ހައްވަދައިތަގެ ހިތްވަރުން ހިތްވަރު ލިބިގަންނަމާ

ކުއްލިއަކަށް އިނާމްތައް ލިބޭފަރާތްތަކުގެ ނަންތައް އިޢުލާންކުރަން ހުރި ދަރިވަރުގެ އަޑާއި ، ރާގު ބަދަލުވެއްޖެއެވެ. ފުރިބާރުވެފައިވާ މާލަމުގައި ތިބި އެންމެހާ ބޭފުޅުން ވަކިކާމިޔާބެއް ހާސިލްކުރެއްވި ފަރާތެއްގެ ޝަރަފުގައިކޮޅަށް ތެދުވެ ތަރުޙީބުގެ އަތްތިލަބަޑިން މުޅިމާލަން ގުގުމާލަ ދިނުމަށް އިޢުލާން ކުރެއްވިއްޖެއެވެ. ހަމަ އެއާއިއެކުނުހަނު ޖޯޝާފޯރީގައި އެހެނަސް މުޅިންތަފާތުގޮތަކަށް ވަރަށް ހާއްޞަނަމެއް އިޢުލާން ކުރެވިއްޖެއެވެ. ހާއްޞަ ފަރާތުގެނަން އިޢުލާންކުރެވުމާއި އެކު ޖަލްސާކުރާމާލަމުގައި ތިބި ކުދިބޮޑު އެންމެން ކޮޅަށް ތެދުވެ މުޅިމާލަން ތަރުހީބުގެ އަތްތިލަބަޑީގެ އަޑުން ގުގުމާލަދީފިއެވެ. ދެންފެނިގެން ދިޔައީ ހާޒިރުވެ ތިބި ގިނަބައެއްގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހޮރެމުންދިޔަ މަންޒަރެވެ

ޖަލްސާ ހުށައަޅަށް އެރި ދަރިވަރުގެ އަޑާއި ރާގުބަދަލުވެ އިއުލާން ކުރެވިގެން އެދިޔައީ ކީރިތި ޤުރުއާންގެ ތިންފޮތް ހިތުދަސްކޮށް ކިޔައިދިން އުމުރުން މިއަދު ފަންސާހުން މަތީގެއަހަރުތައް ގުނަމުން އަންނަ ނ.ލަންދޫ ފުސްފަރު އަލްފާޟިލާ ހައްވާ ދައޫދޫ (ހައްވަދައިތަ) ގެ ނަމެވެ.  

ނ.ލަންދޫގައި ކީރިތި ޤުރާންގެ ޢިލުމު ފެތުރުމުގައި އެންމެ އިސްދަޢުރެއް މިއަދު އަދާކުރަމުން ގެންދާ ތަރުތީލުލް ޤުރުއާން އިންސްޓިޓިއުޓް (ޓީކިޔުއައި) ގެ ފަރާތުން މިއަހަރު ހުޅުވާލި ކީރިތި ޤުރުއާން ހިފްޠް ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވެ ބައެއް ދަރިވަރުން އެއްފޮތް ދަސްކޮށްފައިވާއިރު ހައްވަދައިތައަކީ މިޕްރޮގްރާމުގެ ދަށުން މިހާތަނަށް ތިންފޮތް ހިތުދަސްކޮށް ކިޔައިދިން ހަމަ އެކަނި ފަރާތެވެ.

ޤުރުއާން ހިތުދަސް ކުރުމަށްޓަކައި ހައްވާދައިތަ ކުރަމުން އެގެންދާ މަސައްކަތަކީ މިއަދުގެ ޒުވާނުންނާއި ތުއްތުކުދިންނަށް އަދި ހުރިހާ ޢުމުރު ފުރައެއްގެ މީހުންނަށްހުރި ރިވެތި ނަމޫނާއެކެވެ. ހައްވަދައިތަ ހާމަކުރެއްވި ގޮތުގައި ކިރީތި ޤުރުއާން އުނގެނި ދަސްކުރުމަކީ ވަކި ޢުމުރަކަށް ވަކިބަޔަކަށް އޮތްކަމެއްނޫނެވެ.

ހައްވަދައިތަ ހާމަ ކުރެއްވި ގޮތުގައި ހައްވަދައިތައަށް ރިވެތިކޮށް، ރީއްޗަށް  ރަނގަޅުގޮތުގައި ޤުރުވާން އުނގެނި ދަސްކުރުމުގެ ފުރުޞަތެއް ނުލިބިހުއްޓައި ، އެފުރުޞަތު ލިބިގެން ދިޔައީ ޓީކިޔުއައިން ހުޅުވާލި ފުރުޞަތާއި ގުޅިގެންނެވެ. ޤުރުއާން ކިޔަވާ ހިތުދަސްކުރުމުގެ މަސައްކަތަކީ ހައްވަދައިތަ ނުހަނު ޝަޢުޤުވެރިކަމާއި އެކު ކުރަމުން އަންނަ މަސައްކަތެއްކަމަށް ހައްވަދައިތަ މަޢުލޫމާތު ދެއްވައެވެ. ” ލިބޭހުރިހާ ހުސްވަގުތެއްވެސް މިހާރު ހޭދަކުރެވެނީ ކީރިތި ޤުރުއާންކިޔެވުމަށާއި ، ޤުރުއާން ހިތުދަސްކުރުމުގަ ” މިހާރު ރީތި ރާގަކަށް ޤުރުއާން ކިޔަވަމުން އަންނަ ހައްވަދައިތަ ބުނެލިއެވެ.

ޤުރުއާން ކިޔެވުމާއި ދަސްކުރުމުގެ ޝަޢުޤުވެރިކަމުގައި އެކަން ކުރަމުން އަންނަ ހައްވަދައިތަގެ ނަސޭޙަތަކީ ކޮންމެ ކުއްޖަކުވެސް އަދި ކޮންމެ މީހަކަވެސް ޤުރުއާން ހިތުދަސް ކުރުމަށް ވަރުގަދަ އަޒުމެއް ކަނޑައަޅައި އެކަން ހާސިލްކުރުމަށް މަސައްކަތް ފެށުމެވެ. ލިބޭ ހުސްވަގުތުތައް ބޭކާރުގޮތުގައި ދޫކޮށް ނުލައި ލިބޭ ކޮންމެ ހުސްވަގުތެއް ޤުރުއާންކިޔެވުމުގައި ހޭދަކުރުމެވެ.

ކޮންމެ ކުއްޖަކުވެސް އަދި ކޮންމެ މީހަކުވެސް ހައްވަދައިތަގެ ނަސޭޙަތް އަހާ ، ހައްވަދައިތަގެ ހިތްވަރުން ހިތްވަރުލިބިގަނެ އަވަހަށް މަސައްކަތް ފަށަމާހިނގާށެވެ. ހުސްވަގުތުގެ އެންމެގާތް އެކުވެރިޔަކީ ކީރިތި ޤުރުއާން ކަމުގައި ހަދަމާ ހިނގާށެވެ. އޭރުން ދެދުނިޔޭގެ ފަލާހާއި ކާމިޔާބު ލިބިގެންދާނެއެވެ.   

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މުޅިލަންދޫ ފަޙްރުވެރިވާ ފޮޓޯގްރާފަރ

ފުރަތަމަ ސްމާޓްފޯނެއް އަތުޖެހުނު ހިސާބުން 2013 އިން ފެށިގެން ފޮޓޯގްރަފީގެ ތެރެއަށް ވަދެވުނު ނ.ލަންދޫ ފުޅޮއި އަލްފާޟިލް އަޙްމަދު އިލްހާމް …

ޚިޔާލެއްދެއްވާ

avatar
wpDiscuz