ރަޖަބު މަހުގެ މާތްކަން ދެނެގަތުން

ބައެއް ދުވަސްތަކާއި މަސްތައް މާތްﷲ މާތްކުރައްވާފައިވެ އެވެ. ނަމަވެސް މިފަދަ މާތްކުރެއްވުމެއް ގަބޫލުކުރަން ޖެހޭނީ ހަމައެކަނި ސައްހަ ނައްސުތަކަށް ބަލައިގެންނެވެ. ސައްހަ ނޫން ނައްސުތަކުގެ އަލީގައި އެކަން ބަލައިގަނެގެން ނުވާނެ އެވެ. ރަޖަބު މަހަކީ ވެސް އެ މަހުގެ މާތްކަމާ މެދު ވަރަށް ގިނަ ހަދީސްތައް ރިވާވެފައިވާ މަހެކެވެ. އޭގެ ތެރެއިން ގިނަ ހަދީސްތަކަކީ ނިކަމެތި (ޟައީފު) ނުވަތަ ހަދާފައިވާ ހަދީސްތަކެވެ. ވީމާ ރަޖަބު މަހުގެ މާތްކަމާ މެދު ދެކެވޭ ހުރިހާ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫނެވެ. ރަޖަބު މަހާ ބެހޭ ގޮތުން ވާރިދުވެފައިވާ ހަދީސްތަކާ މެދު، ހަދީސް އިލްމުވެރިއެއް ކަމަށްވާ އިބްނު ހަޖަރުލް އަސްގަލާނީ ދިރާސާއެއް ހައްދަވާފައި ވެ އެވެ.

އޭގައި ފާހަގަކުރައްވާފައިވަނީ ރަޖަބު މަހާ ބެހޭ ގިނަ ހަދީސްތަކަކީ ޟައީފު ނުވަތަ ހަދާފައިވާ ހަދީސްތަކެއް ކަމެވެ. އެ ގޮތުން ރަޖަބު މަހުގައި ރޯދަހިފުމުގެ މާތްކަމާ ބެހޭގޮތުން ހުރި ސައްހަ ނޫން ބައެއް ހަދީސްތަކާއި ރަޖަބު މަހުގައި ކުރާ ޚާއްސަ ނަމާދުތަކެއްގެ ވާހަކަ ބަޔާންކުރާ ސައްހަނޫން ހަދީސްތަކެއް ފާހަގަކުރައްވާފައި ވެ އެވެ. އޭގެ ތެރެއިން އެއް ހަދީސެއްގައި ވަނީ ސުވަރުގޭގައި، ރަޖަބު މަހު ރޯދަ ހިފާ މީހުންނަށް ޚާއްސަ، ރަޖަބު ކިޔާ ކޯރެއް ވާނެ ކަމަށެވެ. އެހެން ހަދީސެއްގައި ވަނީ ރަޖަބު މަހު ރޯދައެއް ހިފައިފި ނަމަ މަސް ދުވަހު ރޯދަހިފުން ފަދަ ކަމަށެވެ. އެ މަހުގައި ހަތް ރޯދަ ހިފައިފި ނަމަ ނަރަކައިގެ ހަތް ދޮރު އޭނާ އަށް ބަންދުވާނެ ކަމަށެވެ. އަދި އެ މަހުގައި އަށް ރޯދަ ހިފައިފި ނަމަ ސުވަރުގޭގެ އަށް ދޮރުކޮޅު އޭނާ އަށް ހުޅުވޭނެ ކަމަށެވެ. އެހެން ހަދީސެއްގައި ރަޖަބު މަހުގެ ފުރަތަމަ ވިލޭރޭ މަޣްރިބު ނަމާދަށް ފަހު ކުރާ ވިހި ރަކުއަތް ނަމާދެއްގެ ވާހަކަ އާއި އޭގެ ފައިދާ ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް މި ހަދީސްތަކާއި އެނޫން އެފަދަ ހަދީސްތަކަކީ ސައްހަ ނޫން ހަދީސްތަކެއް ކަމަށް އިބްނު ހަޖަރު ވިދާޅު ވެއެވެ. ހަދީސް އިލްމުވެރިން ވިދާޅުވާ ގޮތުގައި އިންސާނާ ކުރާ ހެޔޮ އަމަލުތަކަށް ލިބޭ ދަރުމަ އާއި ކުރާ ނުބައިކަންތަކަށް ލިބޭ އަޒާބުގެ ވާހަކަ ބަޔާންކުރާ ހަދީސްތަކުގައި ވަރަށް ކުޑަކުޑަ ހެޔޮ ކަމަކަށް ވަރަށް މަތިވެރި ސަވާބު ލިބޭނެ ކަމުގެ ވައުދު ނުވަތަ ވަރަށް އާދައިގެ ކުޑަކުޑަ ގޯސްކަމަކަށް ވަރަށް ވަރުގަދަ އަޒާބެއް ލިބޭނެ ކަމުގެ ވައީދު އޮންނަ ނަމަ އެފަދަ ހަދީސްތަކަކީ އޭގެ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ހަދީސްތަކެވެ. މިސާލަކަށް ބަނޑުހައިވެފައިވާ މީހަކަށް ދިއްކޮށްލާ ސުވާއަކީ އެއްހާސް މިސްކިތް ބިނާކުރުމަށްވުރެ ސަވާބު ބޮޑު ކަމެއް ކަމަށް އޮންނަ ހަދީސް ފަދަ ހަދީސްތަކެވެ. އިސްލާމީ ތަރިކައިގެ ތެރެއަށް މިފަދަ ހަދީސްތައް ވަދެފައިވުމުން ހަދީސްތަކަށް އޮންނަ އިތުބާރު ގެއްލިދާނެ ކަމަށް ބައެއް މީހުންނަށް ހީވެދާނެ އެވެ. ނަމަވެސް ހަދީސް އިލްމުވެރިންގެ ބުރަ މަސައްކަތުން އަޅުގަނޑުމެންނަށް މިކަމުގައި އެއްވެސް ބިރެއް ނެތެވެ. އެ ބޭކަލުން ވަނީ ކީރިތި ގުރްއާނާއި މާތް ސުންނަތުގެ އަލީގައި ވަރުގަދަ ގަވާއިދުތަކެއް ފާހަގަކުރައްވައިފަ އެވެ. އަދި ހަދީސްތައް ބައިބަޔަށް ބައްސަވާފަ އެވެ.

ވީމާ ކޮންމެ ހަދީސެއްގެ ވެސް ސައްހަކަން ބެލޭނެ ނިޒާމެއް ވަނީ ރޭވިފަ އެވެ. ރަޖަބުމަހުގެ މާތްކަމާ މެދު ސައްހަ ހަދީސެއް ވާރިދުވެފައި ނެތް ނަމަވެސް ރަޖަބު މަހަކީ ހުރުމަތްތެރިވެގެންވާ ހަތަރު މަހުގެ ތެރެއިން މަހެއް ކަމަށް ވުމުން އެ ފަދަ ހުރުމަތްތެރިކަން ރަޖަބު މަހަށް ވެސް ލިބިގެންވެ އެވެ. އަނެއް ސަބަބަކީ އެ މަހަކީ މުސްލިމުންނަށް ވަރަށް މަތިވެރި ކާމިޔާބުތަކެއް ހާސިލުކުރެވިފައިވާ މަހަކަށް ވުމެވެ.

އޭގެ ތެރޭގައި ތަބޫކު ހަނގުރާމަ އާއި ސަލީބީންގެ އަތުން މަސްޖިދުލް އަގްސާ ސަލާމަތްކުރުން ހިމެނެ އެވެ. އަދި މިހުރިހާ ކަމަކަށްވުރެ ބޮޑަށް ރަޖަބު މަސް ފާހަގަކުރެވެނީ އެ މަހުގައި ހިނގާފައިވާ އިސްރާ އާއި މިއުރާޖުގެ ހާދިސާ އިންނެވެ. އެހެންކަމުން ރަޖަބު މަހަކީ ވަރަށް މަތިވެރި ޒިކުރާތަކެއް އެ މަހުގައި ހިމެނޭ މަހެކެވެ. ވީމާ އެ ޒިކުރާތަކުން އިބްރަތް ލިބިގަނެ ދީނަށް ނަސްރު ދިނުމަށް އަޒުމް ކަނޑައެޅުމާއި އާންމުންގެ މިއުރާޖު ކަމަށްވާ ނަމާދަށް ފަރުވާތެރިވާން އަޒުމް އާކުރުން ފަދަ ކަންކަންކުރުމަކީ ރަޖަބު މަހާ ގުޅިގެން ކުރެވިދާނެ ކަންކަމެވެ. އަދި އެހެން މަސްމަހެކޭ އެއްފަދައިން މި މަހުގައި ވެސް ރޯދަ ހިފުމަކީ ނެތް ކަމެއް ނޫނެވެ. ނަމަވެސް ޚާއްސަ އަޅުކަންތަކެއް މި މަހުގައި ކުރުމަކަށް އަދި އެހެން މަސްމަހަށްވުރެ މިމަސް މާތް ކަމަށް ދަލީލުކުރާ ސައްހަ ނައްސުތަކެއް ނެތެވެ.

މަސްދަރު: ރާއްޖެ އިސްލާމް

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar