ރާއްޖެ އިން ޤަތަރާ ގުޅުން ކަޑާލީ ސައޫދީން ބުނެގެންތަ؟

އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި ޤަތަރާއި ދިވެހިރާއްޖެއާއި، މެދު އޮތް ސިޔާސީ ގުޅުން ކަނޑަލީ ސައޫދިން އެކަމަށް ބާރުއަޅައިގެން ނުވަތަ އެމީހުން ބުނެގެންނެވެ. ނުވަތަ އެފަދަ ފިއްތުމެއްގެ ތެރޭންނެއެވެ. އެކަމަކު ރާއްޖޭގެ ޚާރުޖީ ވުޒާރާއިން އެކަން ދޮގުކުރެއެވެ. އަދި އެގުޅުން ކަނޑާލަންޖެހުނީ ޓެރަރިޒަމަށް ވާގިދޭ ބަޔަކަށް ރާއްޖެ ނުވާންވެގެންކަމަށް ބުނެއެވެ.

ޤަޠަރާ ދެކޮޅަށް ޢަރަބި ބައެއް ޤައުމުތަކުން މިފިޔަވަޅުތައް އަޅާފައިވަނީ ޓެރަރިސްޓް ޖަމާޢަތްތަކަށް އެހީތެރިވާ ކަމުގެ ތުހުމަތާއި ގަލްފުގެ ސަރަހައްދުގައި މަސްލަހަތާއި ހަމަޖެހުން ނަގާލައި ފިތުނަ އުފެއްދުމަށް މަސައްކަތްކުރާކަމުގެ ތުހުމަތު ޤަޠަރުގެ މައްޗަށް ކުރުމަށް ފަހު މިދިޔަ އާދީއްތަ ދުވަހުއެވެ.

ގަލްފުގެ ތިން ޤައުމު ކަމަށްވާ ސައޫދީ، ޔޫއޭއީ، ބަހްރައިން މި ޤައުމުތަކުން ޤަޠަރާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލުމުގެ އިތުރުން އެޤައުމާދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އެޤައުމުތަކާއެކު ވިޔަފާރިކުރުން ޤަތަރަށް މަނާކުރުމާއި އެޤައުމުތަކުގެ ވަޔާއި ކަނޑާއި އެއްގަމުގެ ސަރަހައްދުތައް ޤަތަރަށް ބޭނުންނުކުރެވޭގޮތަށް ބަންދުކުރުމާއި އެ ޤައުމުތަކުގެ ކަނޑާއި ވައިގެ ބަނދަނރުތައް ޤަތަރަށް މަނާކުރުންވެސް ހިމެނެއެވެ.

މީގެއިތުރުން އެ ޤައުމުތަކުގައި ތިއްބަވާ ޤަޠަރުގެ ޑިޕްލޮމޭޓުން ބޭރުކޮށްލުމާއި ޤަތަރުގެ ޢާންމު ރައްޔިތުންވެސް އެގައުމުތަކުން ބޭރުކުރުމަށްވެސް ވަނީ ނިންމާފާއެވެ.

ނަމަވެސް ދިވެހިރާއްޖޭގެ ސަރުކާރުން ވިދާޅުވަނީ ޤަތަރާއި ސިޔާސީ ގުޅުން ކަނޑާލި ކަމަކު އެޤައުމާއެކު ވިޔަފާރި ކުރާނެކަމަށާއި، އެޤައުމަށް ދިވެހިން ދަތުރު ކުރާނެކަމާއި، އަދި އެޤައުމުގެ ރައްޔިތުން ރާއްޖެއަށް ދަތުރު ކުރުމުގައި އެއްވެސް ހުރަހެއް ނެއްކަމުގައެވެ.

ސިޔާސީ ބައެއް މުފައްކިރުން ހާމަކުރައްވާ ގޮތުގައި ސަރުކާރުން މިދައްކަނީ ހަމަޖެހޭ ވާހަކައެއްނޫނެވެ. ޓެރަރިޒަމަށް ވާގިދޭ ޤައުމެއްކަމަށް ބުނެ، ސިޔާސީ ގުޅުން ކަނޑާލުމަށްފަހު އެޤައުމާމެދު ޚާއްޞަކޮށް ވިޔަފާރީގެ މުޢާމަލާތްތައް ހިންގާނަމަ އެއީވެސް ޓެރަރިޒަމަށް ވާގިދިނުމެކެވެ.

ސައޫދީ އިން ގުޅުން ކަނޑާލުމަށްފަހު ޤަތަރާމެދު ވިޔަފާރި ނުކުރާއިރު އަދި އެހެންވެސް މުޢާމަލާތެއް ނުހިންގާއިރު ދިވެހިރާއްޖެއިން އެކަންކަން އެމަގުން ކުރާނަމަ އެއީވެސް ވަރަށް ބޮޑު ގޯހަކަށް ވެދާނެ ކަމެއްކަމަށް މިފަދަ ފަރާތްތަކުން ބުނެއެވެ.

ޤަޠަރާއި ގަލްފުގެ ޢަރަބި ބައެއް ގައުމުތަކާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި 24 ގަޑިއިރުގެ ތެރޭގައި 10 ޝަރުތެއް ޤަޠަރުން ފުރިހަމަކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން މިހާރުވަނީ ހުށަހަޅާފައެވެ. މިޝަރުޠުތައް ޤަތަރަށް ހުށަހެޅީ މިމައްސަލާގައި މެދުވެރިއެއްގެ ބައި އަދާކުރާ ކުވައިތު މެދުވެރިކޮށެވެ.

ސައޫދީން ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި ޤަޠަރުން އީރާނާއެކު ބާއްވާ ހުރިހާ ގުޅުންތަކެއް ކަނޑާލުމާއި ފަލަސްތީނުގެ ޙަމާސް ޖަމާއަތާއި މިސްރުގެ އިޚްވާނުލް މުސްލިމޫން ޖަމާޢަތާ ގުޅުންތައް ކަނޑާލައި އެދެޖަމާއަތުގެ ވެރިން ޤަޠަރުން ބޭރުކޮށް ޤަޠަރުގެ ބޭންކްތަކުގައިވާ އެބޭފުޅުންގެ އެކައުންޓްތައް ފްރީޒް ކުރުން ހިމެނެއެވެ.

އަދި ޤަޠަރުގެ އަލްޖަޒީރާ ޗެނެލް ހުއްޓާލުމާއި އަލްޖަޒީރާއިން ގަލްފުގެ މަސްލަހަތާ ދެކޮޅަށް ކުރިން ފޮނުވާފައިވާ ޕްރޮގްރާމްތަކަށް ގަތަރުން މަޢާފަށް އެދުމާއި ގަލްފުގެ ޤައުމުތަކުގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި މަސްލަހަތާ ފުށުއަރާ އެއްވެސް ބާވަތެއްގެ ޢަމަލެއް މުސްތަޤުބަލުގައި ޤަޠަރުން ނުހިންގުން ހިމެނެއެވެ. މީގެއިތުރުން ދެހާސް ދެވަނަ އަހަރު ޤަޠަރާއި ސަޢޫދީން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ގަތަރުން ޢަމަލުކުރަން އަލުން ފެށުންވެސް ސަޢޫދީން ހުށަހެޅި ޝަރުޠުތަކުގެތެރޭގައި ހިމެނެއެވެ.

މިޝަރުޠުތައް ފުރިހަމަ ކުރުމަށް ސަޢޫދީން ޤަޠަރަށް ދީފައިވަނީ ސައުވީސް ގަޑީއިރު ކަމަށް ރިޕޯޓްތައް ބުނާއިރު މިމައްސަލައިގައި މެދުއިރުމަތީގެ ޤައުމުތަކުން މި ގެންގުޅެނީ ވަރަށް ހަރުކަށި ސިޔާސަތެއްކަން އެބަދޭހަވެއެވެ. އަދި މި ސިޔާސަތުގެ ސަބަބުން އަޅުގަނޑުމެންފަދަ ނިކަމެތި ވަސީލަތްތައް މަދު އަދި އަމިއްލަ ބާރެއްނެތި ބައިނަލް އަޤުވާމީ ދުނިޔޭގައި މިނިވަންކަން ދެމެހެއްޓުމަށް ަަަަމަސައްކަތް ކުރަމުންދާ ކުޑަކުޑަ ޤައުމަކަށްވާއިރު މިހޫނު ގަނޑުގެ ތެރޭގައި ދިވެހިން ހަނާނުވާނެބާވައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ގަތަރާއި މެދު ޢަރަބި ބައެއް ޤައުމުތަކުގެ ހަރުކަށިކަން އިންތިހާއަށް!

އިސްލާމީ ޢަރަބި ކުޑަ ޤައުމެއްކަމުގައިވާ ޤަތަރާއި މެދު ޢަރަބި ބޮޑެތި ބައެއް ޤައުމުތަކުން ގެންގުޅޭ ހަރުކަށި ސިޔާސަތު އިންތިހާއަށް ހިނގައްޖެއެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz