވެ.

ދިވެހި ޒުވާނުން އެކަށީގެންވާ ގޮތުގައި ތަރުބިއްޔަތު ކުރުމާއި، އުނގެނުމުގެ މަރުޙަލާގެ ތެރޭގައި ވަޒީފާއަށް އަހުލުވެރިކުރުވުމަކީވެސް މިކަމަށް އެޅިދާނެ ފިޔަވަޅެކެވެ. އަޅުގަނޑުމެންގެ ކާބަފައިން ގެންގުޅުނު ކުރީގެ ރީތި އާދަތައް ކުދިންނަށް ދަސްކޮށްދީ އެކަމަށް ކުދިން ހޭނުވުމާއެކު މައިންބަފައިން ދަރިންނަށްދޭންވާ ލޯތްބާއި އަޅާލުން އެންމެ ފުރިހަމަ ގޮތުގައި ދިނުން ހިމެނެއެވެ. ތަޢުލީމީ މުޤައްރަރުގައި ޢަޤީދާގެ ރިވެތި ސިފަތަށް ހިމެނުމާއެކު ހިޑްން ކަރިކުއުލަމްގައިވެސް މިސިފަތައް ލިބިދޭގޮތަށް އިތުރު ހަރަކާތްތައް ރޭވުމެވެ. ބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި ކުށްކުރާމީހުންނަށް އިސްލާމީ ރިވެތި ޢުޞޫލުން އަދަބުތައް ތަންފީޛް ކުރެވިއްޖެނަމަ، ވަރަށް ކާމިޔާބުކަމާއެކު މާރާމާރީ ހުއްޓުވިދާނެއެވެ. ޙަރާމް އެއްވެސް އެއްޗެއްގައި ޝިފާއެއްނެތްކަމުގައި އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާއިރުވެސް މަސްތުވާތަކެތި ބޭނުންކުރީމާ މެތަޑޯން ދިނީމާ ރަނގަޅުވާކަމަށް ދެކޭބަޔަކުވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި އުޅެއެވެ. ނަމަވެސް އޭގެބަދަލުގައި އެހެން އޯލްޓަނޭޓިވް ހުއްދަ ގޮތެއް ދެނެގަންނަން މަސައްކަތް ކުރުމަކީވެސް މިކަމަށްއޮތް ޙައްލެކެވެ.

ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި މޯރަލް އެޑިޔުކޭޝަން މާއްދާތައް ތަޢާރަފްކޮށް ޢާއިލާތަށް ހަލާކުވުމުން ސަލާމަތްކުރުމަށް މީސްތަކުން ހޭލުންތެރިކުރުމުގެ ފިޔަވަޅުތައް އެޅުން މިހާރުވެސް ލަސްވެއްޖެއެވެ. މާރާމާރީގެ ނުރައްކާތެރިކަން މީސްތަކުންނަށް އަންގައިދީ މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި ޢުޞުލުތައް ދަރިވަރުންނާއި މައިންބަފައިންނަށް އަންގައިދޭންޖެހެއެވެ.

ކުށްކުރާމީހުންނަށް ޙައްޤު އަދަބު ދިނުމާއެކު ޤުރުއާނާއި ސުންނަތުގެ މަގަށް ރުޛުޢަވުމަކީ އެންމެ ރަނގަޅުގޮތް ކަމުގައިވެ ފަލާޙާއި ކާމިޔާބު ލިބޭނެ މަގުފެނިގެންދާނެކަމުގައި ދީނީ ޢިލްމުވެރިން ދެކެއެވެ. އަނެއްބަޔަކު ދެކޭ ގޮތުގައި ދީނީ ޢިލްމުވެރިންވެސް ސިޔާސީ ފިކުރުތަކުން އެއްކިބާވެ ދީނީ ކަންތައްތަކުގެ ތެރެއަށް އެމީހަކު ޤަބޫލުކުރާ ސިޔާސީ ނުފޫޒު ވައްދައިގެން އުޅުމަކީވެސް ބިރުހުރި ކަމެކެވެ. ވުމާއެކު މީގެ ބަދަލުގައި ދީނުގައި ކަން އޮންނަގޮތް ތަޢައްޞުބުން އެއްކިބާވެ ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި އަންގައި ދިނުމަކީވެސް މިކަމަށް އޮތް އަލިމަގެކެވެ.

ދީނުގެ ޙުކުމްތަކާއި އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ބަދަލުގެނައުމާއި، މަޢުލޫމާތު ފޯރުކޮށްދޭ ހުރިހާ މީޑިއާއިންވެސް އިސްލާމީ ރިވެތި އާދަކާދަ ދައްކައިދޭ މަޢުލޫމާތާއި މަންޒަރުތައް ފޮނުވުމަކީވެސް މިކަމަށް އޮތް ވަރަށްބޮޑު ހައްލެއްކަމުގައި ވަރަށްގިނަފަރާތްތަކަކުން ދެކެއެވެ.

މާރާމާރީން އެއްކިބާވެފައި އޮތުމުން ކުރާނެ ފައިދާތައް

ޝައްކެއްނެތް ގޮތުގައި ތަޅާ ފޮޅުމާއި މާރާމާރީ އަކީ އިސްލާމީ މުޖުތަމަޢު ނޫނަސް އެހެނިހެން މުޖުތަމަޢުތަކުގައިވެސް ބަލައިގަންނަ ކަންތައްތަކަކަށް ނުވެއެވެ. މާތްވެގެންވާ އިސްލާމްދީނަކީ މިހުރިހާ ކަންތައްތަކެއް ނަހީކޮށް ރަނގަޅުކަންތައްތަކަށް ގޮވާލާ ހަމައެކަނި ޝަރުޢުކުރައްވާފައިވާ ދީންކަމުގައި ވުމުން އެދީނުގައި އަންގަވާފާއިވާ ގޮތަށް އަޅުގަނޑުމެންގެ އުޅުން ބައްޓަންކޮށްފިނަމަ، ދެދުނިޔޭގެ ފަލާޙާއި ކާމިޔާބުލިބޭނެކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ.

މީސްތަކުން ހިނިތުންވުމާއެކު އެކަކުއަނެކަކާ ބައްދަލުވެ މުޢާމަލާތުކޮށް ހަދާނެއެވެ. ފިތުނަވެރިކަމުގެ ސަބަބުން ނިތްކުރިއަށް އަރަމުންދާ ރޫތައްފިލައިގެންދާނެއެވެ. އެހެންމީހުންވެސް ތިމާމެންނަށް އިޙުތިރާމާއި ޤަދަރުކުރާނެއެވެ. ސަލާމާއި ޞަލަވާތްލެއްވި މާތް ރަސޫލާގެ ދިރިއުޅުއްވުމުން ރިވެތި ނަމޫނާ ލިބިގަނެވި ސުވަރުގެދިއުމަށް މަގުފަހިވެގެންދާނެއެވެ.

ފުރަތަމަ ކަމަކީ އަމާން ކަމާއެކު އުފާވެރި މުޖުތަމަޢެއް ބިނާކުރެވޭނެއެވެ. ކުށްކުރުންމަު އަދި އެފަދަ ކުށެއްކުރުމުން ދީނުގައި ކަނޑައެޅިފައިވާ ޙައްދު ޤާއިނުކުރެވުމުން ދެވަނަ ފަހަރަށް އެކުށް ތަކުރާރުކުރުމަކީ ނާދިރު ކަމެކެވެ. އިސްލާމީ ތާރީޚު ހެކިދޭ ގޮތުގައި މިކަން ވަރަށް ރަނގަޅަށް ސާބިތުވެގެން ދެއެވެ. މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ދުވަސްވަރު މީހަކު ވައްކަންކުރުމުން އަތްކެނޑުނެވެ. އަދި މިކަމުގެ ސަބަބުން މުޅި އެޚިލާފަތުގައިވެސް ދެވަނަފަހަރަށް އެފަދަ އަދަބެއްދޭ ނުޖެހުނުކަމީ ކަމަށް އޮތް ޙައްލު ފެނިގެންދިޔަކަމެކެވެ. ވުމާއެކު މިފަދަ ކަންތައްތަކުން ޢިބުރަތްނިބިގަނެ އަޅުގަނޑުމެންގެ މިކުޑަރާއްޖެ ކުއްތަކުން ސަލާމަތްކޮށް އިޞްލާޙުކުރުމަށް އެންމެން އަތުކުރި އޮޅާލަމާ ހިނގާށެވެ!

ނިންމާލުން

ރާއްޖޭގައި އާދަޔާއި ޚިލާފަށް މާރާމާރީ އިތުރުވެފައިވާ ސަބަބުތަކުގެ މައްޗަށް ނިކަމެތި އަޅުގަނޑު އެކުލަވާލި މިކުރު ރިޕޯރޓް ތައްޔާރުކުރުމަށް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލެއްވުން ލިބިފައިވާކަން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ.

މިބާވަތުގެ މަޢުލޫމާތުތަކަކީ ބައެއްފަރާތްތަކުން ހާމަކުރުމަށް ޖެހިލުންވާ މަޢުލޫމާތު ކަމުގައި ވީނަމަވެސް އަޅުގަނޑު އިންޓަވިއު ކުރި ފަރާތްތަކުން މިކަމަށް ވަގުތު ހުސްކޮށްދެއްވާ އެދެއްވި އެހީތެރިކަމަށްޓަކައި ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރުދަންނަވަމެވެ.

އަޑުގަނޑުގެ އުއްމީދަކީ ދިވެހިރާއްޖޭގައި މާރާމާރީ އިތުރުވެފައިވާ ސަބަބުތައް މިރިޕޯޓުން ގިނަބަޔަކަށް ހާމަވެ އެނގުމެވެ. އަދި މީގެ އަލީގައި މިކަމަށްހުރި ހުރަސްތައް ނެތިކޮށް ދިވެހިރާއްޖޭގެ ކުރިމަގު އުޖާކާލާކުރުމަށް ކޮންމެ ދިވެއްސަކުވެސް ގަދައަޅާ މަސައްކަތް ކުރުމެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

ރޭ މާލޭގައި ދަގަނޑު ހޮޅިބުރިއަކުން ހަމަލާދީ ޒުވާނަކު ޒަޚަމު ކޮށްލައިފި.

ރޭ ގާތްގަޑަކަށް 11 ޖަހާއިރު ފަރީދީމަގުން އެފްޑީއައި ކައިރިން ސައިކަލެއްގައި އައި 4 މީހުން ދަގަނޑު ހޮޅިބުރިއަކުން ހަމަލާދީ ޒުވާނަކު …

ޚިޔާލެއްދެއްވާ

avatar
ހައްހައް
ހައްހައް

މިޔަށް މާފަރު އިންފޯކިޔަންވީނު

ހިމް
ހިމް

ވަރަށް މުހިއްމު ފެންވަރު ރަގަޅު ލިޔުމެއް.

wpDiscuz