ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްވި 130 ވަނަ ރޭޑިޔޯ ޚިޠާބު

بســم اللّـه الرّحمـن الرّحيــم

 السّـلام عليـكم

 މިއަދަކީ 13 ޖެނުއަރީ 2012 ވީ ހުކުރު ދުވަސް. ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލް އަޅުގަނޑު ތަޞްދީޤުނުކޮށް، އަލުން އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލުމާ ގުޅިގެން، ތެލަސީމިއާ ކުދިންގެ ބެލެނިވެރިން، އެކަމުގެ ހިތްހަމަނުޖެހުންތައް އެބަ ފާޅުކުރައްވާ. އަޅުގަނޑު މިއަދު މިކަމާ ގުޅޭގޮތުން ދެތިން ނުކުތާއެއް ފާހަގަކޮށްލަން ބޭނުން. ފުރަތަމަ ކަމަކަށް، މިހާރު ރާއްޖޭގައި ޞިއްޙީ ފަރުވާދިނުން، ޞިއްޙީ ޚިދްމަތް ދިނުން، މި ޚިދްމަތް ދިނުމަކީ، ޤާނޫނު ނަންބަރު 2011/15 އެއީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ ތެރެއިން ދެވޭގޮތަށް އިންތިޒާމު ކުރެވިފައި އޮތް ޤާނޫނެއް. އަދި އޮންނަ ނިޒާމެއް. [އާސަންދަ] ޕްރޮގްރާމް އަޅުގަނޑުމެން ފަށައިގެންއިރު، އެ އިންޝުއަރެންސް ޕްރޮގްރާމްގެ ކަވަރޭޖްގެ ތެރޭގައި ތެލަސީމިއާ ކުދިންނަށް ބޭނުންވާ ވަކި ޚާއްޞަ ކަންތައްތައް، އޭގައި ހިމެނިފައިނުވެ އޮތްކަމުން، ތެލަސީމިއާ ކުދިންނަށް ބޭނުންވާ ޚިދްމަތްތައް ހޯދުމުގައި، އިންޝުއަރެންސްގެ އުޞޫލުން ނުވަތަ ޚަރަދުތައް ފޫބައްދައިދިނުމުގައި، އެ އިންޝުއަރެންސްގެ ސްކީމް ބޭނުންކޮށްގެން، އެކަން ކުރުމަށް އޮންނަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައި.

ސަރުކާރުން މިހާރު ނިންމާފައިވަނީ، އާސަންދަ އިންޝުއަރެންސްގެ ތެރޭގައި، ތެލަސީމިއާ ކުދިންގެ ހުރިހާ ކަމެއް، އޭގެ ކަވަރޭޖްގެ ތެރޭގައި ހިމެނުމަށް. އޭރުން މިހާރުއްސުރެ ފެށިގެން ތެލަސީމިއާ ކުދިންގެ މައިންބަފައިންނަށްވެސް، އެކުދިންނަށް ބޭނުންވާ ވަކި ޚާއްޞަ ފަރުވާ ހޯދުމުގައި ކުރަންޖެހޭ އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެ. މުޅި ހުރިހާ ކަމަކީ އާސަންދަ އިންޝުއަރެންސްގެ ތެރޭގައި ހިމެނިގެންދާނެ ކަމަކަށްވާނެ.

 ވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ސީދާގޮތުގައި ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލެއް ގެނައުމަށް ތެލަސީމިއާ ގުޅޭ ބިލުން މަސައްކަތް ކުރެވިފައި އޮތްކަން، އެ ބިލް ބައްލަވައިލެއްވި ކޮންމެ ބޭފުޅަކަށްވެސް އެނގިވަޑައިގަންނަވާނެ. އެ ބިލް އޮތީކީއެއް ހަމައެކަނި ތެލަސީމިއާ ކުދިންނަށް ފަރުވާއެއް ހޯދައިދިނުމުގެ ނިޔަތުގައި ފަރުމާ ކުރެވިފައެއް ނޫން. މިއަދު އާސަންދަގެ އިންޝުއަރެންސްގެ ކަވަރޭޖްގައި ތެލަސީމިއާ ކުދިން ހިމެނުމުން، އެކުދިންނަށް ބޭނުންވާ ހުރިހާ ފަރުވާއެއް އިރާދަކުރެއްވިއްޔާ ލިބޭނެ. އަދި އެކަމަށް ހިނގާ ޚަރަދުތައްވެސް އިންޝުއަރެންސްގެ އުޞޫލުގެ ތެރެއިން ހަމަޖެހިގެންދާނެ. އެހެންވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ތެލަސީމިއާ ކުދިންގެ ބެލެނިވެރިން، އެކަމުގައި އެއްވެސް ހިތްހަމަނުޖެހުމެއް ނުވަތަ ހާސްކަމެއް އޮތުމުގެ މާނައެއް ނެތް. އިރާދަކުރެއްވިއްޔާ، އެކުދިންގެ ހުރިހާ ކަމެއްވެސް ސަރުކާރުން ދާނީ ބަލަހައްޓަމުން.

މިދިޔަ ހަފްތާގެ ތެރޭގައި، ސަރުކާރުން ވަނީ ސަރުކާރާ ގުޅޭގޮތުން ދޮގު ވާހަކަ ދައްކަމުން ގެންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އަނެއްކާވެސް ތަކުރާރުކޮށް ރައްޔިތުންނަށް ހަނދާންކޮށްދެވިފައި. ސަރުކާރުވެސް އަދި އަޅުގަނޑުވެސް، އަޅުގަނޑުމެންނާ ގުޅޭގޮތުން، ސަރުކާރާ ގުޅޭގޮތުން ކިޔާ ހުރިހާ ފާޑަކަށް ފިޔަވަޅު އެޅުމަކަށް އަދި އެ ކިޔާ ހުރިހާ ގޮތަކަށް ފިޔަވަޅު އެޅުމަކަށް ނުވަތަ ކަމެއް ކުރުމަކަށް ސަރުކާރަކުން ނުވިސްނާ. އަދި ކުރިއަށް އޮތް ތަނުގައިވެސް ނުވިސްނާނެ. އަދި އެފަދަ ކަމެއް ކުރާކަށް ސަރުކާރަކުން ނުމެ އުޅޭނެ.

 ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުޑަކޮށްވެސް ލޮޅުމެއް އަރާކަށް ސަރުކާރަކުން ބޭނުމެއް ނުވާނެ. އެހެން ނަމަވެސް، ކަނޑައެޅިގެން ދޮގު ވާހަކަ، ސަރުކާރާ ގުޅޭގޮތުން ދައްކައި، ރައްޔިތުންނަށް އޮޅުވާލައި، ވަކިން ޚާއްޞަކޮށް، އެއީ ދިވެހިރާއްޖެއަށް އެހެން ދީންތައް ގެނައުމަށް މި ސަރުކާރުން މަސައްކަތްކުރާ ކަމަށް ދައްކާ ދޮގު ވާހަކަތައް، އެ އިލްޒާމުން ބަރީއަވުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި މި ސަރުކާރުގެ ވާޖިބެއް. އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑު ދެކެން، އަޅުގަނޑު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް. މި ރާއްޖެއަށް އިތުރު ދީނެއް ގެނައުމުގެ ފިކުރަކީ، މަސައްކަތަކީ ދުވަހަކުވެސް އަޅުގަނޑުވެސް، އަޅުގަނޑު ނިސްބަތްވާ ޕާޓީވެސް އަދި މި ސަރުކާރުވެސް ކުރާނެ ކަމެއް ނޫން. ކުރަން ބޭނުންވާ ކަމެއްވެސް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެންނާއި ސަރުކާރާއި ރައްޔިތުންނާ އަދި އަޅުގަނޑާއި ރައްޔިތުންނާއި އަދި އަޅުގަނޑު ޕާޓީއާއި ރައްޔިތުންނާ ދެމެދު ޚިލާފު އުފެއްދުމަށްޓަކައި، ވިސްނުން ތަޣައްޔަރު ކުރުމަށްޓަކައި ކަނޑައެޅިގެން ބުހުތާނު ދޮގު ހައްދަވަމުން ގެންދިޔައިމާ، އެކަމަށް ސަރުކާރުން ފިޔަވަޅު އަޅަންޖެހޭނެ. އަދި އަޅުގަނޑުމެން އެކަމާ ސަރުކާރުން ފިޔަވަޅު އަޅާނަން.

އަޅުގަނޑުމެންނަށް މިދިޔަ ހަފްތާ ނިމިގެންދިޔައިރުގައި، ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ވަނީ ސަރުކާރުން ހުށަހެޅި މައްސަލައަކާ ގުޅޭގޮތުން ނިންމުމެއް ނިންމަވައި ދެއްވާފައި. ސަރުކާރުން ހުށަހެޅި މައްސަލައަކީ، މުސްލިމުންނަށް ދިނުމަށް އިސްލާމްދީން ހުއްދަނުކުރާ ޚިދްމަތްތަކެއް، ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް ދިނުމަކީ، އިސްލާމީ ޝަރީޢަތާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އަދި ރާއްޖޭގައި ޢަމަލުކުރާ ޤާނޫނުތަކާވެސް ޚިލާފު ކަމެއްތޯ އަދި މި ދިވެހިރާއްޖޭގައި މިހާރުވެސް ޢަމަލު ކުރަމުންދާ ޤާނޫނުތަކުގެ ދަށުން ފަތުރުވެރިންނަށް ޚިދްމަތްދޭ ތަންތަނުން މިފަދަ ޚިދްމަތްތައް ދެވިދާނެތޯ ނުވަތަ ނޫންތޯ، މިސުވާލާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމަވައިދެއްވުމަށް އެދި ބަންޑާރަނައިބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ، ސުޕްރީމް ކޯޓުން އިއްޔެވަނީ ނިންމަވައިދެއްވާފައި.

ސަރުކާރުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، ސަރުކާރަށް ފެނުނުގޮތުގައި، އިސްލާމްދީން ޙިމާޔަތް ކުރުމުގެ ނަމުގައި އުފުލި އަޑުތަކާއި، ދެކެވުނު ވާހަކަތަކާއި، ކުރެވުނު މުޒާހަރާތަކުގެ ސަބަބުން ރާއްޖެއަށް އިންވެސްޓްކުރާ އެތައް ފަރާތަކުން މި ރާއްޖޭގައި ކަންކަން އޮންނަނީ ކޮންގޮތަކަށްތޯއާ ގުޅޭގޮތުން ސުވާލު އުފެދި، ޝައްކު އުފެދި، ކިތަންމެ ފަރާތަކުން ސަރުކާރަށް މިސުވާލު ކުރިމަތިކުރުވާތީވެ އަދި އޭގެ ފުރިހަމަ ޖަވާބެއް ދިނުމަކީ، ސަރުކާރުގެ ވާޖިބެއް ކަމަށްވާތީވެ، ސަރުކާރުން މިދެންނެވި ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ.

 ސުޕްރީމް ކޯޓުގެ ނިންމެވުމުން، މުޅި މައްސަލައަށް ސާފުކަމެއް ނުލިބުނު ކަމުގައިވިޔަސް، އެ ނިންމުންތަކުން އަޅުގަނޑަށް ދެކަމެއް ފާހަގަކުރެވޭ. ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ، ދިވެހި ރައްޔިތުން އެހެން ދައުލަތެއްގެ މީހުންނާ މުޢާމަލާތް ކުރުން ހުރަސްނާޅާކަމާއި، ޝަރީޢާއާއި ދިވެހިރާއްޖޭގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙުދޫދުގެ ތެރެއިން ފަތުރުވެރިންނަށްދެވޭ ޚިދްމަތްތަކަށް ހުރަސްނޭޅޭނެކަމާއި، ޒަމާނުއްސުރެ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދެމުން ގެންދާ ޚިދްމަތްތަކަށް ހުރަސްއަޅާނޭ ޤާނޫނީ ސަބަބެއް ނެތްކަން. މި ނިންމުން މިއޮތީ ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމުން، މި ނުކުތާ، އަޅުގަނޑު މިދެންނެވި ނުކުތާ ވަރަށް ބޮޑަށް ސާފުވެފައި. އެއީ، ދިވެހިރާއްޖެއަށް، ދިވެހި ރައްޔިތުންނަށް، ބޭރު ޤައުމުތަކުގެ ރައްޔިތުންނަށް އެންމެހާ މުޢާމަލާތްތައް ކުރެވޭނެ ކަމަށް.

 ހަމައެއާއެކީގައި ނިންމާފައި މިވަނީ، ބަނގުރަލާއި އޫރުމަސް، ރާއްޖެ އެތެރެކޮށް، އޭގެ މުޢާމަލާތް ކުރުމާއި، ސްޕާތަކުގެ ޚިދްމަތް ދިނުމުގައި، މިހާރު ޢަމަލުކުރާ ޤާނޫނުތަކާއި، އެޤާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަކީ، ޞައްޙަ އޮނިގަނޑެއްކަން އަދި އެ އޮނިގަނޑު މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީއާ ތަޢާރުޒުނުވާކަން. އެހެންވީމާ، އަޅުގަނޑަށް ފެންނަނީ މިދެންނެވި ދެނުކުތާ ވަރަށް ފުރިހަމައަށް ސުޕްރީމް ކޯޓުގެ ނިންމުމުން ސާފުވެގެން ހިނގައްޖެ ކަމަށް. އަޅުގަނޑު ދެކޭގޮތުގައި، އަދި އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، މި ނިންމުމާ އެކުގައި މި ރާއްޖެއަށް އިންވެސްޓް ކުރަން ތިބި އިންވެސްޓަރުންވެސް އަދި މި ރާއްޖެއާ ގުޅޭގޮތުން ވިސްނާ ފަރާތްތަކަށްވެސް ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދާނެ. އެހެން ނަމަވެސް، އަދި ހަމަ އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން އެންމެންނަށްވެސް ސުޕްރީމް ކޯޓުން ސާފު ސާދާ އިތުރު ތަފްޞީލު، މިފަދަ ކަންކަމާ ގުޅޭގޮތުން ދެއްވުމަކީ، ކަންކަން ފަސޭހައިން ކުރިއަށް ގެންދިޔުމަށް ފަހިވާނެ ކަމެއްކަން.

 ސުޕްރީމް ކޯޓުގެ މި ނިންމުމާ އެކުގައި، އަޅުގަނޑު ދެކޭގޮތުގައި، ޤާނޫނުލްޢުޤޫބާތް ނިންމުމަށްވެސް ފަސޭހަވެގެންދާނެ. ޤާނޫނުލްއުޤޫބާތުގައި ކުށަކީ ކޮބައިތޯ ކަނޑައެޅޭނެ ކަންކަން، ސުޕްރީމް ކޯޓުގެ މި ނިންމުމުން، އޭގެ ޙުދޫދުތައް، އޭގެ އިންތައް އަޅުގަނޑު ހިތުން ސާފުވެގެން އެބަދޭ.

 އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

 والحمد للّـه. والسّـلام عليـكم.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ ގުރެޖްއޭޝަން ބާއްވައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ ގްރެޖްއޭޝަން ޙަފްލާ އެސްކޫލްގައި ރޭ ބާއްވައިފިއެވެ. ވަރަށްކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ބޭއްވި ޙަފްލާގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި، …

ޚިޔާލެއްދެއްވާ

avatar
އާދަންފުޅު
އާދަންފުޅު

ވަރަށް ސަޅި ދޯ.

wpDiscuz