ނ.އަތޮޅުހޮސްޕިޓަލް ހިންގުމާއި، މިހާރު ޙަވާލުވެހުންނެވީ ލަންދޫ މީހެއް.

ނ.އަތޮޅުހޮސްޕިޓަލްގެ ބޭސްފިހާރަހުޅުވުމުގެ ރަސްމިއްޔާތުގައި އެހޮސްޕިޓަލްގެ މެނޭޖަރ އަލްފާޟިލް ފަރުޙާދު ހުސެއިން ވާހަކަދައްކަވަނީ / ފޮޓޯ: މަނަދޫލައިވް

ނ.އަތޮޅުހޮސްޕިޓަލް ހިންގުމާއި، މިހާރު ޙަވާލުވެހުންނެވީ ނ.ލަންދޫގެ ޒުވާނެކޭ ބުނުމުން ދެންވިދާޅުވާނީ ކީކޭތޯއެވެ. ކޮންމެއެއްޗެކޭ ވިދާޅުވިޔަސް ފަރުވާލެއްނެތެވެ. ނޮދާރން ހެލްތް ކޯޕަރޭޝަންގެ ދަށުން ހިންގަމުން އަންނަ ނ.އަތޮޅު ހޮސްޕިޓަލް ހިންގުމާއި، މިހާރުޙަވާލުވެ އެހޮސްޕިޓަލްގެ މެނޭޖަރގެމަޤާމްގައި ހުންނެވީ ނ.ލަންދޫ ސާމާރާގެ އަލްފާޟިލް ފަރުޙާދު ހުސެއިން އެވެ. މިއީ އަޅުގަނޑުމެން ލަންދުއަށް ނިސްބަތްވާ ކޮންމެ މީހަކުވެސް ލަންދޫގެ ރައްޔިތެއްގެ ހައިސިއްޔަތުން އުފާކުރަންޖެހޭ ޙަޤީޤަތެކެވެ.

ނ.އަތޮޅަކީ ރާއްޖޭގެ ނިސްބަތުން ބައިމަދު އަތޮޅެކޭ ނުދެންނެވޭނެއެވެ. އަދި ހަމައެހެންމެ ނ.އަތޮޅު ހޮސްޕިޓަލް ހުރި ނ.މަނަދުއަކީވެސް އަތޮޅުގެ ނިސްބަތުން ބައިމަދު ރަށެއްވެސް ނޫނެވެ. ކޮންމެ ދުވަހަކު އެތައް ބައިވަރު ބަޔަކު އަތޮޅުގެ އެކިރަށްރަށުން ސިއްޙީ ޚިދުމަތް ލިބިގަތުމަށް ދާ ނ.އަތޮޅުހޮސްޕިޓަލް ހިންގުމަކީ ކުޑަޒިންމާއެއްނޫނެވެ. ޑޮކްޓަރުންނާއި، ނަރުހުންގެ އިތުރުން، އިތުރު އެތައްބައިވަރު މުވައްޒަފުން ތަކެއްގެ ބަލަދުވެރި ފަރާތެއްގެ ގޮތުގައި ހުންނަވާ ބޭފުޅަކީ އެފަދަކަމަކަށް ޤާބިލް ކަމުގެތަޖްރިބާހުރި ފަރާތަކަށް ވެގެންނޫނީ މިފަދަ ބޮޑު މުއައްސަސާއެއް އެކަށީގެންވާ ރަގަޅު އަދި ހަރުދަނާ ނިޒާމެއްގެ ދަށުން ނުހިންގޭނެއެވެ. މިފަދަބޮޑު ޒިންމާއެއް އެފަދަ ހުނަރުވެރިކަމެއް ހުރި ބޭފުޅަކާ ނޫނީ ސަރުކާރުން ހަވާލު ނުކުރައްވާނެކަމީވެސް ޤަބޫލު ކުރަންޖެހޭ ކަމެކެވެ. އެހެން އެކަން ނުވެއްޖެނަމަ، ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކާއި، ތަނުގައި ޚިދުމަތް ދިނުމަށް ތިއްބަވާ ބޭފުޅުންވެސް އިސާހިތަކު ވެރިމީހާދެކެ ފޫހިވެ ހިތްހަމަނުޖެހުން ސިއްރާއި، ފާޅުގައި ދައްކަން ފަށާފާނެއެވެ. މިޒަމާނުގެ ބަހުރުވައިން ދަންނަވާނަމަ ބޮލަށް އަރަންފަށާފާނެއެވެ.

ނ.އަތޮޅު ހޮސްޕިޓަލް ހިންގުމާއި، ޙަވާލުވެ އެކިދުވަސްވަރުގައި ތިއްބެވީ އެކިބޭފުޅުންކަންވެސް މިފުރުޞަތުގައި ފާހަގަކުރަމެވެ. ކޮންމެ ބޭފުޅަކުވެސް އަދި މިހާތަނަށް ވެފައިމިވަނީ ދުވަސްކޮޅެއްގެމެހްމާނަކަށެވެ. ކޮންމެވެސް ސަބަބަތުތަކެއް މެދުވެރިވެގެން ހޮސްޕިޓަލް ދޫކޮށްލަވާފާ ވަޑައިގަންނަވަނީއެވެ. ބައެއްފަހަރު ހޮސްޕިޓަލް ހުންނަ ރަށުގެ ބައެއްބޭފުޅުންގެ ބަސްމަގުހުންނަގޮތުންވެސް މެއެވެ. އަނެއްބައިފަހަރު އެބޭފުޅަކަށް ސަރުކާރުން އެއްބާރުން ނުދެއްވައިގެންވެސް މެއެވެ. ގިނަފަހަރަށް ގިނަބޭފުޅުން ނ.އަތޮޅު ހޮސްޕިޓަލް ދޫކޮށްލައްވާފާ ދުރަށްވަޑައިގަންނަވަނީ އެބޭފުޅުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކޮންމެވެސް ކަމެއްގައެވެ.

އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުވެސް ނ.އަތޮޅުހޮސްޕިޓަލްގައި މިފަދަ ވަރަށްބައިވަރު ގޮންޖެހުން ތަކެއް އެބަހުއްޓެވެ. ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއްނެތެވެ. ޑރ. ޒަމީރު، އޭނަގެ ދަރިފުޅުގެ އެކްސިޑެންޓާއިއެކު މަނަދޫ ދޫކުރެއްވިފަހުން އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކުވެސް ނެތެވެ. މަނަދޫގެ ރައްޔިތުންނާއި، އަތޮޅުގެ އެހެންރަށްރަށުގެ މީހުން މިކަންކަމާ ދަނީ އިންތިހާއަށް ޝަކުވާ ކުރަމުންނެވެ. އެކަމަކު ހައްލެއްލިބޭނީ ސަރުކާރުން ނުވަތަ ކޯޕަރޭޝަނުން މިކަމަށް ހައްލެއް ހޯދައިދިނިއްޔާ ތާއެވެ.

ކޮންމެއަކަސް މަނަދުއަކީ އަތޮޅުގެ އާބާދީގެ ގޮތުން ތަނަވަސް ރަށަކަށްވެފައި ތަޢުލީމީ ބޭބޭފުޅުން ސިއްހީދާއިރާގެ އެކިއެކި ވަޒީފާ ތަކުގައިވެސް ތިއްބެވިއިރު، އެއިން އެއްވެސް ބޭފުޅަކަށް ނ.އަތޮޅު ހޮސްޕިޓަލް ހިންގުމާއި ހަވާލުނުވެންވީ ސަބަބަކީ ކޮބައިބާއޭ މިހާރު އަޅުގަނޑުގެ ހިތަށް އެބައަރައެވެ. މިއީ މިއަދު ޚުދު މަނަދޫ ރައްޔިތުންވެސް އެމީހުންގެ ހޮޅު އަށިތަކުގައި ފުޅާދާއިރާއެއްގައި ބަހްސް ކުރަމުން އަންނަ މަޢުޟޫއެކެވެ. އެއްބަޔަކު ބުނަނީ އެއީ އެފަދަ ޤާބިލް  ބޭފުޅަކު ނެތީކަމުގައެވެ. އަނެއްބަޔަކު ބުނަނީ ޤާބިލް ބޭފުޅުން ތިބިކަމުގައިވިޔަސް ރަށު މީހުން ރަށަށް ކަމުނުދަނީ ކަމުގައެވެ. މިގޮތަށް ދިފާޢުކުރާ މީހުން މިސާލަކަށް ދައްކަނީ ރަށުސްކޫލެވެ. އާދެ ނ.އަތޮޅު މަދަރުސާއެވެ.

ކޮންމެއަކަސް ލަންދޫ މީހަކަށްވެ ހުރެ މަނަދޫގެ ރަށުވަންތަ މައްސަލައެއްގައި ކަމުގެ މާބޮޑުމަޢުލޫމާތެއް ނުފިލާމެހުރެ މިކަމާމެދު ވާހަކަދެއްކުމަކީ އަޅުގަނޑު ދެކޭގޮތުގައި ފަހަރުގައި މަނަދޫރައްޔިތުންނަށް ކުރެވޭ ބޭއިންސާފަކަށް ވެދާނެއެވެ. އެހެންކަމުން އެކަމުގެ ތެރެއަށް އަޅުގަނޑު ވަންނާކަށް ނެތީމެވެ.

އަޅުގަނޑުގެ ހަމައެކަނި ބޭނުމަކީ މަނަދޫކަހަލަ އާބާދީ ބޮޑު އަދި އަތޮޅުގެ ނިސްބަތުން ތަރައްޤީވެފައިވާ ރަށެއްގައި ޤާއިމްވެފައިވާ ނ.އަތޮޅު ހޮސްޕިޓަލްގެ ވެރިއަކަށް ﷲގެ ހެޔޮ ރަޙްމަތްފުޅާއި، އިރާދަފުޅުން މިއަދު ހަމަޖެހިފައިވަނީ އަބާދީގެ ގޮތުންނާއި، ތަރައްޤީއާއި، ތަޢުލީމީ ގޮތުންވެސް މާބޮޑު ކުރިއެރުމެއް ނުލިބޭ ލަންދޫ އުފަން ދަރިއެކޭ ބުނެލުމުގެ ފަޚުރު ލިބިގަތުމެވެ. އެހެން އެއްވެސް އަމިއްލަމަސްލަހަތެއް އަދި ޒާތީ ތަޢައްޞަބެއް މިކަމުގައި އަޅުގަނޑުގެ ނެތެވެ.

ހެޔޮކަންކަމަށް ގޮވާލާ ހޮޔޮޢަމަލް ކުރުންމަތީ ދެމިތިބޭ ހެޔޮލަފާ މީހުންނަށް މާތްﷲ ހެޔޮގޮތް މެދުވެރި ކުރައްވާނެއެވެ.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

ޓީމެއްގެ ގޮތުގައި ކުޅެ ލަންދޫޓީމުގެ ފެށުން ރަނގަޅުކޮށްފި

.އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ ޝިޔާމް-މަޢުރޫފް ސޮކަކަޕްގެ ފުޓްބޯޅަމުބާރާތުގެ މިއަހަރުގެ މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު …

ޚިޔާލެއްދެއްވާ

avatar
wpDiscuz