ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން އެމަނިކުފާނު ދޫކޮށްލައިފި.

qaanueeteamދައުލަތުން ޓެރަރިޒަމްގެ ދައުވާ ހުށަހަޅާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން އެމަނިކުފާނުގެ ޝަރީޢަތް ދޫކޮށްލައި އެކަމުން ތަނާޒުލް ވެއްޖެއެވެ.
ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއަގައި ބުނެފައި ވަނީ މައްސަލައިން ތަނާޒުލުވުމަށް ވަކީލުން ނިންމެވީ މުވައްކިލަށް ދޭންޖެހޭ ޤާނޫނީ ލަފަޔާއި އިރުޝާދު ދީ، މައްސަލައިގެ ޝަރީޢަތަށް އެކަށީގެންވާ ވަރަށް ރަނގަޅަށް ތައްޔާރުވުމަށް ވަގުތު ނުލިބޭތި އާއި ޢަދުލުވެރި ޝަރީޢަތަކަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން އިޚްލާސްތެރި ކަމާއެކު ފޯރުކޮށްދެވޭނޭ ފުރުޞަތު އޮތް ކަމަށް ޤަބޫލު ނުކުރެއްވޭތީ ކަމަށެވެ. އަދި އެ ބޭފުޅުންނަކީ ޢަދުލު އިންސާފުގެ ދާއިރާގައި ވަކީލުންގެ ގޮތުގައި މަސައްކަތް ކުރުމަށް މާތްﷲ ގެ ވަޖުޙްފުޅު ގަންދީ ހުވައެއް ކޮށްގެން ދެމިތިބި ބައެއް ކަމަށާއި، ވާޖިބު ފުރިހަމަ ގޮތުގައި އަދާނުކެރޭ ފަދަ ޙާލަތެއްގައި ތިބެ އެމަސައްކަތް ކުރުމަކީ އެބޭފުޅުންގެ ޟަމީރު ޤަބޫލުކުރާ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ރައީސް ނަޝީދުގެ މައްޗަށް މިހާރު ތުޙުމަތުކޮށްފައިވާ ޓެރަރިޒަމްގެ ކުށުގެ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއަކީ 2012 ވަނަ އަހަރު އެމަނިކުފާނުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި އުފުލި ‘ޤާނޫނާ ޚިލާފް ގޮތަކަށް ކުށްނުކުރާ މީހާކު ހިފައި ހައްޔަރުކުރުމުގެ ކުށުގެ ދަޢުވާ’ ސާބިތުކުރުމަށް އޭރުވެސް ހުށަހެޅި ހެކި ކަމަށް ގާނޫނީ ވަކީލުން ފާހަގަކުރެއްވި އެވެ. މި ލިޔުންތައް ތިން އަހަރު ވަންދެން ވަކީލުންގެ އަތުގައި ހުރިނަމަ ވެސް، އެ ލިޔުންތަކާއި ހެކިތައް ދިރާސާކުރަމުން ގެންދިޔައީ ފުރަތަމަ ކުރި ދަޢުވާގެ ދިފާޢު ބިނާކުރުމަށްޓަކައި ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
ރައީސް ނަޝީދާއި އެ މަނިކުފާނުގެ ސަރުކާރުގެ ދިފާއީ ބާރުތަކުގެ އިސްވެރިންގެ މައްޗަށް ކުރާ ޓެރެރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިލްސިލާކޮށް ކޯޓުން ހިތަށްއެރި ވަގުތަކުކަމަށް ޤާނޫނީ ގޮތުން ފުންނާބުއުސް އެތައްބަޔަކު ދަނީ ބުނަމުންނެވެ. އަދި އެއީ ދިވެހިރާއްޖޭގައި ކަންކުރެވެމުންދާ ޢާއްމު އުސޫލާއި، މުޅިން ތަޢަރަޒްވާކަންތައް ތަކެއް އެކުލެވިގެންވާ ޝަރީޢަތެއްކަމަށްވެސް ގިނަބަޔަކުދަނީ ބުނަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އީޔޫގެ ރިޕޯޓްގައިވާ އެންމެ ކަމެއް ފިޔަވައި އެހެން ހުރިހާކަމެއް ބަލައިގަނެވޭނެ – ނަޝީދު

އީޔޫ އިން ނެރެފައިވާ ރިޕޯޓްގައިވާ އެންމެ ކަމެއް ފިޔަވައި އެހެން ހުރިހާކަމެއް ބަލައިގަނެވޭނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު …

ޚިޔާލެއްދެއްވާ

avatar