ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކަށް ޔާމީން

މި މަހު 14 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަންގައި ފުރަތަމަ ފަހަރަށް ޕީޕީއެމް ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައި އެ ގޮނޑި އަހުމަދު ޝަރީފު ކާމިޔާބު ކުރައްވާ ޤާނޫނީގޮތުން މަޖުލިސްގެ މެމްބަރަކަށް ވެވަޑައިގެން ނެވުމާއި އެކު،  ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމަށް ގާނޫނީ ހައިސިއްޔަތު ލިބި، އެއް ޕާޓީއެއްގައި ދެ ވަނަ އަށް އެންމެ ގިނަ މެމްބަރުން މިހާރު ތިއްބެވީ ޕީޕީއެމްގައި ކަމަށްވުމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ކަމަށް މަޖިލީހުން މިއަދު ކަނޑައަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިއާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިއުލާންކުރެއްވި ގޮތުގައި އެމްޑީޕީ ފިޔަވައި މަޖިލީހުގައި އެންމެ މެމްބަރުން ގިނައީ ޕީޕީއެމްގަ އެވެ. މަޖިލީހުގައި އެމްޑީޕީގެ 32 މެމްބަރުން ތިއްބެވިއިރު ޕީޕީއެމްގައި 17 މެމްބަރުން އެބަތިއްބެވި އެވެ. ޑީއާރުޕީގައި 15 މެމްބަރުން ތިއްބެވިއިރު ޖުމްހޫރީ ޕާޓީ ތަމްސީލުކުރައްވަނީ ތިން މެމްބަރެކެވެ. އަދި ޕީއޭގައި ދެ މެމްބަރުން ތިއްބެވި އިރު ގައުމީ ޕާޓީ ތަމްސީލުކުރައްވަނީ އެންމެ މެމްބަރެކެވެ. ވަކި ޕާޓީއަކަށް ނިސްބަތްނުވާ ހަތް މެމްބަރަކު ތިއްބެވި ކަމަށް ރިއާސަތުން އިއުލާންކުރެއްވި އެވެ.

“މި ބަދަލު މި ގޮތަށް އައުމާ ގުޅިގެން މަޖިލީހުގެ ގަވާއިދުގެ 32 ވަނަ މާއްދާގައި ބަޔާންވެފައިވާ ގޮތުގެ މަތިން މަޖިލީހުގެ މައިނޯރިޓީ ލީޑަރު ވަނީ ބަދަލުވެފައި. މަޖިލީހުގެ ގަވާއިދުގައިވަނީ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީ ނުވަތަ ޕާޓީތައް ފިޔަވައި ދެން ހުރި އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާގެ ފަރާތުން ހުންނަ އެންމެ އިސް މެމްބަރު ކަމުގައި. ވީމާ މި އައި ބަދަލާ ގުޅިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް [ޕީޕީއެމް] ގެ ފަރާތުން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކީ މުލަކު ދާއިރާގެ އިއްޒަތްތެރި މެމްބަރު ކަމުގައި އަޅުގަނޑަށް އަންގާފައިވުމާ އެކު ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ މިހާރު މުލަކު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަބްދުﷲ ޔާމީން ކަމުގައި އަޅުގަނޑު އިއުލާންކުރަން. އަދި އެ އިއްޒަތްތެރި މެމްބަރަށް އަޅުގަނޑު މަރުހަބާ ދަންނަވަން،” ޝާހިދު ވިދާޅުވި އެވެ.

މަޖިލީހުގައި މިހާތަނަށް މައިނޯރިޓީ ލީޑަރަކަށް ހުންނެވީ ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ކެންދޫ ދާއިރާގެ މެމްބަރު އަހުމަދު ތަސްމީން އަލީ އެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އައި.ޖީ.އެމް.އެޗްގެ އެނދުގެ ކެޕޭސިޓީ އިތުރުވެ 500 އަށް ބަދަލުވެގެންދާނެ – ރިޔާސީ ބަޔާން

ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ޚިދުމަތްތައް ރާއްޖެއަށް ތަޢާރުފުކުރުމަށްޓަކައި، ޑައިގްނޯސްޓިކް ސެންޓަރ ހިމެނޭ 25 ބުރީގެ ޢިމާރާތާއެކު، ”ދަރުމަވަންތަ …

ޚިޔާލެއްދެއްވާ

avatar
wpDiscuz